ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަތުރުކުރެއްވި ކާރުކޮޅު ހުއްޓުވާފައި ---

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން ރޭ ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން ރޭ އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިޙްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑު 15 މިނެޓު ވަންދެން ހުއްޓުވަައި ބާއްވައިފައެވެ.

އެކަމާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ބުނީ، ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް މިހާރު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި ބާކީ ތިބީ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން އިދިކޮޅުން ރޭ ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ޝަރުތުކުރުމަށް ފަހު އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް