ރައީސް ސަލާމަތްވީ ނުރައްކާތެރި ހާލަތަކުން: މެންބަރުންގެ ނުރުހުން ސަލާމަތީ ބާރުތަކަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަތުރުކުރެއްވި ކާރުކޮޅު ހުއްޓުވާފައި--

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދަތުރުކުރެއްވި ކާރުކޮޅު އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުން ހުއްޓުވައިގެން ރޭ ހިނގި ހާދިސާއަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

ޕީޕީއެމް ދިދަ ހިފައިގެން، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑު 15 މިނެޓު ވަންދެން ހުއްޓުވަައި ބާއްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ކާރުކޮޅު އަނބުރާލަނީ--

އެ މައްސަލައިގައި މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން، އެންމެ މަތީ ސެކިއުރިޓީ ދޭން ޖެހޭ ބޭފުޅެއްގެ ކާރުކޮޅު 15 މިނެޓު ވަންދެން ހަމަނުޖެހުމެއްގެ ތެރޭގައި ބާއްވަން ޖެހުމަކީ 'މަރުގެ އެތިފަހަރެއް' ކަމަށް ވިދާޅުވެ، މެންބަރުން ވަނީ އެ ކަމުގައި ސަލާމަތީ ޚިދުމަތްތަކުން އަމަލުކުރި ގޮތުގެ ތަފުސީލު ހޯދަން ނިންމައިފައެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މި މައްސަލައިގައި އެ ކޮމެޓީން ބަލަން ޖެހޭ ދެ މައްސަލައެއް އެބައޮތް ކަމަށް އޭނާ ގަބޫލުކުރައްވައި ކަމަށެވެ.

"އެއް ކަމަކީ މޮޓޯކޭޑު ދަތުރު ކުރާ ރޫޓު ބަލައި ޗެކް ކުރިތޯ؟ ނޫނީ ގަސްތުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅީތޯ؟" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮޑީގާޑުކަން ވެސް ކުރިން ކުރެއްވި ގަޕޯ މިއަދު ވިދާޅުވިއެވެ.

އޭނާގެ ހުށަހެޅުމަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ފުރުސަތު ލިބިގެންނުވާނެ ކަމަށެވެ. އެހެންވެ، ހަމަނުޖެހުމެއްގެ ތެރެއަށް ރައީސްގެ ކާރުކޮޅު ވަދެ، އެ ހަމަނުޖެހުމަށް ފުރުސަތު ފަހިވީ ގޮތެއް ހޯދަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި އެއް ބޮމުގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނުކަން ފާހަގަކުރައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ މި ފަދަ ހާލަތެއް އައުމުގެ ފުރުސަތު ދިނުމަކީ ވެސް ސެކިއުރިޓީ ފެއިލްވުން ކަމަށް ސިފަ ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ އެ ފަހަރު ހިނގި ހާދިސާއާ ގުޅިގެން އެކުލަވައިލި ރިޕޯޓުގައި ވެސް ރެކޮމެންޑޭޝަންތަކެއް ހުރި ކަމަށާއި މި ފަދަ ހާދިސާތައް ތަކުރާރު ވަނީ އެ ކަންކަން ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮމްޕްރޮމައިޒް އެއް ނުކުރެވޭނެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ކަހަލަ ހާލަތަކަށް ދާން ދޫކޮށްލައިގެން ތިބުން. އޯކޭ، މާ ބޮޑު ކަމެއް ނުހިނގައިފާނެ އެކަމަކު އެކަހަލަ ސިޓުއޭޝަނަކަށް އެންވަޔަރެމަންޓް ކްރިއޭޓް ކުރެވޭނެ ޖާގައެއް، ކުރެވޭނެ ފުރުސަތެއް، އެ ކަހަލަ ފުރުސަތެއް ކްރިއޭޓް ވެގެން ނުވާނެ،" އިލްޔާސް ވިދާޅުވިއެވެ.

މި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސްގެ ކޮއްކޯފުޅު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވިދާޅުވީ އެ ފަދަ "ކްރައުޑެއްގެ" ތެރެއަށް ވަދެ، އެތައް އިރެއް ހޭދަ ކުރުމަށް ފަހު އަނބުރާލައިފާ ދާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަލީ ނިޔާޒު ވިދާޅުވީ އެ ތަނަކީ މުޅި ރާއްޖޭގެ ރައްޔިތުން އެއްވެފައި އޮތް ތަނެއް ނޫން ކަމަށާއި މަގު ކްލިއާ ނުކުރެވުމުގެ ސަބަބުން ރައީސްގެ ކާރުކޮޅު 15 މިނެޓު މަޑު ކޮށްފައި، އަނބުރާލަން ޖެހުމަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އަނބުރާލަން ޖެހޭ ވަރުގެ މުޒާހަރާއެއް ނުހިނގާ ކަމަށާއި އެ މައްސަލަ ތަފުސީލީ ގޮތެއްގައި ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅަށް ނިސްބަތްވާ މެންބަރު އާދަމް ޝަރީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވެސް ވިދާޅުވީ މޮޓޯކޭޑު އަނބުރާލަން ޖެހުމަކީ ގޯހެއް ކަމަށެވެ.

"މިހުރީ ވަރަށް ކަންބޮޑުވާން ޖެހޭ ކަންތައްތައް ހަގީގަތުގައި، އަޅުގަނޑު ދެން އެހާ ދައްކާހިތްވާ ވާހަކައެއް ވެސް ނޫން އެކަމަކު ސަލާމަތީ ޚިދުމަތްތަކުން މި ހިނގަމުންދާ ބައެއް ކަންތައްތަކާ ދޭތެރޭގައި ސުވާލު އުފައްދާ ކަންތައްތަކެއް އެބަހުރި." މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ވިދާޅުވިއެވެ.

އެހެންވެ، އޭނާ ވަނީ މި ހާދިސާ ހިނގާ ދިޔަ ގޮތުގެ އިންސިޑެންޓް ރިޕޯޓު ހޯދައި، އެ އިދާރާތައް ވަކިން ކޮމެޓީއަށް ހާޒިރުކުރަން ހުށަހަޅުއްވައިފައެވެ.

ކޮމެޓީން މިއަދު ނިންމީ އެ މައްސަލައިގައި ކަން ހިނގި ގޮތް އިތުރަށް ސާފު ކުރަން، މައްސަލަ ހިނގާ ދިޔަ ގޮތުގެ އިންސިޑެންޓް ރިޕޯޓު ހޯދާށެވެ. ކޮމެޓީ ނިންމާލަމުން މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ހާދިސާ ހިނގާދިޔަ ގޮތް ހޯދަން، ސަލާމަތީ ޚިދުމަތްތަކަށް ސިޓީއަކުން ދަންނަވާނެ ކަމަށެވެ.

comment ކޮމެންޓް