މި އަހަރުގެ ރެހެންދި އެވޯޑް ހަ އަންހެނަކަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށް ދީފިއެވެ.
އަންހެނުންގެ މަސައްކަތްތަކާއި ހިދުމަތްތައް ފާހަގަކޮށް ދޭ "ރެހެންދި އެވޯޑް" ދީފައި ވަނީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކުރައްވައި އެވޯޑު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި އަހަރުގެ ރެހެންދި އެވޯޑް ހާސިލުކޮށްފައި ވަނީ:
- ލީޑާޝިޕް އެންޑް ގަވަނަންސް ދާއިރާއިން ރުޤިއްޔާ އިބްރާހީމް
- އިޖުތިމާއީ ދާއިރާއިން ޙުސްނާ ފަހުމީ
- އިޖުތިމާއީ ދާއިރާއިން އައިމިނަތު އިބްރާހީމް
- އިޖުތިމާއީ ދާއިރާއިން ރަޝީދާ އިބްރާހީމް
- އިޖުތިމާއީ ދާއިރާއިން ޒީނާ ޒާހިރު
- ނޮން ޓްރަޑަޝަނަލް ރޯލްސް އަދާކުރުމުގެ ދާއިރާއިން އައިމިނަތު ޝިމާނީއެވެ.
މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން އެމްޓީސީސީއަށް ވެސް ވަނީ ރެހެންދި އެވޯޑް ދީފައެވެ. މިއީ ވޭތުވި އަހަރުތަކުގެ ތެރޭގައި އާންމުކޮށް އަންހެނުން އަދާނުކުރާ ވަޒީފާތަަކަށް މީހުން ނެރެން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެ ކުންފުންޏަށް ދިން އެވޯޑެކެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ރެހެންދި އެވޯޑަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން ގެންދާ ޙާއްސަ އެވޯޑެކެވެ.
މި އެވޯޑު ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ގައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުން ހިމެނެއެވެ.
މިރޭ ބޭއްވި ޖަލްސާގައި ވަނީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "މަދަދުގާރު"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަންއެއްވެސް އިފްތިތާހުކޮށްފައެވެ. އެ އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
މަދަދުގާރު އެޕް ފަރުމާ ކޮށްފައި ވަނީ މައުލޫމާތު ހޯދައި، ފަސޭހައިން އެހީއަށް އެދެވޭނެ ގޮތަކަށެވެ. އެގޮތުން ގެވެށި އަނިޔާއާ ބެހޭ ގޮތުން މައުލޫމާއި އެ އަނިޔާ ލިބޭ މީހުންނަށް ރާއްޖެއިން ލިބެން ހުރި ޚިދުމަތްތައް އެ އެޕްލިކޭޝަނުން އެނގެން ހުންނާނެއެވެ.
މީގެ އިތުރުން މި ޖަލްސާގައި އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދު ކުދިންނަށް އަމާޒުކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ސައްހަ މައުލޫމާތު ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ކުދިންނަށް ފޯރުކޮށްދިނުމަށް ޔޫއެންއެފްޕީއޭ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ 06 އެޕިސޯޑުގެ މައްޗަށް އެކުލެވޭ "އެމޭޒް" ވިޑިއޯ ސީރީސްގެ ފުރަތަމަ ވިޑިއޯ ވަނީ އާންމުކޮށްފައެވެ.