ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން ހޯދަމުންދާ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު ނިޒާމް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދު މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތަކާ ގުޅޭ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، ރޭގެ ވަގުތެއްގައި ފަސް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. މި އެންމެންނަކީ ވެސް ފައިހު ފޮރުވައިގެން އުޅުމުގެ ތުހުމަތުގައި މާލޭ ސަރަހައްދުން ހައްޔަރުކުރި ބަޔެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ ބާކީ ތިބި ދެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުންނަށް ނުފެނިގެން އުޅޭ ފައިޚު ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. އެފަހުން މަސް ދުވަސްވީއިރު ވެސް އޭނާ ނުފެނިގެން، ދެވަނަ ފަހަރަކަށް އޭނާ ހޯޑަން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ފުލުހުންގެ ހޯދަމުން އަންނަ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު -- (ފޮޓޯ/ ފުލުހުން)
ފުލުހުން ވަނީ އޭނާ ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހުރި ނަމަ 9911099 ނުވަތަ ހޮޓްލައިން ނަންބަރު 3322111އަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދޭން ރައްޔިތުންގެ ކިބައިން އެދިފައެވެ.
މި ފަހަކަށް އައިސް މާލޭގައި ހިންގާ ސިލްސިލާ މާރާމާރީތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެފަދަ މާރާމާރީގައި ތޫނު ހަތިޔާރު ދަނީ ބޭނުންކުރަމުންނެވެ. މި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން، މިފަހުން މާލޭގެ ފިހާރައަކަށް ވަދެ ދިން ހަމަލާއެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ.