ޙާފިޡަކަށް ވުމަށްފަހު އެކަން ދެމެހެއްޓުމުގައި ފަރުވާ ކުޑަވޭ: ރައީސް

ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ޤުރުއާން ހިތު ދަސްކޮށް، ޙާފިޡުކަމުގެ ސަނަދު ހާސިލްކުރި ނަމަވެސް ފަހުން ޙާފިޡުކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ދަށްކަން ފާހަގަވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޤުރުއާން ހިތުދަސް ހާފިޡުން ރާއްޖޭގައި މަދެއް ނޫން ކަމަށެވެ.

ޤުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން ގެންގުޅޭ މީހުން ވެސް ގިނަ ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ހާފިޡަކަށް ވުމަށްފަހު ހާފިޡެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ހާފިޡުން ގެންނަން ޖެހޭ އަދަދުން އަޅުގަނޑުމެންނަށް އެ ކަން ފާހަގަވެގެންދޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް 200 އަށްވުރެ ގިނަ ޙާފިޡުން ރަމަޟާން މަހާ ދިމާކޮށް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މި ކަމާމެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އަަޅުގަނޑުމެން އުނގެނެން ފަށަނީ ކީރިތި ޤުރުއާން. އެންމެ އިހުއްސުރެ މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންގެ އެ ރީތި އާދަ އެގޮތުގައި ދެމި އޮތުމަކީ އަޅުގަނޑުމެންގެ ހެޔޮ ނަސީބު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެފަދަ ރީތި އާދަތަކާއެކު ކީރިތި ޤުރުއާނުގެ ދާއިރާއިން ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޤުރުއާނުން އިޖްތިމާއީ، ދީނީ، އަޚްލާޤީ މައްސަލަތަކަށް ހައްލު ލިބެން އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަން ކުރެވޭނީ ކީރިތި ޤުރުއާނުގައިވާ ޢިލްމީ ދާއިރާތަކުން އަަޅުގަނޑުމެންގެ ސިކުނޑިތައް އިތުރަށް ހުޅުވައިގެން. ސްކޫލުތަކުގައި ތަޖުވީދުގެ މަގުން ކިޔަވައިދޭ އަދި ހިތުދަސްކޮށްދޭ މާއްދާތަކަށްވުރެ ކީރިތި ޤުރުއާނުގެ ދާއިރާ މާ ފުޅާ. ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް ޒަމާނީ ޓެކްނޮލޮޖީއާއި ސައިންސުގެ އަލީގައި ކުރެވޭ ދިރާސާތަކުން އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެ ކަށަވަރުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތި ރާގުތަކުގައި ޤުރުއާން ކިޔެވުމަށް ދިވެހީންގެ އެކި އުމުރުފުރައިގެ މީހުން ޝައުގުވެރިކަމާ އެކު ދަސްކުރަމުން އަންނަ ކަމަށެވެ.

އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދިނުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް