ޕާކިސްތާނުގައި އިމްރާން ޚާން އާ ދެކޮޅަށް މިހިންގަނީ ކިހާވަރެއްގެ ނުރައްކާތެރި ކަންތައްގަނޑެއް؟

އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން އާއި އޭނާގެ ޕާޓީކަމަށްވާ ތަހްރީކޭ އިންސާފަށް މިހާރު ކުރިމަތިވެފައިމިވަނީ ކޮންކަހަލަ ކަންތައްގަނޑެއް ހެއްޔެވެ؟ މިއީ ޕާކިސްތާނުގެ އެއްވެސް ޕާޓީއަކަށް އަދި ފަރުދީގޮތުން ވަކި ލީޑަރަކަށްވެސް މިހާތަނަށް ކުރިމަތިވެފައިނުވާވަރުގެ ބޮޑު ސިޔާސީ ކަންތައް ގަނޑެކެވެ.

އިމްރާން ޚާނަށް ކުރިމަތިވެފައިވަނީ ރެޕްރެޝަންގެ ހަމަލާތަކާއި ޕޮލިޓިކަލް ޓެރަރިޒަމްގެ ބިރުދެއްކުންތަކެކެވެ. މިކަމުގެ ފަހަތުގައިވަނީ ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެގައުމުގެ އެންމެ ކޮރަޕްޓް އަދި އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ބުއްޓޫ އާއިލާއަށް ނިސްބަތްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ނަވާޒް ޝަރީފުގެ އާއިލާއަށް ނިސްބަތްވާ މުސްލިމް ލީގްނަވާޒް (އެމްއެލްއެން) ޕާޓީއެވެ.

މި ދެ ޕާޓީގެ އިތުރުން ޕާކިސްތާނުގެ ޑީޕް ސްޓޭޓްގެ އެންމެ އިސް ގުނަވަންކަމަށްވާ އެގައުމުގެ ސިފައިންގެ މުއައްސަސާ އާއި އަމިއްލަ މަސްލަހަތަށްޓަކައި ޕާކިސްތާނުގެ ކަންކަމުގެ ތެރެއަށް ވަދެ ނުފޫޒުފޯރުވާ އެމެރިކާވެސް އޮތީ އިމްރާންޚާން އާއި އޭނާގެ ޕާޓީއާ ދެކޮޅަށެވެ. އިމްރާންޚާން އާ ދެކޮޅަށް ޕާކިސްތާނުގެ ފުލުހުން ހިންގާ ކަންތައްގަނޑު މިހާ ވަރުގަދަވެ އިމްރާންޚާންގެ ފުރާނައަށްވެސް ނުރައްކާވާ ހިސާބަށް ކަންތައްގެންދަން ހިފާފައިމިވަނީ މިހުރިހާ ފަރާތްތަކެއް ގުޅިގެން މިކަމުގެ ފަހަތުގައި ތިބުމުންނެވެ. ގުޅިގެން ތިއްބަސް މިއިން ކޮންމެ ފަރާތެއްގެ މަސްލަހަތު ތަފާތެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިޚާބު ޕާކިސްތާނުގެ ބޮޑު ދެޕާޓީއަށްވެސް ނާކާމިޔާބުވެ އިމްރާންޚާންގެ ޕާޓީ އެއިންތިޚާބު ކާމިޔާބު ކުރުމުން ކޯލިޝަނެއް ހަދައިގެން އިމްރާންޚާންގެ ވެރިކަން ޕާލަމެންޓްގެ ތެރެއިން ވައްޓާލައިނޫނީ ދެން ވެރިކަންހޯދޭނެ ގޮތެއްނެތްކަން "ޕީޕީޕީ" އާއި "އެމްއެލްއެން" އަށް ކަށަވަރުވިއެވެ.

އެހެންކަމުން މިކަމަށްޓަކައި އެދެޕާޓީ ސިޔާސީ ދުޝްމަންކަން އެއްފަރާތް ކުރުމަށްފަހު އިމްރާންޚާން އާ ދެކޮޅަށް އަތުގުޅާލިއެވެ. އެއީ އެނޫންގޮތަކަށް އެދެޕާޓީއަށް ވެރިކަން ލިބޭނެކަމުގެ ޔަގީންކަންނެތުމުނެވެ. އަދި އެދެޕާޓީގެ މަސްލަހަތު ހިމާޔަތް ކުރެވެން އަންނަނީ ވަގުތީގޮތުން ނަމަވެސް އެދެޕާޓީ ގުޅިގެންކަމަށްވާތީއެވެ. އިމްރާންޚާންގެ ވެރިކަން ޕާލަމެންޓްގެ ތެރެއިން ވައްޓާލީ ޚުދު އިމްރާންޚާންގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓްގެ ބައެއް މެންބަރުންވެސް ބޮޑު ދެޕާޓީގެ ކޯލިޝަނަށް ވައްދައިގެންނެވެ. މިކަންކުރީ ރިޝްވަތުގެ އެހީގައި ކަމަށް އިމްރާންޚާންގެ ޕާޓީން އެދުވަސްވަރު ތުހުމަތު ކުރިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި "އެމްއެލްއެން" ޕާޓީގެ ލީޑަރު ނަވާޒް ޝަރީފަކީ ޕާކިސްތާނުގެ އެންމެ ބޮޑެތި މުއްސަދިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޕާކިސްތާނުގެ އެތައް ސިނާއަތެއް ނަވާޒް ޝަރީފާއި އޭނާގެ އާއިލާއިން ކޮންޓްރޯލް ކުރެއެވެ. ނަވާޒްޝަރީފްގެ "އެމްއެލްއެން" ޕާޓީއަކީ މަހުޖަނުންގެ ޕާޓީއެކެވެ. ގަބީލާ ވިސްނުމާއި ފިއުޑަލިޒަމްގެ ވިސްނުމުގެ ޕާޓީއެކެވެ.

ނަވާޒް ޝަރީފު ހިމެނޭގޮތަށް އޭނާގެ ޕާޓީގެ ވެރިންގެ މައްޗަށްވެސް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވުމުގެ އިތުރުން އެތުހުމަތުތައް ސާބިތުވެ ޖަލު ހުކުމްތައްވެސް އިއްވާފައިވާ ބޭފުޅުން އެޕާޓީގައި ވަރަށް ގިނައެވެ. މީގެތެރޭގައި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒުވެސް ހިމެނެއެވެ.

އިތުބާރުނެތްކަމުގެ ވޯޓަކުން އިމްރާންޚާންގެ ވެރިކަން ޕާލަމެންޓްގެ ތެރެއިން ވައްޓާލުމަށްފަހު "ޕީޕީޕީ" އާއި "އެމްއެލްއެން" އިސްވެތިބެގެން އުފެއްދި ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރުކަމުގެ ހުވާކުރުމަށް ނަވާޒް ޝަރީފުގެ ކޮއްކޮ ޝެހެބާޒް ޝަރީފް ވަޑައިގެންނެވީވެސް ކޯޓުގެ ހުއްދައެއް ލިބިގެންކަމަށް ރިޕޯޓްތައް ބުނެެއެވެ. އެއީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ ކޯޓުގައި ކުރިއަށްދާތީއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނަވާޒް ޝަރީފު ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އޭނާ ވެރިކަމަށް އަހުލުވެރިނޫންކަމަށް ޕާކިސްތާނުގެ ސްޕްރީމްކޯޓުން ނިންމުމާއެކު ވެރިކަން ގެއްލުނީވެސް ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެންނެވެ. އެއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުން ބޭޒާރުވި އޭނާގެ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

އެއާއެކު ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެ ޕާކިސްތާނުގެ އެކައުންޓަބިލިޓީ ކޯޓުން ނަވާޒް ޝަރީފުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ނަވާޒް ޝަރީފުގެ ސިއްހީ ހާލުކޮޅު ބޮޑުކަމުން، އިމްރާންޚާންގެ ބޮޑުވަޒީރުކަމުގައި ކޯޓުން ކަފާލާތުގެ ދަށުން ނަވާޒްޝަރީފު ވަގުތީގޮތުން މިނިވަންކުރީ ހަމައެކަނި ބޭސްފަރުވާއަށްޓަކައެވެ.

ޕާކިސްތާނުގެ ބޮޑު އަނެއް ޕާޓީ ކަަމަށްވާ "ޕީޕީޕީ"އަށް ބަލާއިރު އެޕާޓީގެ ވެރިޔާ ޕާކިސްތާނުގެ ކުރީގެ ރައީސެއްކަމަށްވާ އާސިފް އަލީ ޒަރުދާރީއަކީ ކޮރަޕްޝަނުން ފުރިގެންވާ ބޭފުޅެކެވެ. ކޮރަޕްޝަނުގެ ކުށް ސާބިތުވެގެން އެތައް އަހަރެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފައިވާ ބޭފުޅެކެވެ. އާސިފް އަލީ ޒަރުދާރީއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މަރުހޫމާ ބޭނަޒީރު ބުއްޓޫގެ ހުވަފަތް ފިރިކަލުންނެވެ.

ޒަރުދާރީ ޕާކިސްތާނުގައި މަޝްހޫރުވެފައިވަނީވެސް މިސްޓަ ޓެންޕަސެންޓްގެ ނަމުންނެވެ. އެއީ ޕީޕީޕީގެ ސަރުކާރުތަކުގައި ޕާކިސްތާނުގައި ހިންގާ ޕަބްލިކް ޕްރޮޖެކްޓްތަކުގެ ކޮންމެ ޕްރޮޖެކްޓަކުން ދިހަ ޕަސެންޓް ކަޓުގެ ގޮތުގައި ޒަރުދާރީ ނަންގަވާތީއެވެ. އެހެންކަމުން ޕާކިސްތާނުގެ ބޮޑު ދެޕާޓީ ކަމަށްވާ "ޕީޕީޕީ" އާއި "އެމްއެލްއެން" އަކީވެސް ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ދެޕާޓީއެވެ.

މިދެޕާޓީ ގުޅިގެން ކޯލިޝަނެއް އުފައްދައިގެން ޕާކިސްތާނުގެ ވެރިކަމަށް މިދިޔަ އަހަރު އައިސްފައިވަނީ ރައްޔިތުންގެ ތާއީދު އޮވެގެނެއްނޫނެވެ. ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ރައްޔިތުންގެ ބޮޑު ތާއީދަކާއެކު އިންތިޚާބު ކާމިޔާބުކުރީ އިމްރާންޚާންގެ ޕާޓީންނެވެ.

ޕާކިސްތާނުގެ ބޮޑު ދެ ޕާޓީ އޮއްވައި މާ ކުޑަކުޑަ އަދި ސިޔާސީ މައިދާނަށް މާބޮޑަށްވެސް ހަގު ޕާޓީއެއްކަމަށްވާ ތަހްރީކޭ އިންސާފު ޕާޓީން ޕާކިސްތާންފަދަ އާބާދީ ބޮޑު ގައުމެއްގެ އިންތިޚާބު ކާމިޔާކުރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ އެ ގައުމުގެ ބޮޑު ދެޕާޓީއާމެދު ރައްޔިތުން ފޫހިވެ މާޔޫސްވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ. އެދެޕާޓީ ލަދުގަންގަންނަން ޖެހުނު ހަގީގަތެކެވެ.

"ޕީޕީޕީ" އާއި "އެމްއެލްއެން" އަކީ ވާދަވެރި އަދި ސިޔާސީގޮތުން ދެ ދުޝްމަނުން ކަމަށްވިޔަސް އިމްރާންޚާންގެ ޕާޓީގެ ވެރިކަން ވައްޓާލުމަށްޓަކައި ޕާލަމެންޓްގެ ތެރެއިން އިމްރާންޚާން އާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނެގުމަށް ޓަކައި ދަނޑިވަޅު ބަލާފައި މިދެޕާޓީ އެއްގަލަކަށް އެރިއެވެ. ތުހުމަތު ކުރެވޭގޮތުގައި އެކަންކުރުމަށް އެދެޕާޓީގެ ވެރިންނަށް ހިތްވަރުދިނީ އެމެރިކާއިންނެވެ. އެއީ އެމެރިކާ ބޭނުންނުވާ ޚާރިޖީ ސިޔާސަތެއް އިމްރާންޚާން ގެންގުޅެން ފެށުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ހިތްހަމަނުޖެހުނީ އަފްޣާނިސްތާނަށް ޖާސޫސުކުރުމަށް އެމެރިކާ ބޭނުންވާ ފަސޭހަތައް ޕާކިސްތާނުގެ ތެރެއިން ހޯދުމުގައި އިމްރާންޚާންގެ އެއްބާރުލުން ނުލިބުމުންނެވެ. އަދި ރަޝިއާ އާ ގާތްވުމުގެ ސިޔާސަތެއްވެސް އިމްރާންޚާން ގެންގުޅެން ފެށުމެވެ. މީގެއިތުރުން ޕާކިސްތާނުގެ އެހެން ސަރުކާރުތަކަށްވުރެ ބޮޑަށް އިމްރާންޚާންގެ ސަރުކާރުން ޗައިނާއާވެސް ގާތްވުމެވެ.

ޕާކިސްތާނުގެ ސިފައިންނަކީ ވަރަށްބޮޑަށް އެމެރިކާގެ މަދަދު ބޭނުންވާ މުއައްސަސާއެކެވެ. ޕާކިސްތާނުގެ ސިފައިންނަކީ އެގައުމުގެ އެންމެ ބާރުގަދަ މުއައްސަސާއެވެ. އެއީ ޕާކިސްތާނުގެ ބޮޑުދައުލަތެއްގެ ތެރޭގައި އޮންނަ ކުޑަދައުލަތެއްފަދަ ނުފޫޒުގަދަ މުއައްސަސާއެކެވެ.

ޕާކިސްތާން ސިފައިންގެ ބާރާއި ނުފޫޒު އެގައުމުގައި ގަދަވަނީ އެގައުމުގެ އަވަށްޓެރި ބިޔަ އިންޑިއާ، ޕާކިސްތާނުގެ އެންމެ ބޮޑު ދުޝްމަންގެ ގޮތުގައި އޮންނާތީއެވެ. ޕާކިސްތާނަކީ އިގްތިސާދީގޮތުން އިންޑިއާއާ އަޅާބަލާއިރު އިންތިހާއަށް ބަލިކަށި ގައުމަކެވެ. ބާރުގަދަ އަސްކަރިއްޔާއެއްނެތި އިންޑިއާގެ ކުރިމަތީގައި ޕާކިސްތާނުގެ ދައުލަތް ނޯންނާނެކަމުގެ އިހުސާސް ޕާކިސްތާނުގެ ރައްޔިތުންނާއި އެގައުމުގެ ލީޑަރުންވެސް ކުރައްވައެވެ.

ޕާކިސްތާން ރައްޔިތުން ފަތްކާންޖެހުނު ނަމަވެސް ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު ހެދީ ހަމަ މިސަބަބަށްޓަކައެވެ. އެކަންކުރީ ޕާކިސްތާނުގެ ޒަމާންވި ރަހުމަތްތެރި އެމެރިކާއަށްވެސް ގޮންޖަހާފައެވެ. އެއީ އިންޑިއާގެ ކުރިމަތީގައި ގައުމު ދިފާއު ކުރުމަށްޓައެވެ. ނިއުކްލިޔާ ބާރެއްނެތި ބިޔަ އިންޑިއާގެ ކުރިމަތީގައި ޕާކިސްތާނުގެ ދައުލަތް ދެމިނޯންނާނެ ކަމުގެ އިހްސާސްތަކާ ގުޅިގެންނެވެ.

ހުރިހާކަމެއް ގުރުބާންކޮށްފައިވެސް އިންޑިއާއާ ކުރިމަތިލެވޭފަދަ ބާރުގަދަ އަސްކަރިއްޔާއެއް ޕާކިސްތާނުގައި އޮތުމަށް ޕާކިސްތާނުގެ އާންމުން ސަޕޯޓްކުރެއެވެ. މިކަމުގެ ފުރިހަމަ އެޑްވާންޓޭޖް ޕާކިސްތާނުގެ ބާރުގަދަ ޖެނެރަލުން ނަންގަވައެވެ. ސިޔާސީގޮތުންނާއި ނުފޫޒުގެ ގޮތުންނެވެ. ޕާކިސްތާނުގެ ޑީޕް ސްޓޭޓަކީ އެގައުމުގެ ސިފައިންގެ މުއައްސަސާއާއި ޖާސޫސީ އިދާރާއެވެ. މިދެއިދާރާގެ އިސްފަރާތުގެ ސަޕޯޓްނެތި ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް ވެރިކަމުގައި ނުހުންނެވޭނެއެވެ.

ޕާކިސްތާނުގެ ސިފައިން އެމެރިކާގެ މަދަދަށް ބޭނުންވަނީ ނުވަތަ އެމެރިކާގެ ރުހުން ބޭނުން ވަނީ ކޮންމެހެން އެމެރިކާ ދެކެ ލޯބިވާތީ އެއްނޫނެވެ. އެމެރިކާގެ މަކަރުވެރި ހަގީގަތްތައް ނޭންގޭތީއެއްވެސް ނޫނެވެ. އެމެރިކާގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ އެއްފަރާތަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާއެވެ. ނަމަވެސް އިންޑިއާ ރަޝިއާގެ ހަތިޔާރަށް ޒަމާނުއްސުރެ ބަރޯސާވަމުންދިޔަ ގޮތަށް ޕާކިސްތާނުވެސް އެމެރިކާގެ ހަތިޔާރަށް ބަރޯސާވާންޖެހިފައިވުމަކީ ޕާކިސްތާން ސިފައިން އެމެރިކާގެ ރުހުންބޭނުންވާ މައިގަނޑު ސަބަބެވެ.

އެމެރިކާއަށް ބަރޯސާވަމުންވެސް ޕާކިސްތާން ސިފައިން ގެންދަނީ އެމެރިކާގެ ނުރުހުމުގައި ޗައިނާއާ ގުޅިގެން ޗައިނާގެ ފަންނީ އެހީ ހޯދައިގެން އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްގީކޮށް ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީއެއް ބިނާ ކުރަމުންނެވެ. މިގޮތުން ބަލިސްޓިކް މިސައިލާއި ޓޭންކާއި އާމަޑްވެހިކަލްއާއި އެނޫންވެސް އެތައް ހަތިޔާރެއް ޕާކިސްތާނުން މިހާރު އުފައްދައެވެ.

ނަމަވެސް ބިޔަ އިންޑިއާގެ ކުރިމަތީގައި މިވަރުންވެސް އަދި ފުދޭކަށްނެތެވެ. ޕާކިސްތާނުގައި ޒަމާނުއްސުރެ ހުރި އެމެރިކާގެ ހަތިޔާރަށް އެމެރިކާގެ ސްޕެއާޕާޓްސް ބޭނުންވެއެވެ. މިތަކެތި ލިބޭނީ އެމެރިކާގެ ރުހުން ހޯދައިގެންނެވެ. ޕާކިސްތާނަކީ އެމެރިކާގެ ރުހުން އޮވެފައި އަދި ޗައިނާއާ ގާތްއަސްކަރީ ގުޅުންތައް އޮންނަ ހަމައެކަނި ގައުމެވެ.

ޕާކިސްތާނުގެ އެއްވެސް ސަރުކާރަކުން ޕާކިސްތާނުގެ ގައުމީ މަސްލަހަތާ ގުޅިފައިވާ މިފަދަ ކަންކަމުގައި އެމެރިކާއަށްވެސް ދުލެއްނުދޭނެއެވެ. ޕާކިސްތާނުގެ ކޮންމެ ސަރުކާރަކުންވެސް އެމެރިކާއަށް ދޭ މެސެޖަކީ އެމެރިކާ ޕާކިސްތާނާ ގުޅުންތައް ބާއްވައިގެން އިންޑިއާއާ ގުޅުންތައް ބަދަހިކުރާއިރު ޕާކިސްތާނަށްވެސް އެމެރިކާއާ ގުޅުންތައް ބާއްވައިގެން ޗައިނާއާ އަސްކަރީ ގުޅުންތައް ބަދަހިކުރެވެންޖެހޭނެ ކަމުގެ މެސެޖެވެ.

އިމްރާންޚާން އާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ބޮޑު ދެޕާޓީގެ މަސްލަހަތަކީ ވެރިކަން ހޯދުމުގެ މަސްލަހަތެވެ. އިމްރާންޚާން އަށް ޕާކިސްތާން ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް އޮންނަކަން އެދެޕާޓީއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮރަޕްޝަނުގެ ތުހުމަތު ސިޔާސީގޮތުން އިމްރާންޚާންގެ މައްޗަށް ސަރުކާރުން ކުރިނަމަވެސް އެެކަން ޕާކިސްތާނުގެ ރައްޔިތުން ގަބޫލުނުކުރާކަމާއި އިމްރާންޚާން ސަލާމަތުން ހުރެއްޖެނަމަ ކުރިއަށްއޮތް އިންތިޚާބު އިމްރާން ޚާންގެ ޕާޓީން ކާމިޔާބުކޮށްގެން އެޕާޓީ އަލުން ވެރިކަމަށް އަންނާނެކަން ބޮޑު ދެޕާޓީއަށް އެނގޭތީއެވެ.

އެމެރިކާ އިމްރާން ޚާން އާ ދެކޮޅުވަނީ އިމްރާންޚާން އަކީ އެމެރިކާގެ ބާރާއި ނުފޫޒާ ދެކޮޅަށް ޕާކިސްތާނުގެ ސިޔާސީ އެހެން ލީޑަރުންނަށްވުރެ ބޮޑަށް މަސައްކަތްކުރައްވާ އަދި މުސްތަގްބަލުގައި ރަޝިއާ ފަޅިއަށް އަރާނެ ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރެވޭތީއެވެ.

ޕާކިސްތާން ސިފައިން އިމްރާންޚާން އާ ދެކޮޅުވަނީ އޭނާ ވެރިކަމެއްގައި އެމެރިކާގެ އަސްކަރީ މަދަދު ޕާކިސްތާނަށް ނުލިބިދާނެތީއެވެ. ޗައިނާއާއި އެމެރިކާ ބެލަންސްކޮށްގެން ޕާކިސްތާން ސިފައިންގެންގުޅޭ ސިޔާސަތަށް ލޮޅުންއަރައި އެމެރިކާގެ ރުޅިވެރިކަން ޕާކިސްތާނަށް އަމާޒުވެދާނެތީއެވެ.

މި ހުރިހާ ފަރާތްތަކެއްގެ އަމާޒުފަތްގަޑަކަށްވެފައިވާ އިމްރާންޚާން އާއި އޭނާގެ ތަހްރީކޭ އިންސާފު ޕާޓީއަށް މިހާރު ކުރިމަތިވެފައިމިވަނީ މިހާތަނަށް ކުރިމަތިވެފައިނުވާވަރުގެ ބޮޑު ސިޔާސީ ކަންތައް ގަނޑެކެވެ. މިކަންތައްގަނޑުގައި އިމްރާންޚާން އަވަހާރަކޮށްލާ ހިސާބަށް ކަންތައްތައް ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް