ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްކުރައްވައިފިއެވެ.
ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖޭން މަސް އެކްސްޕޯޓު ކުރާ ގައުމުތަކާއި މިންވަރު އަދި ރިޖެކްޝަން ލެވަލް ހޯދުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރި ސުވާލަށް މިއަދު މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ހުސައިން ވަނީ އެކްސްޕޯޓްކުރާ މަހުން ރިޖެކްޓް ކުރާ އަދަދުތަކަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކުން ފިޝަރީޒް މިނިސްޓްރީން ހޯދައި ރިކޯޑުކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެ ޖަވާބާއެކު ރިޖެކްޝަން ލެވެލް ނުބަލަހައްޓާތީ ބޮންޑޭ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރިޖެކްޝަން ލެވެލް ނުބަލާ ކަމަށް ވަންޏާ، ބަލަން ޖެހޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ. އެތައް ސަތޭކަ ކަޅުބިލަ މަސް ރިޖެކްޓް ވާކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޯލްޑް ސްޓޯރޭޖާ ހިސާބުން ރިޖެކްޓް ވޭ، އެތައް ކޮންޓެއިނާއެއްގެ ކަޅުބިލަ މަސް ކޯލްޑް ސްޓޯރޭޖާ ހެދި ރިޖެކްޓް ވިކަން އޮޑިޓު ރިޕޯޓުގައި [ފާހަގަކޮށްފައި އެބައޮތް]" ބޮންޑޭ ވިދާޅުވިއެވެ.
އެ ހިސާބުން ބޮންޑޭގެ ވާހަކަ ހުއްޓުވައި، ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެ އަދަދުތައް ބެލެހެއްޓުމަކީ ހަވާލުވެ ހުންނަވާ މިނިސްޓަރުގެ ޒިންމާއެއްކަން ފާހަގަކުރައްވައި މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު މި ބަލާލަނީ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބާތޯ މި މަޖިލީހުން ފާސްކޮށްފައިވާ. ދެން އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާނުކުރައްވާ ކަމަށް، ސާފު ބަހުން މިތަނަށް ލިޔުއްވާ ކަމަށް ވަނީވިއްޔާ އެއީ ވަރަށް ބޮޑު އުނދަގުލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރިޖެކްޝަން ލެވެލް ނުބެއްލެވުމަކީ މިނިސްޓަރުގެ ޒިންމާ އަދާނުކުރުން ކަމަށާއި އެފަދައިން ލިޔުއްވާނަމަ އެއީ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ.
ޑރ. ހުސައިން މިނިސްޓަރުގެ މަގާމުގައި ހުންނަވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ.