ރޯދަ މަހަށް ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން ގޮވާލާ ގަރާރެއް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު

ރޯދަ މަހަށް، މުދަލާއި ޚިދުމަތުގެ އަގުތައް ކޮންޓްރޯލު ކުރަން ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމާ އެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ޚިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށެވެ. އަދި، ފާއިތުވި އަހަރުގެ ތެރޭގައި 7.82 ޕަސަންޓު އިތުރުވެ ނިސްބަތުން 75 ޕަސަންޓަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސަންޓް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ކަމަށް އޭނާގެ ގަރާރުގައި ވަނީ ބުނެފައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކިސް އިން އާންމުކުރާ ބާޒާރުގެ އަގުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް، ދެވަނައަށް އެންމެ ބޮޑުވެފައިވަނީ ކާބޯތަކެތީގެ އަގެވެ.

އެ ތަކެތީގެ އަގުތައް 7.82 އިންސައްތަ އުފުލިފައިވާ ކަމަށް އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންވެ، ދިރިއުޅުމުގެ ޚަރަދުތައް އިތުރަށް ބޮޑުވަމުންދާއިރު، ގިނަ މީހުންނަށް އާމްދަނީ އިތުރު ކުރެވޭނެ އެއްވެސް މަގެއް ފެންނަން ކަމަށާއި ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވަނީ އިތުރު ކަމަށް އޭނާގެ ގަރާރުގައި ވަނީ ބުނެފައެވެ.

"ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް [އަންނަނީ] އިތުރުވަމުން," ގަރާރުގައި ބުނެފައިވެއެވެ.

އެހެންވެ، ބޮޑު ކުރި ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް އަތްނުފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލްކޮށް، މި ރޯދަ މަހު ކާބޯތަކެތީގެ އަގުތައް އަތްފޯރާފަށުގައި ބެހެއްޓޭނެ ގޮތްތަކެއް ރޭވުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

comment ކޮމެންޓް