ޤައުމީ، އަދަބީ މުބާރާތްތަކަށް މާލެ އަންނަ ދަރިވަރުންނަށް މާލީ އިނާޔަތެއް ލިބެންޖެހޭ- ޑރ. އަޝްރަފް

އަދަބީ ޤައުމީ މުބާރާތްތަކަށް އަތޮޅުތެރެއިން މާލެ އަންނަ ދަރިވަރުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކާއިއެކު ވާހަކަދައްކައި އެކަމަށް އަލިމަގެއް ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ އަޝްރަފް ޢަބްދުލްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

އަދަބީ އެކި މުބާރާތްތަކަށް އަތޮޅުތެރެއިން މާލެއަށް އަންނަ ދަރިވަރުން، މާލެ އައުމަށް ބޮޑު ހަރަދެއްކުރަންޖެހުމާއި، މާލެ އައިސް ހޭދަކުރާ މުއްދަތުގައި ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ، އެފަދަ މުބާރާތްތަކުގައި ވާދަކުރުމަށް އަންނަ ދަރިވަރުންގެ ބެލެނިވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ވާހަކަ ދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރި ބައިވެރިއެއްގެ ހައިސިއްޔަތުން ރޭގެ ޖަލްސާގައި ވާހަކަދެއްކި ޝަރަފުއްދީން ސްކޫލުގެ ދަރިވަރު ރާހީ އަހުމަދުގެ ވާހަކައިގައި ވަނީ މިކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ވާހަކަދައްކާފަައެވެ.

ވާހަކަ ދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ / އިބްރާހީމް ޝަމްވީލް

ޖަލްސާގެ ބައިވެރިންނާއި ވާހަކަދައްކަމުން ރާހީ ބުނީ، އޭނާ ފަދައިން އަތޮޅުތެރެއިން މާލެއަށް މުބާރާތުގައި ވާދަކުރުމަށް އަންނަ ދަރިވަރުން އުފުލަންޖެހޭ ބުރަ އާއި ތަކްލީފްތަކާއި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުރަންޖެހޭ ހަރަދު ތަކަކީ ފަހަރެއްގައި ގިނަ ބޭފުޅުންނަށް ތަސައްވަރު ނުކުރެވިދާނެ ކަންތައްތަކެއްކަމަށެވެ.

" ސްކޫލް ގައި ކިޔަވާ ވަރަށް ގިނަ ދުވަސްތައް ގުރުބާންކޮށްފައި މައިންބަފައިންގެ ޖީބުން އެތައް ފައިސާއެއް ހަރަދުކޮށްފައި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް މާލެއަށް މި އަންނަނީ އަޅުގަނޑުމެންގެ ހިތުގައި ދިވެހި ބަހަށް އޮތް ލޯތްބެއްގެ ބޮޑުކަމުން. އަދި އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން. އެހެންކަމުން މިފަދަ މުބާރާތްތަކަށް އަތޮޅު ތެރެއިން މާލެ އަންނަ ދަރިވަރުންނަށް ދައުލަތުގެ ފަރާތުން މާލީ އިނާޔަތެއް ފޯރުކޮށްދެވިއްޖެ ނަމަ އެއީ ހަމަ ގައިމުވެސް ޤައުމިއްޔަތުގެ ފުރާނަކަމަށްވާ ދިވެހިބަސް ދިރުވައި އާލާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމުގައި އަޅުގަނޑުމެން ދެކެން" ޝަރަފުއްދީން ސްކޫލް ދަރިވަރު ރާހީގެ ވާހަކައިގައި ފާހަގަކުރިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ އަޝްރަފް ވިދާޅުވީ، ދަރިވަރުގެ ވާހަކައިގައި ފާހަގަކުރެއްވިގޮތަށް އެކަމުގައި އަލިމަގެއް ފެނޭތޯ ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނޭ ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޑރ އަޝްރަފް ވަނީ އެވަގުތު ޖަލްސާއަށް ވަޑައިގެން އިންނެވި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ އަރިހުން ދަރިވަރު އެ އެދިލެއްވި ކަންތައް ކެބިނެޓާ ހިސާބަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ވާހަކަ ދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ / އިބްރާހީމް ޝަމްވީލް

"އަޅުގަނޑު ޔަގީންކުރަނީ އެކުދިންގެ ވާހަކަ އަސަރާއެކު މިނިސްޓަރަށް ވެސް ލިބިވަޑައިގެންފިކަމަށް. އަޅުގަނޑު އުއްމީދުކުރަން ޤައުމީ ޤުރުއާން މުބާރާތަށް އެލިބޭ އިނާޔަތްތައް އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މި މަސައްކަތަށް ވެސް ލިބިގެންދާނޭކަމަށް،" ޑރ އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ، މިފަދަ މުބާރާތެއް ނިމިގެންދަނީ ގޮންޖެހުންތަކާ އެކުގައިކަމަށާއި، މިގޮތުން މިފަހަރުގެ ވާހަކަދެއްކުމުގެ މުބާރާތް ބޭއްވުމަށް ހޯލެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

"މިފަދަ މުބާރާތްތައް މިހާރު ކުރިއަށްގެންދިއުމަކީ އުނދަގޫ ކަމެއް. ބައެއް ސްކޫލްތަކުގެ އަދަބީ މުބާރާތްތައް ބޭއްވުމަށް ސްކޫލްގެ އަމިއްލަ ހޯލު ހޯދުމަކީވެސް މިއަދު އުނދަގޫ ކަމެއް. ސަބަބަކީ މިހާރު ވަރަށް ގިނަ އެކްޓިވިޓީތައް ސްކޫލްތަކުގައި ކުރިއަށްގެންދޭ" ޑރ އަޝްރަފް ވިދާޅުވިއެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތަކީ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ވާހަކަދެއްކުމުގެ ފަންނުގައި ކުޅަދާނަ ދިވެހި ދަރިންތަކެއް އުފެއްދުމާއި، ތަފާތު އެކި މައިދާންތަކުގައި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދައްކާނޭ ގާބިލުކަން ހުރި ދަރިވަރުން ބިނާކުރުމެވެ.

މީގެ އިތުރުން ދަރިވަރުންނަށް މި ފަންނުގައި ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަކީ ވެސް މިފަދަ މުބާރާތެއް ބޭއްވުމުގެ އެއް މަޤްސަދުކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ.

comment ކޮމެންޓް