ކޮންމެ ފިލްމީ ތަރިއަކަށް ވެސް ނާކާމިޔާބީ ތަޖުރިބާ ކުރެވިފައިވާނެ: ޔާމީ ގޯތަމް

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ތަރިއަކީ ވެސް ކެރިއަރުގެ ވަކި ހިސާބެއްގައި ނާކާމިޔާބީ ތަޖުރިބާކޮށްފައިވާނެ ތަރިއެއް ކަމަށް އަރަމުން އަންނަ ބަތަލާ ޔާމީ ގޯތަމް ބުނެފިއެވެ.

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްއަށް އުފަން ބަތަލާ ބުނެފައިވަނީ ޚުދު އޭނާ ވެސް މިހާތަނަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާއިރު ނާކާމިޔާބީ ތަޖުރިބާކޮށްފައިވާ ކަމަށެވެ.

ފިލްމު "ވިކީ ޑޯނާ"އިން 2012ވަނަ އަހަރު ފިލްމީ ދާއިރާއަށް ތަޢާރަފްވިއިރު އެ ފިލްމަކީ ދާއިރާއަށް ލޯ ހުޅުވައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ފިލްމެއް ކަމަށް ޔާމީ ވަނީ ބުނެފައެވެ.

"ވިކީ ޑޯނާ"ގެ ނަމާ އެކު ފިލްމުގެ ވާހަކަ ޚިޔާލަށް ގެނެވުނީ މުޅިން އެހެން ގޮތަކަށް ނަމަވެސް ފިލްމުގެ ސްކްރިޕްޓް ކިޔާލުމުން ފިލްމުގެ ނަމާ ވާހަކަ ގުޅިފައިވަނީ ވަރަށް ތަފާތުގޮތަކަށް ކަމަށް ބަތަލާ ބުނެފައިވެއެވެ. ފުރަތަމަ ފިލްމަށްފަހު ފިލްމީ ކެރިއަރު ޙަޤީޤަތުގައި ފެށިގެންދަނީ ކެރިއަރުގެ ދެވަނަ ފިލްމުން ކަމަށާއި، ދެވަނަ ފިލްމުގައި ދައްކުވައިދޭ ޕާފޮމެންސް ބަރޯސާވެގެންދާނީ ދެވަނަ ފިލްމުން ބެލުންތެރިންނަށް ދައްކުވައިދޭ އެކްޓިންގްގެ މައްޗަށްކަމަށް ޔާމީ ބުނެފައިވެއެވެ.

އަދި, ކުޅޭ ކޮންމެ ފިލްމަކީ ތިމާ ކާމިޔާބީއާ ހަމައަށް ވާޞިލުކޮށްދޭނެ މަސައްކަތެއް ކަމަށް ދެކިގެންނުވާނެ ކަމަށާއި ފިލްމުތަކުގައި ދައްކުވައިދޭ ހުނަރު ދުވަހެއް ދުވަހަކަށް ތަރައްޤީކުރުމުގައި ދެމިހުރުމަށް މަސައްކަތްކުރުމަކީ ކާމިޔާބީއަށްވުރެ މާ މުހިއްމު ކަމެއްކަމަށް ބަތަލާވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަހު ވޭތުކޮށްފައިވާ ބަތަލާ ބުނެފައިވަނީ ކެރިއަރުގައި ކުޅެވުނު ބައެއް ފިލްމަތަކަކީ ފިލްމީ ތަރިއެއްގެ ހައިސއްޔަތުން ދޭންޖެހޭ ސަމާލުކަން އެންމެ ފުރިހަމަގޮތުގައި ދެވިފައިނުވާ ފިލްމުތަކެވެ. އެކަން އަމިއްލައަށް ޤަބޫލުކުރާ ކަމަށާއި އެ ފިލްމުތައް ފްލޮޕްވުމުން މާޔޫސްނުވާކަމަށް ވެސް ޔާމީވަނީ ބުނެފައެވެ. އަދި އެފަދަ ފިލްމުތަކުން ވަރަށް މުހިއްމު ފިލާވަޅުތަކެއް ދަސްވި ކަމަށާއި އޭގެ ފައިދާ މިހާރު ފިލްމީ ކެރިއަރަށް ކުރާކަމަށެވެ.

ފަހަކަށް އައިސް ޔާމީ ފެނިފައިވާ ގިނަ ފިލްމުތަކަކީ ބެލުންތެރިން ބަލައިގަނެފައިވާ މަޤުބޫލު ފިލްމުތަކެކެވެ. އޭގެތެރޭގައި، 2020ވަނަ އަހަރު ރިލީޒްވި ފިލްމު "ގިނީ ވެޑްސް ސަނީ"، މިދިޔަ އަހަރު ރިލީޒްވި ފިލްމު "އަ ތާޒްޑޭ"، "ދާސްވީ" އަދި މިއަހަރު ޒީ5އިން ޕްރިމިއާކުރި ފިލްމު "ލޮސްޓް" ހިމެނެއެވެ. ބަތަލާ މިހާރު ސޮއިކޮށްފައިވާ ދެ ފިލްމުގެތެރެއިން "ޗޯރް ނިކަލްކޭ ބާގާ" މިމަހު 24ގައި ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ދެން އެންމެ އަވަހަށް ޔާމީ ފެނިގެންދާނީ އަކްޝޭ ކުމާރްއާއެކު ކުޅޭ ފިލްމު "އޯމައި ގޯޑް"އިންނެވެ.

comment ކޮމެންޓް