ވާހަކަ ދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ވާހަކަ ދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ވާހަކަ ދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ދީފައިވަނީ އެ ކަމަށްޓަކައި ސަލްމާން މިސްކިތުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ފަޚުރުވެރި އެއްވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ދިވެހި ޚާރިޖިއްޔާގެ މަލްޓިލޭޓަރަލް އެފެއާޒް ޑިޕާޓްމަންޓުގެ އިސްވެރިޔާ މަރްޔަމް މިދްފާ ނައީމެވެ.

ސްކޫލްތަކުގެ ބައިން ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކުރި ވާހަކަ ދެއްކުންތެރިއަކަށް ހޮވިފައިވަނީ، ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ސާރާ ނަޒީރެވެ.

ސާނަވީ ގިންތިން އެއްވަނަ ހާސިލުކޮށްފައިވަނީ، ރެހެންދި ސްކޫލްގެ ދަރިވަރު ރާއިފް އަހުމަދެވެ. އަދި، މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައި ވަނީ، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ ދަރިވަރު އަހުމަދު އަލާއު އިސްމާއީލެވެ.

ވާހަކަ ދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ސްކޫލްތަކުގެ ބައިން ދަށު ސާނަވީ ބައިން އެއްވަނަ ހޯދާފައި ވަނީ ޖަމާލުއްދީން ސްކޫލެވެ. އެ ސްކޫލުން ވަނީ، ވޭތުވެދިޔަ ތިން އަހަރު މި ގިންތިން އެއްވަނަ ހޯދައި ތަށި މިލްކުކޮށްފައެވެ.

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ސާނަވީ ބައިން އެއްވަނަ ސްކޫލަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލަކީ ސީއެޗްއެސްސީއެވެ. މިއީ ވިދިވިދިގެން މި ގިންތިން ސީއެޗްއެސްސީން އެއްވަނަ ހޯދި ހަތަރުވަނަ އަހަރެވެ.

އޮފީސް ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ބައިން އެއްވަނަ ބަހުސް ކުރުންތެރިއަކަށް ހޮވިފައިވަނީ، އެންޓި ކަރަޕްޝަން ކޮމިޝަނުގެ ރެކްރިއޭޝަން ކްލަބްގެ އަހްމަދު ސާއިބެވެ. އެއްވަނަ ކްލަބަކަށް ހޮވުނީ ވެސް އެންޓި ކަރަޕްޝަން ކޮމިޝަނުގެ ރެކްރިއޭޝަން ކްލަބެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހުމާން، މަރްޔަމް މިދުފާ ވަނީ ވާހަކަދެއްމުގެ މުބާރާތްތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ.

އޭނާ ވިދާޅުވީ، އަދަބީ މިފަދަ މުބާރާތްތަކަކީ ވެސް އެކެޑަމީ ކަލަންޑަރުގެ ތެރެއިން ހިމެނިގެން ކުރިއަށްގެންދެވޭ މުބާރާތްތަކަށް ވާންޖެހޭ ކަމަށާއި، މިހާރު އަދަބީ ކަންކަން ކުރެވެމުން މިދަނީ ހަރަކާތެއްގެ ގޮތަށްވުރެ ބޮޑަށް މުބާރާތްތަކެއްގެ ގޮތުގައި ކަމަށެވެ.

"އަދަބީ ކަންކަމަކީ ހަރަކާތްތަކެއްގެ ގޮތުގައި ކުރެވެންޖެހޭ ކަމެއް. މިއީ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ހަމައެކަނި ކުރެވޭ ކަމަކަށް ވެގެންނުވާނެ. އެހެންނޫނީ އަޅުގަނޑުމެން ކުރަން މިއުޅޭ ކަމުގެ ހަޤީޤީ މަޤްސަދު ހާސިލެއް ނުވާނެ. އެހެންވީމައި ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ކުރެވޭ ކަންތައްތަކެއްގެ ގޮތުގައި އަދަބީ ހަރަކާތްތައް ވެގެންދިއުން ވަރަށް މުހިއްމު" މިދުފާ ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި މި ފަހަރު ދަށު ސާނަވީގައި ޖުމުލަ 28 ސްކޫލަކުން 169 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރޭގައި މާލޭގެ 17 ސްކޫލަކާއި އަތޮޅުތެރޭގެ 11 ސްކޫލެއް ހިމެނެއެވެ. ސާނަވީ ގިންތީގައި ޖުމުލަ 25 ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 155 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 ސްކޫލަކާއި އަތޮޅުތެރޭގެ ނުވަ ސްކޫލެކެވެ.

މަތީ ސާނަވީގެ ޖުމުލަ ހަތް ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 36 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މަތީ ސާނަވީގައި ބައިވެރިވި ސްކޫލުތަކުގެ ތެރެއިން ހަތަރު ސްކޫލަކީ މާލޭގެ ސްކޫލްތައް ކަމަށްވާއިރު ތިން ސްކޫލަކީ އަތޮޅު ތެރޭގެ ސްކޫލުތަކެވެ.

އަމިއްލަފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާއިން ތިން ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ބައިވެރިވެފައިވެއެވެ.

އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިގައި ކުރިއަށް ގެންގޮސްފައިވަނީ ބަހުސްކުރުމެވެ. މި ބައިގައި ހަ ޓީމަކުން ޖުމުލަ 33 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ މި ފަހަރުގެ މުބާރާތަކީ އެންމެ ގިނަ އަދަދަކަށް ކުދިން ބައިވެރިވި މުބާރާތް ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ސްކޫލުތަކުން ޖުމުލަ 363 ދަރިވަރުން ބައިވެރިވިއިރު، މުޅި މުބާރާތުގައި ޖުމުލަ 411 ބައިވެރިން، ބައިވެރިވިއެވެ.

comment ކޮމެންޓް