އެމްޕީއެލްގެ ޑޭ ކެއާ ސެންޓަރު ހުޅުވައިފި

މެޑަމް ފަޒްނާ އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ.

މި ޑޭ ކެއާ ސެންޓަރު ރަސްކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށް ޓަކައި ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

އެމްޕީއެމްގެ ކިޑްސް ކެއާ ސެންޓަރުގެ ކޮޓަރިއެއްގެ އެތެރެ: މި ސެންޓަރުގައި ބައިތިއްބާ ކުދިންނަށް ނިދުމާއި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވޭ --

ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުން ފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއާ ސެންޓަރުގައި މިހާރު ވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު މި ތަނަކީ 30 އާއި 40 އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ.

މެޑަމް ފަޒްނާ އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން --

މިތަނުގެ ޚިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާ އިރު މިތަން ހުޅުވިފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 7:00 އަށެވެ.

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު، މިއަދު ރަސްމީގޮތުން ހުޅުވައިދެއްވުމަށް ފަހު ފަޒްނާ ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

މެޑަމް ފަޒްނާ އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން --

އެމްޕީއެލްއަކީ މުވައްޒަފުންނަށް ހާއްސަކޮށްގެން މިގޮތަށް ޑޭކެއާ ސެންޓަރެއް ގާއިމްކުރި ސަރުކާރުގެ ދެވަނަ ކުންފުންޏެވެ. މީގެ ކުރިން ސްޓެލްކޯއިން ވެސް ވަނީ ޑޭ ކެއާ ސެންޓަރެއް ހުޅުވާފައެވެ.

comment ކޮމެންޓް