ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރީގައި ތިބި ފަތުރުވެރިންނަށް ފުރައްސާރަކޮށް، ބީޗުން ފައްސާލިކަމަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނީ މަތިވެރީ ބީޗެއްގައި ތިބި ފަތުރުވެރިންނަށް ޖާބިރު ފުރައްސާރަކޮށް، އެ މީހުން އެތަނުން ފައްސާލާފައިވާ ކަަމަށެވެ. އެކަން ހިނގާފައިވަނީ ކުރީގެ ސަރުކާރަކުން 50 އަހަރުގެ މުއްދަތަށް ޖާބިރަށް އެ ރަށުން 25 ކޮޓަރީގެ ހޮޓަލަކަށް ކުރި ޒިޔާރަތެއްގައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެތަން ވީރާނާވުމަަށް ދޫކޮށްލާފައިވާއިރު ދޭތެރެއަކުން ޖާބިރު އެތަނަށް ޒިޔާރައް ކުރައްވާ ކަމަށެވެ. އަދި އެ ރަށަށް ދާ ކޮންމެ ފަހަރަކު، ރަށުގައި ތިބޭ ފަތުރުވެރިންނަށް ފުރައްސާރަކޮށް، ބީޗުގައި ތިބޭ ފަތުރުވެރިންނާ ހަޑި ބަހުރުވައިން މުއާމަލާތްކޮށް އެ މީހުން އެތަނުން ފައްސާލަމުން ދާ ކަމަށެވެ.
މަތިވެރީގައި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އެ ވިޔަފާރި ކުރިއަރުންވަން މަސައްކަތްކުރާއިރު ޖާބިރުގެ އަމަލުތަކުން ރަށަށް އެކި ގޮތްގޮތުން ގެެއްލުން ލިބެމުންދާ ކަމަށާ އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާތީ އެކަމާމެދު ރައްޔިތުން ގޮތެއް ނިންމަންވީތޯ ސަރުކާރާ ސުވާލުކުރަން ބޭނުންވާ ކަން އޭނާ ފާހަގަކުރިއެވެ.
އޭނާ ބުނިގޮތުގައި ޖާބިރު މި ވަގުތު ވެސް ހުންނެވީ އެ ރަށުގައެވެ. އަދި ޖާބިރުގެ ފަރާތުން އެފަދަ އަމަލުތައް ތަކުރާރު ކޮށް ފެންނަމުންދާތީ އެ މައްސަލައަށް ވީއެންމެ އަވަހަކަށް ހަލެއް ހޯދައިދިނުމަށް އެ ރަށު ރައްޔިތުންގެ ފަރާތުން އޭނާ ވަނީ ގޮވާލާފައެވެ.
އެ ތުހުމަތުތައް ދޮގު ކުރައްވާ ޖާބިރު 'ސަން' އަށް ވިދާޅުވީ އޭނާގެ ގެދޮރަށް ބަޔަކު ހުއްދަނެތި ވަނުމުން ނުކުންނަން އަންގާފައިވާ ކަމަށެވެ. އަދި އެހެން ފަތުރުވެރިންނަށް ފުރައްސާރަ ކޮށްފައިނުވާ ކަމަށެވެ. ޖާބިރު ވިދާޅުވީ ދެން ވެސް ހުއްދަ ނެތި، އޭނާގެ އަމިއްލަ ގެދޮރަށް ބަޔަކު ވަދެއްޖެނަމަ، އެބަޔަކަށް ނުކުންނަން އަންގާނެ ކަމަށެވެ.