ފަތުރުވެރިއެއްގެ ކޭޝްކާޑު ފޭރިގަނެ 5،000 ރުފިޔާގެ ވިޔަފާރިކޮށްފި

އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ އެކަމަށް އިތުރަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ -- ފޮޓޯ/ ބީއެމްއެލް

މާލޭގައި ފަތުރުވެރިއެއްގެ ކޭޝް ކާޑު ވަގަށް ނަގައި އޭގެން 5،000 ރުފިޔާގެ ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފަތުރުވެރިޔާ އާޓިފިޝަލް ބީޗުގައި އުޅެނިކޮށް އޭނާގެ ދަބަސް ވަގަށް ނެގި ކަމަށެވެ. އެ ދަބަސް ނަގައި އޭގައި އޮތް ކޭޝް ކާޑުން ވިޔަފާރިކޮށްގެން ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމާއެކު ސީސީޓީވީ ކެމެރާތައް ބަލައި އޭނާ ދެނެގަތުމަށް ފަހުގައެވެ.

ފަތުރުވެރިޔާގެ ކާޑުން 5،000 ރުފިޔާގެ ވިޔަފާރިކުރި އިރު އޭނާ ގަތް ތަކެތި ފުލުހުން ވަނީ ހޯދައިފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ފުލުހުންނަށް އަބަދުވެސް އަންނަނީ ރިޕޯޓުކުރަމުންނެވެ. އެއާއެކު އަގުބޮޑު ތަކެތި ގެންގުޅޭއިރު އަބަދުވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް