ކޯލިޝަނާ މެދު މަޝްވަރާ ކުރަން އެމްއާރްއެމާ އެކު ކޮމެޓީއެއް ހަދަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ---- ފޮޓޯ: މައުމޫންގެ ޓްވިޓާ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ކޯލިޝަން ހަދަން އިތުރަށް މަޝްވަރާ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، އެމްއާރްއެމުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މައުމޫނާއި ރައީސް ޞާލިޙް މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުން ދިޔައީ ވަރަށް 'ޕޮޒިޓިވް' ކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ސަރުކާރާ އެކު އެމްއާރްއެމުން އިތުރަށް މަޝްވަރާ ކުރަން ނިންމައި، ދެ ފަރާތުން މަޝްވަރާ ކުރާނެ ކޮމެޓީއެއް އެކުލަވާލައިގެން މަޝްވަރާތައް ކުރިއަށް ގެންދަން މިއަދު ނިންމާފައިވާ ކަމަށެވެ.

"މިއަދު ރައީސް ޞާލިހް، ރައީސް މައުމޫނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ، ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމެއް." އޭނާ ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅަކީ މި އަހަރުގެ އިންތިޚާބުގައި ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާ އެކު ވާދަކުރުމެވެ. އެހެންވެ، މިހާރު ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ތިބި ޕާޓީތަކަށް އެ މަނިކުފާނު ވަނީ ދައުވަތު ފޮނުއްވައިފައެވެ. އެ ކަމާ ގުޅިގެން މައުމޫންގެ އެމްއާރްއެމުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

އެ މަނިކުފާނުގެ ދައުވަތާ ގުޅިގެން މީގެ ކުރިން އެމްއާރްއެމުން ބުނެފައިވަނީ އެ ކަމާ މެދު ގޮތެއް ނިންމަވާނީ މައުމޫން ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ. ދެ މަހެއްހާ ދުވަހު، ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު، އެ މަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ރައީސާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އަދި، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި އިންތިޚާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

comment ކޮމެންޓް