ރައީސް ޞާލިޙް ކަމުދަނީ މިޒާޖާއި އަޚްލާގުގެ ސަބަބުން: ސިޔާމް

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސިޔާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމުދަނީ މިޒާޖާއި އަޚްލާގީ މިންގަނޑާއި އިތުރު ކަންކަން ބަހައްޓަވާ ގޮތުން ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްއަށް ތައުރީފު ކުރައްވާ ސިޔާމް ވާހަކަ ދެއްކެވީ، ސަން ސިޔާމް ވިލުރީފްގައި ރޭ ބޭއްވި މާހެފުމުގެ ހަފްލާއެއްގައެވެ. މި ހަފްލާގައި ދ. އަތޮޅުގެ ހުރިހާ ރަށެއްގެ އެމްޑިއޭގެ ލީޑަރުން ހިމެނޭހެން 100އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މާހެފުމުގެ ހާޒިރީންނާ މުހާތަބުކުރައްވާ ސިޔާމް ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ، ދ. އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މާނަވީ އެންމެ ރަނގަޅު ފައިދާއެއް ވާނެގޮތަށް ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަފުޅުގައި އޭނާ ވަނީ އެމްޑީޕީގެ ކުރީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގޮތުން 2012ވަނަ އަހަރު އަމިއްލަ ޕާޓީއެއް އުފެއްދި އިރުވެސް އެމްޑީޕީއާ އެންމެ އިދިކޮޅު މީހަކީ އޭނާ ނަމަވެސް އެކަމުގައި އޭނާ ގޯސްކުރަނީ ޕާޓީ ނޫންކަމަށާއި ޕާޓީގެ މޫނުމަތި ކަމަށް ސިިޔާމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑު ބުނެފާނަށް ސަރުކާރު ގޯހޭ ބޭންކު ގޯހޭ. ބޭންކު ގޯހެއް ނޫން ސަރުކާރު ގޯހެއް ނޫން. އުޅޭ މީހުންގެ ސަބަބުން އެ ގޯސްވަނީ،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރައްވާ ސިޔާމް ވިދާޅުވީ، އެމްޑީޕީގެ މޫނުމަތި މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެންނާކަށް ނެތް މިހާރު އެތާކު އިސްލާންދީނަށް ކަނޑައެޅިގެން ހަޖޫޖައްސަވާ ޖޯކު ޖައްސަވާ ބޭފުޅެއް. އެބޭފުޅާ އެތަނުން މިހާރު ހިނގައްޖެ އެހެން ބޭފުޅަކު މޫނުމަތީގަ ހުންނެވީ. އެހެންވީމަ އަޅުގަނޑު އޮތް ހަމައެކަނި ނުރުހުމަކީ އެއީ. އަބަދުވެސް އޮންނަ ނުރުހުމަކީ އެއީ،" ސިޔާމް ވިދާޅުވިއެވެ.

މަޖިލީހުގައި ހޭދަކުރެއްވި 20ވަރަކަށް އަހަރުތެރޭ ވެސް އެމްޑީޕީ މީހަކާ ގުޅުން ބަދަހިކުރި ނަމަ ކޮށްފައި އޮންނާނީ މަޖިލީހުގެ ޅ. ހިންނަވަރު ދާއިރާގައި މަސައްކަތް ކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޟާލިޙާ އެކު ކަމަށް ސިޔާމް ވިދާޅުވިއެވެ.

މިއީ ކޯލިޝަން ހަދަން އެމްޑީއޭއިން ނިންމި ދުވަހު ވެސް ސިޔާމް ދައްކަވާފައިވާ ވާހަކަފުޅުތަކެވެ.

ރައީސްއަށް ތައުރީފު ކުރައްވާ ސިޔާމް ވިދާޅުވީ، ރައީސްއާ އެކު ކުރެވުނު މަސައްކަތުގައި އޭނާއަށް ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އެހެންކަމުން ކޯލިޝަން ހަދަން ނިންމި ނިންމުމަށް ދ. އަތޮޅުގެ އެންމެހާ ރައްޔިތުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ސިޔާމް އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް