އދ. ދިއްދޫ ކައުންސިލުގެ ރައީސްކަމަށް ޣައްޝާން ހޮވިއްޖެ

އިންތިޙާބެއްގައި މީހަކު ވޯޓް ލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރި، އެރަށު ނޫވިލާގެ ޣައްޝާން އަބްދުﷲ ހޮވިއްޖެއެވެ.

ދިއްދޫ ކައުންސިލަށް ރައީސަކު ހޮވަން ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ރަށު ކައުންސިލުގެ ކުރީގެ ރައީސް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ބައި-އިލެކްޝަންގެ ނަތީޖާ ދައްކާގޮތުން ޣައްޝާން މި މަގާމަށް ހޮވުނީ ދެން އަމިއްލަ ގޮތުން ވާދަކުރި އެރަށު މޫނުމާގެ އަޙްމަދު ޒަލީފްއާ ވާދަކޮށްގެންނެވެ. އެގޮތުން ޣައްޝާންއަށް 64 ވޯޓު ލިބުނުއިރު، އަޙްމަދު ޒަލީފަށް ލިބުނީ 47 ވޯޓެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ދިއްދޫ ރައްޔިތުން ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން އިން ދިއްދޫއާއި މާލޭގައި ވޯޓު ފޮށި ބެހެއްޓި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބެނީ 148 މީހުންނަށެވެ. އޭގެ ތެރެއިން ވޯޓު ލައިފައިވަނީ 112 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 75.68 އިންސައްތަ މީހުންނެވެ.

ދިއްދޫ ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލުގެ މެންބަރަކު ވެސް ވަނީ އިސްތިއުފާ ދީފައެވެ. އެހެން ކަމުން އެ ކައުންސިލަރު ހޮވަން ބާއްވާ ބައި-އިލެކްޝަނަށް ވެސް އިލެކްޝަނުން ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް