ބެލެނިވެރިންނާއި ޓީޗަރުންގެ ދެބަސްވުން: ނަތީޖާ ގޯސް!

ޓީޗަރަކު ކްލާހެއްގައި ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ދިރިއުޅުމަށް އާމްދަނީ ހޯދަން އިޚުތިޔާރު ކުރި ދާއިރާ ޖެހުނީ މުޅި ދިރިއުޅުމަށް ހަދާށެވެ. ދާއިރާގެ ގޮތުން އެކަމާ މާބޮޑު ޝަކުވާއެއް ވެސް ނުކުރެވެއެވެ. ކުރާ މަސައްކަތް ކުރަނީ ހެޔޮ ހިތުން އެ ދާއިރާ އިޚުތިޔާރުކޮށްގެން މަސައްކަތް ކުރަން ކަނޑައެޅީމައެވެ.

ހިތްހަމަޖެހުން ލިބެނީ މަސައްކަތުގެ މާހައުލުގެ އެތެރެއިންނާއި ބޭރުން އެކަން އަގުވަޒަން ކުރާތީއެވެ. ބުނާ ބަަސްތަކުން ކުރާ މަސައްކަތް އަގުވަޒަން ކުރުމަކީ ދާއިރާގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އަދި އުއްމީދެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ހިތްވަރު ގެއްލި، އުއްމީދުތައް މަރުވާ ގޮތަށް ކިތަން ކަމެއް ހިނގައެވެ. މިއީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ 12 ވަރަކަށް އަހަރުވެފައިވާ މުދައްރިސެއްގެ ޝަކުވާތަކެވެ.

ސްކޫލެއްގެ މުދައްރިސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާގެ ވާހަކަތަކާއި އެ ހިތި ތަޖުރިބާތައް ގުޅެނީ ބެލެނިވެރިންނާއި އެމީހުންގެ އަމަލުތަކާއެވެ. އެއީ ހުރިހާ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކަމަކަށް ނުވި ނަމަވެސް އެކަން ތަޖުރިބާ ކުރަން ޖެހޭ ފަހަރު ގިނައެވެ. އެކި ފަހަރު އެކި ކަންކަމާ ގުޅިގެންނެވެ. މިކަންކަން ވަނީ ވާހަކަ ދައްކާލި އިތުރު މުދައްރިސުން ތިލަކޮށްދީފައެވެ.

"ތަފާތު ބެލެނިވެރިން އުޅެނީ. އެންމެން އެއްކަހަލައެއް ނޫން. އެކަމު ޑަޒަންޓް މެޓާ، ޓީޗަރުން ވެސް ހަމަ ފީލްވާނެ އެގޮތަށް ކަންކަން ވީމަ. މިސާލަކަށް ބައެއް ބެލެނިވެރިންނަކީ އެމީހުންގެ ކުދިންގެ އެއްވެސް ކަހަލަ ގޯސް ވާހަކައެއް ނުވަތަ ނުރަނގަޅު ކަމެއް ހުންނަ ކަން ގަބޫލު ކުރާ ބައެއް ނޫން. ދެން އެކަމަކު ސްކޫލު ތެރޭގަ އުޅޭ ގޮތަކަށް ބަލާފަ އެބަޖެހޭ ބައެއް ފަހަރަށް ވާހަކަދައްކަން. އެ ހިސާބުން އެބަ ޓީޗާސް ގޯސްވޭ. ދެން ގިނަ ފަހަރަށް އެ ހިތްހަމަ ނުޖެހުން ދެމި އެބައޮވޭ އެކުއްޖަކު ސްކޫލް ނިމެންދެން،" ޕްރައިމަރީ ސްކޫލެއްގެ މުދައްރިސަކު ބުންޏެވެ.

ހަމަ އެގޮތަށް ކިޔެވުމުގެ ތެރެއިން ދިމާވާ އެކި ޒާތުގެ ކަންކަމުގެ ސަބަބުން ބެލެނިވެރިންގެ ނުރުހުން މުދައްރިސުންނަށް އަމާޒުވެއެވެ. އަދި އެ ނުރުހުން ބައެއް ފަހަރަށް ހަސަދައަށް ވެސް ބަދަލުވާ ފަހަރުތައް އާދެއެވެ. ގިނަ ފަހަރަށް ކަމުގެ ދެކޮޅު ބެލުމެއް ނެތި ބެލެނިވެރިން މުދައްރިސުންނާ މެދު ދެކޭ ގޮތުގެ ސަބަބުންނެވެ.

ސްކޫލެއްގެ ދަރިވަރުންތަކަކާއި މުދައްރިސެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަހަލަ ކިތަންމެ ކަމެއްގެ ސަބަބުން މުދަރިސުންނަށް އޭގެން ކުރާ ނޭދެވޭ އަސަރު ވިސްނާލަން ނޭނގޭހާ ބޮޑެވެ. އެކި ކަހަލަ ކަންކަމުގައި ބެލެނިވެރިން ކަންކުރާ ގޮތުން މުދައްރިސުންނަށް ނަފްސާނީ ގޮތުން ވެސް އޭގެ އަސަރުކުރެއެވެ. އަދި އެމީހުންގެ ވަޒީފާ ގެއްލޭ ހިސާބަށް ވެސް ކަންކަން އެބަދެއެވެ. އޭގެ ސަބަބުން ކަން ހިނގި ގޮތް ނޭނގޭ މީހުންގެ ހިތްތަކުގެ އެ މުދައްރިސަކާ ގުޅުވައިގެން ދެކޭ ގޮތް މާކުރިން ބަދަލުވެއެވެ. އެކަންކަން ތަހައްމަލު ކުރަން ޖެހުނު މުދައްރިސުންގެ ތަޖުރިބާ އެ ވާހަކަތަކަށް ހެކިދެއެވެ.

"އަޅުގަނޑާ ދިމާވި ކަމެއް ވީމަ އެނގެނީ. ކްލާހުގައި އިންނަ އެންމެ ކުއްޖަކު އަޅުގަނޑު ކިޔަވައިދޭ މާއްދާއިން ފާސްނުވާތީ އެކަމުގައި އަޅުގަނޑު ކުށްވެރިކޮށްގެން ވަރަށް ބޮޑަށް އެވާހަކަ ދެއްކި. އަޅުގަނޑަށް ކިޔަވައިދޭން ނޭނގެނީއޭ ކިޔާފަ. އެކަމަކު އެހެން ދަރިވަރުން ހަމަ ރަނގަޅު ނަތީޖާ ހޯދާ. އެކަމެއް ދިމާވިއިރު މުދައްރިސެއްގެ ގޮތުގައި އުޅޭތާ ހަ އަހަރު ވެއްޖެ ހަމަ ސާނަވީ ގްރޭޑް ތަކަށް ކިޔަވައިދޭތާ. އެކަމުގެ ސަބަބުން އަޅުގަނޑުގެ ޝަކުވާ ކޮށް އެ ކްލާހަށް ކިޔަވައިދިނުން ވެސް ބަދަލުކުރި. އުފާވީ އެހެން ބެލެނިވެރިން އެކަމާ އެއްބަސް ނުވީމަ، އެކަމު ބައެއް ފަހަރަށް ސެލްފް ކޮންފިޑެންސް ދަށްވެ، އެހެން މީހުން ކައިރިއަށް ދިޔައީމަ ބަލައިނުގަންނަ ހިސާބަށް ދޭ،" މުދައްރިސެއްގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

ސްކޫލެއްގެ ދަރިވަރުންތަކަކާއި މުދައްރިސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ މުދައްރިސުންގެ ތަޖުރިބާ މި ދާއިރާގައި ހިއްޗެވެ. އެ މީހުން އެންމެ ދެރަވާ ކަމަކީ އެ ވާހަކަ މީހުން ނުދައްކާތީއެވެ. އަދި ހުރިހާ ވަގުތެއް ދަރިވަރުންނަށް ދޭ މީހުން ތަހައްމަލު ކުރަންޖެހޭ ކަންކަމަށް ސަމާލުކަން ނުދޭތީއެވެ.

މިފަދަ ކަންކަން ބޮޑެތި މައްސަލަތައް ގޮތުގައި ކަމާ ބެހޭ ފަރާތްތަކަށް ހުށަނާޅާ ނަމަވެސް، މި މައްސަލައަކީ ވަރަށް ގިނަ ސްކޫލް މެނޭޖުމެންޓުތަކުން ބަލަން ޖެހުނު ކަމެކެވެ.

"އެކަހަލަ މައްސަލަތައް ސްކޫލުގައި އެގޮތަށް ދިމާވޭ. އަޅުގަނޑުމެންނާ ހިސާބަށް ވެސް އާދޭ. އެއީ ދެން ދާއިރާގެ ވެސް ގޮތުން. އެކަހަލަ ކަންކަމަށް ވެސް ތައްޔާރުވެގެން ތިބެން ޖެހޭނީ. ނުދަންނަވަން އެއީ ރަނގަޅު ކަމެކޭ. އޭގެ ސަބަބުން އެ މުދައްރިސަކަށާއި، ދަރިވަރުން އަދި ސްކޫލަށް ވެސް އޭގެ އަސަރުކުރޭ. އެކަހަލަ ކަންކަން ދިމާވޭ މި ދާއިރާގަ،" މާލޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.

ހާލަތު ކިތަންމެ ތާފުތުވެ، ބެލެނިވެރިންގެ ވިސްނުން ތަފާތު ނަމަވެސް މިކަހަލަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އެފަދަ ހާލަތްތަކަށް ތައްޔާރުވެތިބެ، މީހާގެ ގާބިލު ކަމާމެދު ޔަގީންކަން ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް އެދެއެވެ.

"މިނިސްޓްރީއަކަށް ތިކަހަލަ ކަންކަން ވަކި ވަކި މައްސަތައް ގޮތަކަށް ނާދޭ. އެކަމަކު މުދައްރިސަކަށް އުޅެފަ، ދާއިރާ ތަޖުރިބާ ކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން ބުނަން ކެރޭ އެކަހަލަ ކަންކަން ވެޔޭ. އެފަދަ ސިނާރިއޯސް އާދޭ. އެކަމަކު ކޮންމެ މީހަކީ ތަފާތު މީހަކަށްވީމަ ބެލެނިވެރިންގެ ހުންނާނެ ދަތި ގޮތެއް ބައެއް ކަންކަން ގަބޫލުކުރަން. އެއީ ދެން އެކަން އޮންނަ ގޮތް. އަޅުގަނޑުމެން އަބަދުވެސް މުދައްރިސުންނަށް އިރުޝާދު ދެނީ އެފަދަ ހާލަތްތައް މެދުވެރި ވެދާނެ ކަމަށް ވިސްނައިގެން ވީ އެންމެ ރަނގަޅަކަށް ކަންކަމާ ޑީލް ކުރަން،" އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަހުމަދު އަލީ ވިދާޅުވިއެވެ.

ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަން މިހެން އޮތް އިރު ސްކޫލުތަކާއި މުދައްރިސުން އަދި ބައެއް ބެލެނިވެރިން ވެސް ގަބޫލުކުރާ ގޮތުގައި މިކަހަލަ ކަންކަން މަދުކުރެވޭނީ ކަމުގެ ހަގީގަތް ބަލައިގެންނެވެ. އަދި އަމިއްލަ ނަފްސަށް އަބަދު ވިސްނޭ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުބަލައި، އެމީހަކީ "ޓީޗަބަލް" މީހަކަށް ވެގެންނެވެ. މުދައްރިސުންނަކީ ދަރިވަރުންނަށްޓަކައި އަބަދުމެ ތިބޭ ބަޔަކަށް ވާއިރު، މުދައްރިސުންނަށް ހައްގުވާ އިޚުތިރާމު ދީގެންނެވެ.

ހަގީގީ މާނައިގައި މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި މިފަދަ ކަންކަމާ ސަމާލުވެ، ކޮންމެ ބެލެނިވެރިއަކު ވެސް އެމީހެއްގެ ޒިންމާ އަދާކުރަން ޖެހެއެވެ. އޭރުން މިފަދަ ކަންކަން މަދުވެ، ކިޔެވުމުގެ މާހައުލަކީ ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮ ތަނަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް