މި ހަފުތާގެ އަންގާރަ ދުވަހު އަޅުގަނޑު ހައްޔަރުކުރާނެ: ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

ވޮޝިންޓަން (18 މާޗް 2023): މި ހަފުތާގެ ތެރޭގައި ނިޔުޔޯކްގެ ފުލުހުން އޭނާ ހައްޔަރުކުރާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްގައި ޓްރަމްޕް ވިދާޅުވެފައިވާގޮތުން އޭނާ ހައްޔަރުކުރާނީ މި ހަފުތާގެ އަންގާރަ ދުވަހުއެވެ. ހައްޔަރުކުރާނީ، ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް އާއެކު އޭނާ ހިންގެވި ކަމަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި ސްޓޯމީއަށް ރިޝްވަތުގެ ދެއްވި ކަމުގެ ތުހުމަތުގައެވެ.

ޓްރަމްޕް، ސްޓޯމީއަށް ފައިސާ ދިނީ 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކުރި ކެމްޕޭންގެ ތެރެއިންނެވެ. ބޭނުމަކީ އެ އަންހެންމީހާއާއެކު ޓްރަމްޕް ހިންގެވި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް އެމެރިކާގެ ރައްޔިތުންނަށް ފޮރުވުމެވެ.

އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންގެ ހަގީގަތް ފޮރުވުމަކީ އަދި އެކަމަށް މަސައްކަތްކުރުމާއި ރީޝްވަތު ދިނުމަކީ އެމެރިކާގައި އަދަބުލިބޭ ކުށެކެވެ. ސްޓޯމީ އާއެކު ގުޅުންތައް ހިންގިކަމަށް ކުރެވޭ ތުހުމަތުތައް ޓްރަމްޕް ދޮގުކުރައްވައެވެ. ނަމަވެސް ސްޓޯމީ މިކަން ކަށަވަރުކޮށްދެއެވެ.

ސްޓޯމީ ޑެނިއަލްސް -- ފޮޓޯ/ އޭޕީ

މިގުޅުންތައް ފޮރުވުމަށް ޓަކައި ޓްރަމްޕްގެ ފަރާތުން ސްޓޯމީއަށް ގިނައަދަދަކަށް ފައިސާ ދިންކަންވެސް ސްޓޯމީ ވަނީ ކަށަވަރުކޮށްދީފައެވެ.

މިމައްސަލައަކީ 2019 ވަނަ އަހަރު ފެންމަތިވި މައްސަލައެކެވެ. އޭރުގެ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް އޭނާގެ ވަކީލުން މެދުވެރިކޮށް ސްޓޯމީއަށް 130 ހާސް ޑޮލަރު ދިނެވެ. ސޯޝަލް މީޑިއާގައިވާ ޓްރަމްޕްގެ އަމިއްލަ ޕްލެޓްފޯމްގައި އޭނާ ވިދާޅުވެފައިވަނީ ނިޔުޔޯކްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރާނެ ކަމުގައެވެ.

މިކަން ޓްރަމްޕަށް އެނގިފައިވަނީ އެއޮފީހުގެ މުވައްޒަފެއްގެ ފަރާތުންކަމަށްވެއެވެ. ޓްރަމްޕްގެ މައްޗަށް މިތުހުމަތު ސާބިތު ވެއްޖެނަމަ އޭނާ ވާނީ، އެމެރިކާގައި ވެރިކަންކޮށްފައިވާ ކުރީގެ ރައީސުންގެ ތެރެއިން ޖިނާއީ މައްސަލައެއްގައި ބެދޭ ފުރަތަމަ ރައީސަށެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި މިއީ 2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރަން ނިންމާފައިވާތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ރާވައިގެން ކުރާ ކަމެކެވެ. ފޭސްބުކާއި ޔޫޓިއުބުން ޓްރަމްޕް ބޭރުކޮށްލިތާ ދެއަހަރުފަހުން އެދެ އެޕުން މިހާރުވަނީ ޓްރަމްޕަށް އަލުން ފުރުސަތު ދީފައެވެ. މިއާއެކު މިއީ ސިޔާސީ މައިދާނަށް އަލުން އެނބުރި އައުންކަމަށް ޓްރަމްޕްވަނީ ސިފަކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު