ރައީސް ނަޝީދުގެ އައު ފޮތް "ކިއްލާ މާލޭ" ހޯމަ ދުވަހު ނެރެނީ

ރައީސް ނަޝީދުގެ އައު ފޮތް "ކިއްލާ މާލޭ" ފޮތުގެ ބޭރުގަނޑު --

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި އައު ދިރާސާ ފޮތް "ކިއްލާ މާލޭ" އަންނަ ހޯމަ ދުވަހު ނެރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ޕަބްލިޝިން ހައުސް، އޯޝަން ޕަބްލިޝާޒްގެ ފަރާތުން މި ފޮތް ނެރުމުގެ ޙަފްލާ ބާއްވާނީ، ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ހޯމަދުވަހުގެ ރޭ 8:15 ގައެވެ.

އެ ޙަފްލާއަށް ދައުވަތުދެއްވާ ނަޝީދު ފޮނުއްވި ނޯޓިހުގައި ވިދާޅުވީ "ކިއްލާ މާލޭ" ފޮތަކީ މީލާދުގެ 1700- 1900އާ ދެމެދުގެ ދުވަސްތަކުގައި މާލޭގައި ދިރިއުޅެމުން އައި ޢާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭ ގޮތުން އެ މަނިކުފާނު އެކުލަވައިލެއްވި މުޅިން އައު ދިސާރާ ފޮތެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ތާރީޚާއި އަދި ސިޔާސީ މަޝްރަހާބެހޭ ފޮތްތައް ލިޔުއްވާ ނެރުއްވާފައިވެއެވެ. އޭގެ ތެރޭގައި "ދެ ރަދުން،" "އެއްބަސްވެވޭ އިންޤިލާބު"، "ދަގަނޑު ދަހަނާ"، އަދި މުޙައްމަދު އަމީނުގެ ވެރިކަން ނިމިގެންދިޔަ ހާދިސާގެ މައްޗަށް ލިޔުއްވި "ވެރިއެއްގެ ނިމުން" ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ނޫސްވެރިކަން ވެސް ކުރެއްވި ނަޝީދަކީ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވަމުން ގެންދަވާ ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ. އެގޮތުން އެ މަނިކުފާނު މިހާރު ވެސް ގެއްދަވަނީ "އޯޝަން ވީކްލީ" ގެ ނަމުގައި ހަފްތާ މަޖައްލާއެއް ނެރުއްވަމުންނެވެ.

comment ކޮމެންޓް