އަލާޔާއަކީ ކުރިމަގުގައި ސުޕަސްޓާއެއްގެ ދަރަޖަ ހާސިލުކުރާނެ ބަތަލާއެއް: ޕްރިޔަންކާ ޗޯޕްރާ

ފިލްމު "ޖަވާނި ޖާނެމަން"އިން 2007ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާ އަލާޔާ ފަރްނީޗަރްވާލާއަކީ ކުރިމަގުގައި ބޮލީވުޑްގައި ސުޕަސްޓާއެއްގެ މަޤާމު ހޯދާނެކަމަށް ބެލެވޭ ތަރިއެއްކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ޕްރިޔަންކާ މިހެން ބުނެފައިވަނީ ކުރިޔަށްއޮތް އޭޕްރީލް 28ގައި ރިލީޒްކުރާ ވެބް ސީރީސް "ސިޓަޑެލް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިޔަކުކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

ޕްރިޔަންކާގެ ނަޒަރުގައި ބޮލީވުޑްގައި މިހާރު ތިބި ޒުވާން ބަތަލާއިންގެ ތެރެއިން ހިންދީ ސިނަމާ ފަތަޙަ ކުރާނީ ކޮން ބަތަލާއެއްތޯ އެހުމުން ޕްރިޔަންކާ ފުރަތަމަ ބުނީ އެއީ ބަތަލާ އާލިއާ ބަޓް ކަމަށެވެ. ނަމަވެސް އާލިއާއަކީ މިހާރުވެސް ސުޕަސްޓާއެއްގެ ދަރަޖަ ހޯދާފައިވާ ތަރިއެއް ކަމަށާއި މި މަޤާމަށް ދެން އެންމެ އެކަށީގެން ވަނީ އަލާޔާކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.

ޕްރިޔަންކާ ބުނީ، އަލާޔާއަކީ ކުރީގެ ފިލްމީ ތަރި ޕޫޖާ ބެދީގެ ދަރިފުޅު ކަމަށާއި އެހެން އެއްވެސް މީހެއްގެ ސްޓައިލް ކޮޕީނުކޮށް އަމިއްލަވަންތަ ސްޓައިލްގައި ދެމިހުރި ބަތަލާއެއް ކަމުގައެވެ. އަދި މިއީ ފިލްމީ ދާއިރާއިން ކުރިޔަށްދާން ވަރަށް މުހިއްމު ބޭނުންތެރި ސިފައެއްކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.

އަލާޔާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ އަދަދު މަދުނަމަވެސް ކުޅެފައިވާ ފިލްމުތަކުން އަލާޔާގެ ޔުނީކް އެކްޓިންގް ހުނަރު ވަރަށް ރަގަޅަށް ދައްކުވައިދީފައިވާކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އަލާޔާގެ ފިލްމީ ކެރިއަރުގެ ކުރިޔަށްހުރި ފިލްމުތަކުން މާބޮޑަށް ވެސް އެކަން ސާބިތު ކޮށްދޭނެ ކަމަށާއި ބެލުންތެރިން އެކަން ވަރަށް އަވަހަށް ދެކޭނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަލާޔާއަކީ ކުރީގެ ބައެއް ފިލްމުތަކުން ފެނިފައިވާ އެކްޓަރު ކަބީރް ބެދީގެ ކާފަ ދަރިފުޅެވެ. ފިލްމު "ޖަވާނި ޖާނެމަން"ގައި ބަތަލާ ދެއްކި އެކްޓިންގްއަށް ކްރިޓިކުން ތަޢުރީފު ކޮށްފައިވާއިރު އެ އަހަރުގެ ބެސްޓް ފީމޭލް ޑެބިއު ކެޓަގަރީއިން ފިލްމްފެއާ އެވޯޑް ވެސް 25 އަހަރުގެ ބަތަލާ ވަނީ ކާމިޔާބު ކޮށްފައެވެ.

ޕްރިޔަންކާ ފާޅުކުރި ޚިޔާލަށް ރައްދު ދެމުން އަލާޔާ ބުނެފައި ވަނީ އެއިންޓަވިއު އަޑު އަހާފައި ބަޔާންކުރަން ވެސް ނޭނގޭކަހަލަ އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ޕްރިޔަންކާ ފަދަ ބައިނަލް އަޤްވާމީ ބަތަލާއެއްގެ ފަރާތުން އަލާޔާއަށް އެފަދަ ގޮތަކަށް ތަޢުރީފުކުރުމާއެކު އެއީ މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ލިބުނު ހިތްވަރެއް ކަމަށް އަލާޔާ ބުނެފައިވެއެވެ.

އަލާޔާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ރިލީޒްވި ފިލްމު "އޯލްމޯސްޓް ޕިޔާރު ވިތް ޑީޖޭ މޮހައްބަތް"އިންނެވެ. މިދިޔަ އަހަރު ރިލީޒްވި ފިލްމު "ފްރެޑީ"އިން ކާތިކް އާރްޔަންއާއެކު ވެސް ބަތަލާ ފެނިގެންގޮސްފައިވެއެވެ. މިއަހަރު އެކަނިވެސް އަލާޔާ އަންނަނީ ތިން ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ދެ ފިލްމެއްގެ މަސައްކަތް ވަނީ ނިމި ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައެވެ.

comment ކޮމެންޓް