ބިޒީވުމާއި ބިޒީކުރުވުން، ހައްލު ހޯދަންޖެހޭ ޒަމާނީ މައްސަލައެއް!

ދެމީހަކު ފޯނަށް ބަލަހައްޓައިގެން --- ފޮޓޯ/އެކްސްޕާޓްގައިޑްޓަރކީ.ކޮމް

ހަގީގަތާ ގާތްކުރާ، ޚިޔާލީ މި ވާހަކައަށް ބަލައިލަމާ ހިނގާށެވެ. އޮފީސް ވަގުތުގައި މަދުވެގެން ދުވާލަކު ދެފަހަރު ދަރިފުޅު މަދަރުސާއަށް ލާން އަދި ބަލައި ދާންނުޖެހޭ މީހަކު މަދުވާނެއެވެ. މިފަދަ ޒުވާނަކު ދަރިފުޅު މަދަރުސާއަށް ލާފައި އައިސް އޮފީހަށް ވަންތަނުން، މަދަރުސާއަށް ގެންދާންޖެހޭ ތަކެތި ގެންދިޔައިންތޯ ގެއިން ގުޅާފައި އަހައިފިއެވެ. ކަމަކުދާކަށްނެތެވެ. "ދަރިފުޅުގެ ކުލާސް ވައިބަރު ގުރޫޕު" ބަލައިނުލައި ނިކުމެވުނީމައި ލަނޑު ލިބުނީއެވެ. އެދުވަހު ދަރިފުޅު ގެންދާންޖެހޭ ތަކެތީގެ ލިސްޓެއް އެރޭ ދަންވަރު ބާރަޖަހާން އުޅެނިކޮށް ގުރޫޕަށް ލާފައި އޮތެވެ. ނަސީބަކުން އެތަކެތި ބޭނުންވަނީ އިންޓަވަލް ފަހުގެ ގަޑިއަށެވެ. އެހެންވީމައި ތަކެތި ގަންނާން ފިހާރަތަކަށް ދުއްވާން ނިކުމެއްޖެއެވެ. އެހާ އަވަހަށް ނިކުންއިރު ސައިކަލުގައި ހުރީ އިސްޓިކާ ޖަހާފައެވެ. ވާނީވެސް އެހެންނެވެ. މަދަރުސާދޮށަށް ގޮސްފައި އައިސް ސައިކަލު ބެހެއްޓުނީ އޮފީސް ދޮރުމަތީގައެވެ. އެތަނުގައި ޕާކުކުރުން މަނަލެވެ. ޕާކިން ޒޯނު އޮތީ އޮފީހާ ތަންކޮޅެއް ދުރުގައެވެ.

ދެތިން ފިހާރައަކުން ތަކެތި ހަމަކުރުމަށްފަހު އެ ތަކެތި މަދަރުސާއަށް ގެންދިޔައެވެ. އެއަށްފަހު ޒުވާނާ އޮފީހަށް ވަދެ ކޮމްޕިއުޓަރު ހުޅުވައިލާފައި މަސައްކަތް ފެށުމުގެ ކުރީން ނޫސްތައް ހާވާން ފެށިއެވެ. އެކަމުގައި އިންދައި ކުއްލި ބައްދަލުވުމަކަށް ގޮވައިލީމައި އެތަނަށް ދިޔައެވެ. ގަޑިއެއްހާއިރުގެ އެ ބައްދަލުވުން ނިންމާފައި އޭނާގެ ކޮޓަރިއަށް ދަމުން ރައްޓެއްސަކަށް ގުޅައިލިއެވެ. ހާދަ ޚަބަރެއް ނުވެޔޭ ކޮފީއެއް އެއްޗެއްނެތްހޭ އެހީމައި އަވަހަށް އަންނަންވީކަމަށް އޭނާ ބުނެފިއެވެ. ދެން މާލަސްތަކެއްނުވެ އޭނާ އެބުނި ތަނަކަށް ހިނގައްޖެއެވެ. އިހުގައިނަމަ ކޮފީއަކަށް ގޮސްފައި ބޯލާނީ ކަޅެއް ނޫނީ ކޮފީ ތައްޓެކެވެ. ގިނަވެގެން އެތަނުގައި ހޭދަކުރާނީ ފަނަރަވަރަކަށް މިނެޓެވެ. މިހާރުވިއްޔާ އެއީ މީގެ އިދިކޮޅެވެ. ދާނީ ކޮފީއަށެވެ. ކާނީ ބިރިޔާނީއެވެ. ދާތަނެއްގައި މަދުވެގެން ގަޑި ދެގަޑިއިރު ހޭދަކުރާނެއެވެ. މި ޒުވާނާއަށްވެސް ވީ ހަމަ އެވަރެވެ.

އެމީހުން ކޮފީ ނިމިގެން ދާން ހިނގައިގެންތަނާ، ކައިރީގައި ހުރި މިސްކިތަކުން މެންދުރު ނަމާދަށް ބަންގި ގޮވާން ފެށިއެވެ. އެވަގުތު ރަޙުމަތްތެރިޔާ ބުންޏެވެ. ނަމާދުކޮށްލައިގެން ދަމާ ހިނގާށެވެ. ޒުވާނާ ޖަވާބު ދިނެވެ. ވަރަށް ގިނަ މަސައްކަތްތައް އެބަހުއްޓެވެ. މިއަދު މިއުޅެނީ ބިޒީކަމުން ހަމަ އެއްކަމެއްވެސް އަދި ނުވެގެންނެވެ. އަހަރެން ފަހުން ކޮށްލާނަމެވެ.

އިސްވެދިޔަ ވާހަކައިގައި، ހެނދުނު އޮފީހަށް ދިޔަ ޒުވާނާއަށް މެންދުރުވީއިރުވެސް އޭނާގެ ޒިންމާގައި ހުރި މަސައްކަތްތަކުގައި އަތްނުލެވުނީ ކީއްވެގެންހެއްޔެވެ؟ އޭނާ ބިޒީކުރުވީ ކޮންކަންތައްތަކެއްހެއްޔެވެ؟ ދަރިފުޅު މަދަރުސާއަށް ލާން އަދި ބަލާދާން ޖެހުން އެއީ ބައެއް ހާލަތްތަކުގައި ދޫކޮށްލެވޭން ނޯންނަ ޟަރޫރީ ކަމެކެވެ. އެހެންކަމުން ހަމަ ކޮންމެ އޮފީހެއްގައިހެން މިކަމުގައި އޮންނަނީ ލުއި ދީފައެވެ. މިއާޚިލާފަށް، މަދަރުސާގެ ވައިބަރު ގުރޫޕާއި، ދަރިފުޅުގެ ކުލާސް ވައިބަރު ގުރޫޕާއި، ދަރިފުޅު ބައިވެރިވެފައިވާ އިތުރު ހަރަކާތްތަކުގެ ވައިބަރު ގުރޫޕުތަކާއި، ބެލެނިވެރީންގެ ވައިބަރު ގުރޫޕާއި، މަދަރުސާގައި ކުރިއަށް އޮންނަ ހަރަކާތްތަކާ ބެހޭ ވައިބަރު ގުރޫޕުތަކާ މިހެން ގޮސް އަދަދު ނުކުރެވޭހައި ގިނަ ގުރޫޕުތަކުގެ ސަބަބުން މީހުން ބިޒީކުރުވާ މައްސަލައަށް ހައްލެއް ގެންނާންޖެހެއެވެ. އެކި ނަމުގައި ގުރޫޕުތައް ހަދައި މެސެޖުތައް ޖަހައިލަން ފަސޭހަޔަސް .... އެ ހުރިހައި ގުރޫޕެއް އިރުއިރުކޮޅާ ބަލައި، އެކި ބަހުރުވައިން ހުންނަ މެސެޖުތައް ކިޔައި، އޭގައި ބުނާ ކަންކަން ކުރާން ތިބި މީހުންނާމެދުގައި ވިސްނައިލާންޖެހޭނެއެވެ. ކަރުދާހުގެ މުއާމަލާތް މަދުކޮށް ޚިދުމަތް އަވަސްކުރުމުގެ މަޤުޞަދުގައި ކުރާ ކަންކަމުން ދިރިއުޅުން އިންތިހާއަށް އުނދަގޫވެއްޖެއެވެ. ކުއްލި ކުއްލިއަށް ގުރޫޕުތަކަށް ވައްޓައިލާ ލިސްޓުތަކުގެ ސަބަބުން، ކުރިން އަންދާޒާކޮށްފައިނުހުންނަ އެތައް ޚަރަދެއް ކުރާން އެބަޖެހެއެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށް، ދަރިފުޅުގެ މަދަރުސާގެ ކަންކަމުގައި ވަގުތުތަކެއް ދުއްވައިލާން އެބަޖެހެއެވެ. ބައެއް ދުވަސްދުވަހު ދަރިފުޅު މަދަރުސާގައި ލަދުގަންނާންޖެހޭ ފަހަރު އެބަ އާދެއެވެ. ބެލެނިވެރީންނަށް ވައިބަރު ބެލިފައިނެތުމުން، އެދުވަހު ލައްވާން އަންގާފައި އޮތްކަހަލަ ހެދުމެއް ނުލައްވާ ގެންދެވުނީމައެވެ. ނުވަތަ އެދުވަހު ދަރިފުޅު ގެންދާންޖެހޭ ކޮންމެވެސް އެއްޗެއް ނުގެންދެވުނީއެވެ. ވީމާ ތަޢުލީމާއި ތަރުބިޔަތުގެ މައި ދޮރޯށިތަކުގެ މި ދޯހަޅި ސިޔާސަތު ބަދަލުކުރާން ޖެހޭކަމަށް ބުނާ އެތައް ބަޔަކު އެބަތިއްބެވެ.

ޒުވާނާ އޮފީހަށް ވަންގޮތަށް ނޫސް ބަލާން ފެށުމާއި، ރައްޓެއްސަކަށް ގުޅައިގެން ކޮފީއަށް ގޮސް އެތައް އިރެއް ދުއްވައިލުން އެއީ ގަބޫލުކުރެވޭނެ ބިޒީވުމެއްނޫނެވެ. އެއީވެސް ކުރާންޖެހޭ ކަންކަން ނަމަވެސް، އެ ކޮންމެ ކަމަކަށްވެސް ވަކި ވަގުތަކާއި ހަމައެއް އޮންނާނެއެވެ. ދުރަށް ދެވޭންނެތް ބޭރުގެ ނުފޫޒުތަކުގެ ސަބަބުންނާއި، އަމިއްލަ އިޚުތިޔާރުގައި ކުރާ ކަންތައްތަކެއް ސަބަބުން މާބޮޑަށް ބިޒީވަނީއެވެ. މި ކޮންމެ ގޮތަކަށް ބިޒީވިޔަސް އާޚިރު ނަތީޖާއަކީ އާއްމުންނަށް ދޭންޖެހޭ އެތައް ޚިދުމަތްތަކެއް ނުލިބި ލަސްވަމުން ދިއުމެވެ. ޚިދުމަތް ދޭ ފަރާތާމެދު އާއްމުންގެ ހިތުގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދޭން ފެށުމެވެ. ވީމާ، ސިޔާސަތު ހަދާ ފަރާތްތަކުންނާއި ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކުންވެސް އިޚުލާޞްތެރިކަމާއެކު މި މައްސަލައަށް ހައްލެއް ހޯދައިދޭށެވެ. އިޚުލާޞްތެރިކަމުގެ މާނައަކީ ކުރާ ކޮންމެ ކަމެއްމެ ﷲ ގެ ވަޖުހުފުޅު އަދައިގެން އެކަލާނގެ ރުއްސެވުން ހޯދުމުގެ ނިޔަތުގައި ކުރުމެވެ. އަދި ކޮންމެ މުވައްޒަފަކީވެސް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް، ލިބޭ އުޖޫރަ ޙަލާލުވާނެހެން ޢަމަލުކުރާ ފަރާތަކަށްވާށެވެ. ޙަރާމް އެއްޗެތި ކައިގެން ޖަހާ މަހަށް އެންމެ އައުލާވެގެންވަނީ ނަރަކައިގެ އަލިފާންކަމަށް ޙަދީޘްގައިވެއެވެ.(ތިރުމިޛީ: 558)

ގުޅޭ ޓެގު
comment ކޮމެންޓް