ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ލިމިޓު 1.2 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

ބީއެމްއެލް އިސްލާމިކުން ކަސްޓަމަރުންތަކެއް ހިދުމަތް ހޯދަނީ: --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސް މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ނަގުދުފައިސާ އާއި މުދާ ނެގޭގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިސްލާމިކް ފައިނޭންސަށް ގެނައި ހެޔޮ ބަދަލާއި ގުޅޭގޮތުން ޤައުމީ ބޭންކުން މިއަދު ބުނީ، އެ ބޭންކުގެ އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ އާއި މުދާ މިހާރު ނެގޭނޭ ކަމަށެވެ. މީގެ ކުރިން ނެގެނީ 300،000 ރުފިޔާ އާ ހަމައަށެވެ.

ބީއެމްއެލްއިން މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީއަށް ވެސް ބަލައެވެ. އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ވާނަމަވެސް ފެސިލިޓީއަށް އެދި ހުށައެޅޭނެއެވެ.

މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ)، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުޞޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔަރމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަނެވޭނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް ރިޓަޔަރމަންޓް ޕެންޝަން ތެރޭގައި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެއެވެ.

ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.

comment ކޮމެންޓް