އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ރޯދައަށް ވިއްކަން ގެނައި ފިޔާ ބަސްތާތަކެއް--- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ރޯދައަށް ހާއްސަކޮށް ގެނައި ބިހާއި، އަލުވި، އަދި ފިޔާ ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ ހޯލްސޭލް އަގުތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

އަގަށް ގެނައި ހެޔޮ ބަދަލާއިއެކު ކުރިން 250 ރުފިޔާއަށް ވިއްކަމުން އައި އަލުވި ބަސްތާއެއް މިއަދުން ފެށިގެން ވިއްކާނީ 240 ރުފިޔާއަށެވެ. ކުރިން 170 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގު 160 ރުފިޔާއަށް ހެޔޮކޮށްފައި ވާއިރު، ބިސް ކޭހެއްގެ އަގުވަނީ 290 ރުފިޔާއިން 280 ރުފިޔާއަށް ހެޔޮކޮށްފައެވެ.

ފިޔާ، ބިސް، އަދި އަލުވި ހޯލްސޭލްކޮށް ވިއްކާ އަގުތައް ހެޔޮކުރި ނަމަވެސް، ރީޓެއިލްކޮށް މި ތަކެތި ވިއްކާ އަގުތައް ހުރީ ކުރިއެކޭ އެއް އަގުތަކެއްގައެވެ. މިގޮތުން ބިހެއް ވަކިން 1.75 ރުފިޔާއަށް އެސްޓީއޯއިން ވިއްކާއިރު، ފިޔާ ކިލޯއެއް ވިއްކަނީ 9 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް ވިއްކަނީ 11 ރުފިޔާއަށެވެ.

އެސްޓީއޯ ގުދަނަކުން ތަކެތި ޕިކަޕަށް ލޯޑުކުރަނީ--

ދިވެހިން އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން، ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ކުރިއަށް އޮތް ރަމަޟާންމަހު ބާޒާރުގައި ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން ވަނީ އެތަކެތި ރާއްޖެ އެތެރެކޮށް ހެޔޮއަގުގައި ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓަރ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި މިހާރު ވަނީ އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ގާއިމް ކޮށްފައެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހުޅުވި ކައުންޓަރެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރެއްގެ މުއައްޒަފަކު އިންވޮއިސްއެއް ހަދަނީ--- ފޮޓޯ/ އެސްޓީއޯ

މިއާ އެކީ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން މިހާރު ފައިސާބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ ދޫކުރެވޭނޭ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ރޯދަ މާޓުން ވެސް މި ހުރިހާ ހިދުމަތެއް ލިބޭނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

comment ކޮމެންޓް