އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އީރާނުގައި އިންވެސްޓްކުރަން ސައޫދީން ތައްޔާރުވަނީ

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި އީރާނުގެ ރައީސް އިބްރާހީމް ރައީސީ

ސައޫދީ އަރަބިޔާއިން އީރާނުގައި އިންވެސްޓްކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ސައޫދީ މާލީ ވަޒީރު މުހައްމަދުލް ޖަދުއާނު އިއްޔެވަނީ ވިދާޅުވެފައެވެ.

ސައޫދީ ވެރިރަށް ރިޔާޒްގައި ބޭއްވި އެގައުމުގެ މާލީ ސެކްޓަރުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައޫދީ މާލީ ވަޒީރު ވިދާޅުވިގޮތުގައި އީރާނަކީ ސައޫދީން އިންވެސްޓް ކުރުމަށް ވަރަށް ގިނަ އަދި ރަނގަޅު ފުރުސަތުތަކެއް ހުރިގައުމެކެވެ. ސައޫދީ ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި ސައޫދީ މަހުޖަނުންނާއި އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާނެކަން އީރާނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައޫދީ ވަޒީރު ވިދާޅުވި ގޮތުގައި ސައޫދީއާއި އީރާނުން އެއްގައުމުން އަނެއް ގައުމުގައި އެންބަސީ ހުޅުވައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރެވުމާއެކު ސައޫދީ އިންވެސްޓްމަންޓްތައް އީރާނަށް ވަންނަން ފަށާގޮތަށް މިހާރުދަނީ ކަންކަން ރާވަމުންނެވެ.

"ކައިރި މުސްތަގްބަލެއްގައި ދެގައުމުގެ ކުންފުނިތަކުގެ ވެރިންނާއި ދެގައުމުގެ ވިޔަފާރިވެރިންވެސް ބައްދަލުވުންތައް ބާއްވަން ފަށާނެ،" ސައޫދީ މާލީ ވަޒީރު ވިދާޅުވިއެވެ.

ސައޫދީ މާލީ ވަޒީރު މުހައްމަދުލް ޖަދުއާން

ސައޫދީއާއި އީރާނުން ދެބަސްވުންތަކާއި ޚިލާފުތައް އެއްފަރާތް ކުރުމަށްފަހު އަލުން ޑިޕްލޮމެޓިކް ގުޅުންތައް އުފައްދައި އެއްގައުމު އަނެއްގައުމަށް އިތުބާރުކުރަން ނިންމީ ޗައިނާގެ ރައީސް ޝީ ޖިންޕިން މެދުވެރިއަކަށްވެވަޑައިގެން ޗައިނާ ސަރުކާރުން ކުރި ޚާއްސަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިކަމާބެހޭ އެއްބަސްވުމުގައި އީރާނާއި ސައޫދީގެ އިސްމަސްއޫލުވެރިން ސޮއިކުރައްވާފައިވަނީ ޗައިނާގެ ވަރަށް އިސް މަސްއޫލުވެރިއެއް ކަމަށްވާ ވާންގްޔީގެ ހާޒިރުގައެވެ. މި އެއްބަސްވުމުގެ ކުރިން އީރާނުގެ ރައީސް ވަނީ ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސާއެކު މިކަމާބެހޭ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ޗައިނާގެ ރައީސްވަނީ ސައޫދީ ވަލީއުލްއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އާ ފޯނުން އެކިފަހަރުމަތިން ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ.

ސައޫދީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އަދި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ބޮޑުބޭބެ ވިދާޅުވާ ޕްރިންސް ތުރުކީ އަލްފައިސަލް ވިދާޅުވިގޮތުގައި ސައޫދީއާއި އީރާން ސުލްހަ ކުރުވުމަކީ ޗައިނާއަށް ނޫނީ ނުކުރެވޭވަރުގެ ބޮޑު އަދި ސްޓްރެޓީޖިކް ކަމެކެވެ.

ޗައިނާއަށް މިކަން ކުރެވުނީ ސައޫދީއާއި އީރާނުންވެސް ޗައިނާއަށް އިންތިހާއަށް އިތުބާރުކުރާތީއާއި ޗައިނާއާއެކު ސައޫދީއާއި އީރާނުންވެސް ވަރަށް ބަދަހި ގުޅުންތަކެއް ގާއިމްކޮށްފައިވާތީއާއި ދުނިޔޭގެ މަސްރަހުގައި ޗައިނާގެ ޖިއޮޕޮލިޓިކަލް ދައުރުގެ ބޭނުންތެރިކަމާއި މުހިއްމުކަން މިދެގައުމަށް ވިސްނޭތީ ކަމަށް ޕްރިންސް ތުރުކީ ވިދާޅުވިއެވެ.

ސައޫދީ ވެރިރަށް ރިޔާޟް

އީރާނާއި ސައޫދީން އެއްބަސްވެފައިވަނީ ގިނަވެގެން ދެމަސްތެރޭގައި ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އުފައްދައި އެންބަސީތައް ހުޅުވައި ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމަށެވެ.

އީރާނާއި ސައޫދީން ގުޅުންތައް ގާއިމްކުރަން ނިންމި ނިންމުމަށް އިސްލާމީ ދުނިޔެވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. އިސްލާމީ ދުނިޔޭގައި އާދަޔާ ޚިލާފަށް ނުފޫޒުގަދަ އަދި ގުދްރަތީ ވަސީލަތްތައްގިނަ އަދި ވަރަށް ގިނަ ދާއިރާތަކުގައި ކުރިއަރާފައިވާ ދެގައުމު ކަމަށްވާ އީރާނާއި ސައޫދީގެ ގުޅުންތައް ކެނޑި ދެބަސްވުމާއި އަރާރުމުގެ ހާލަތުގައި އޮންނާތީ އިސްލާމީ ވަރަށް ގިނަ ގައުމުތަކަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރައެވެ.

މިކަމުގެ ސަބަބުން ސަރަހައްދަށް އަތްގަދަކުރުމަށާއި ސޫރިޔާފަދަ ގައުމުތަކަށް އުދުވާނީ ހަމަލާތައްދީ އެމެރިކާގެ އެހީގައި ދޭދޭގައުމުތައް ފިތުނަކޮށް ފަލަސްތީނުގެ މައްސަލަ އޮއްބާލައި އަރަބި ގައުމުތަކަށް އޮތް ބިރަކީ އިސްރާއީލު ނޫންކަމާއި އީރާންކަމަށް ދެއްކުމަށް އިސްރާއީލުން މަސައްކަތްކޮށް އެކަމުގައި ބައެއް ކާމިޔާބީތައް ވެސް އިސްރާއީލުވަނީ ހޯދާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނަށާއި މާތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް އުދުވާން ހިންގުމަށްވެސް އިސްރާއީލަށްވަނީ ބޮޑު ހިތްވަރެއް ލިބިފައެވެ. އީރާނާއި ސައޫދީގެ ގުޅުންތައް ރަނގަޅުވެއްޖެނަމަ ސަރަހައްދުގެ ވަރަށް ގިނަ މައްސަލަތައް ހައްލުވުމަށް މަގުފަހިވާނެކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގެ ވެރިރަށް ތެހެރާން

އީރާނަކީ އާބާދީ ބޮޑު ތައުލީމާއި ތަމްރީން ލިބިފައިވާ މީހުން ގިނަ ގައުމަކަށްވާތީ އީރާނުގައި އިންވެސްޓްކުރަން ސައޫދީއަށް ފަސޭހަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ 44 އަހަރު ވެފައިވާއިރު އީރާނުގެ އިގްތިސާދާއި ފަތުރުވެރިކަމާ ދަނޑުވެރިކަމާއި އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި އިންވެސްޓްކޮށްގެން މަންފާ ހޯދޭނެ ވަރަށް ރަނގަޅު ފުރުސަތުތަކެއް ހުރިކަން ސައޫދީ މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

އީރާނާއި ސައޫދީއަކީ އަވަށްޓެރި އަދި ފަސޭހައިން ދަތުރުފަތުރުކޮށް އުޅެވޭހާ ކައިރި ދެގައުމު ކަމަށްވުމަކީވެސް އިންވެސްޓްކުރަން ފަސޭހަ ކަމަކަމަށް ވެގެންދާނެކަން ސައޫދީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

އީރާނާއި ސައޫދީން ގުޅުންތައް ގާއިމްކުރަން ނިންމި ނިންމުމަށް އިސްލާމީ ދުނިޔެއިން ވަރަށް ހޫނު މަރުހަބާއެއް ކީނަމަވެސް މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއީލުންވަނީ މިކަމާމެދު މާޔޫސްވެ ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީރާނާއި ސައޫދީ ޖައްސައި ފިތުނަކޮށްގެން ޒަމާނުއްސުރެ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދިޔަ އެމެރިކާވެސް މިކަމަށްދިނީ ވަރަށް ފިނި ތަރުހީބެކެވެ. އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ޔޫރަޕްގެ ގައުމުތައްވެސް މިކަމަށް ދިނީ ވަރަށް ފިނި ތަރުހީބެކެވެ.

ސައޫދީން އީރާނުގައި އިންވެސްޓް ކުރަންފެށުމަކީ އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފޫއަޅުވާލާނެކަމެކެވެ. މިއީ އެމެރިކާއަށް ގޮންޖަހާފައި ކުރާކަމަށްވެގެންދާނެއެވެ. ކުރިން މިފަދަ ކަމެއްކުރަން ސައޫދީއަށް ނުކެރުނު ނަމަވެސް މިހާރު ސައޫދީއަކީ އެމެރިކާ ބުނާހާ ގޮތެއް ހަދާ ގައުމެއްނޫންކަމާއި އެމެރިކާއަށް ގޮންޖަހާފައި ކަންކަން ކުރަން ކެރޭ ގައުމެއްކަންވަނީ ހާމަވެފައެވެ.

އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން ކުރިން އުޅުނު އުޅުން ސައޫދީ މިފަހަކަށް އައިސްވަނީ ދޫކޮށްލާފައެވެ. އެމެރިކާއަށް ގޮންޖަހާފައި އީރާނުގައި މިހާތަނަށް އިންވެސްޓް ކުރަމުން ގެންދިޔައީ ޗައިނާ، ރަޝިއާ، އިންޑިއާ ފަދަ މަދުގައުމެކެވެ.

comment ކޮމެންޓް