ފިޔަޖަހަމުން އަންނަ ޒުވާން ފުޓުބޯޅަ ތަރި، އިލާންއަށް ޔޫއޭއީ ކްލަބަކުން ފުރުސަތެއް

އިލާން އެފްއޭއެމްގެ ރައީސް ބައްސާމްއާއެކު--- ފޮޓޯ/ ބައްސާމް

ޔޫތު ފުޓުބޯޅަ މުބާރާތްތަކުން ފިޔަ ޖަހަމުން އަންނަ ރާއްޖޭގެ ޒުވާން ފުޓުބޯޅަ ތަރި މުހައްމަދު އިލާން އިމްރާންއަށް ޔޫއޭއީގެ ކުލަބަކުން ޓްރަޔަލްއެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅަ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އިލާންއަށް ފުރުސަތު ލިބިފައި ވަނީ ޔޫއޭއީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގައި ޓްރަޔަލެއް ފުރިހަމަ ކުރުމުގެ ފުރުސަތެވެ.

ބައްސާމް ވިދާޅުވި ގޮތުގައި އަލް އައިން އިން އިލާންއަށް ހުށަހެޅީ އިންޓަނޭޝަނަލް ޗެލެންޖް ކަޕްގައި އެ ކްލަބް ގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތެވެ.

މީގެ އިތުރުން އެ ކުލަބުން އޭނާގެ ކުޅުން އިތުރަށް ބެލުމަށް ފަހު އޭނާގެ ކުޅުމާ މެދު އެ ކުލަބުން ހިތްހަމަ ޖެހޭ ކަމުގައި ވަނީ ނަމަ އިލާންއަށް އެ ޓީމުގެ ޔޫތު ޓީމުން ރަސްމީ ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

އިލާންއަކީ މިހާރު ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ބޮޑަށް ވިދަމުންއަންނަ ޒުވާން ނަމެވެ. އުމުރުން 13 އަހަރުގެ އިލާން ވަނީ ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ.

އިލާން އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފަށައިފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން ބޭއްވި 14 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި އިލާން ވަނީ ކުލަބު ވެލެންސިއާއަށް ކުޅެފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ވެލެންސިއާއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އޭނާ ވަނީ އިސްކަންދަރު ޓީމަށް ކުޅެ އޭނާގެ ޖާދޫ ދައްކާލައިފައެވެ.

އިލާން ބޮޑަށް ފާހަގަކުރެވުނީ އޭނާގެ ގޯލު ޖެހުމުގެ ހުނަރުންނެވެ. އޭނާ ވަނީ ނިމިދިޔަ ޔުތު ޗެމްޕިއަންޝިޕްގައި ކުލަބު ވެލެންސިއާއަށް ކުޅުނު އަށް މެޗުން 35 ގޯލު ޖަހައިފައެވެ. އަދި 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލު ޓީމަށް ކުޅެދިން ހަ މެޗުން 38 ގޯލު އިލާން ވަނީ ޖަހައިފައެވެ.

comment ކޮމެންޓް