ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އާ އޮފީހެއް ހަދަނީ

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 93 ވަނަ ރަސްމީ އާންމު ޖަލްސާ --- މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިމާރާތުގައި އެ ކައުންސިލުގެ އާ އޮފީހެއް ހަދަން މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 93 ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި އިމާރާތަކީ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާ އިމާރާތެއް ކަމަށާއި ދެން ކުރަން ޖެހޭނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. މި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނީ އެ ކައުންސިލުގެ އާމްދަނީ ބަޖެޓުންނެވެ.

އެކަމާ ގުޅިގެން، އެ ޖަލްސާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި މާލެ ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށްވުރެ ދެން ހަދާ އިމާރާތުގެ ޖާގަ ތަނަވަސް ވާނެ ކަމަށާއި އަދި އެ ކައުންސިލުގެ ވިލިމާލޭގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ އެ އިމާރާތުގައި ހުންނާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށާއި މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އިދާރީ މަސައްކަތްތަކަށް އެ އިމާރާތުގެ ދެ ފަންގިފިލާ ހާއްސަކޮށްފަ ވާނެ،" އޭނާ ވިދާޅުވިއެވެ.

މި އިމާރާތުގައި ޕަބްލިކް މީޓީންގް ހޯލެއް އަދި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ އިމާރާތަކީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތަކަށްވުމުން ކުޑަ ހަރަދެއްގައި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވަނީ ވިލިމާލޭގައި ތަރައްގީ ކުރާ އިމާރާތަކީ "ވަން ސްޓޮޕް" ސާވިސް ސެންޓަރެއްގެ ގޮތުގައި ހިންގޭނެ އޮފީހަކަށް ހެދުމަށެވެ. އެއީ މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ ކައުންޓަރެއް އެ އިމާރާތުގައި ހުންނަ ގޮތަށެވެ.

ނަމަވެސް އެ ޚިދުމަތަކީ މިވަގުތު އަދި ފޯރުކޮށްދެވޭނެ ހިދުމަތެއް ނޫން ކަމަށް މޭޔަރު މުއިއްޒު މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް