އެމެރިކާ، އޮސްޓްރޭލިއާއަށް ނިއުކްލިޔާ ސަބްމެރިންތައް ފޯރުކޮށްދޭން ނިންމުމަކީ ދުނިޔެއަށްހުރި ނުރައްކަލެއް: ޗައިނާ

ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގެ ދަށުން ބޭއްވިި އައުކަސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓް

ބެއިޖިން (15 މާޗް 2023): އެމެރިކާގައި އުފައްދާ ނިއުކްލިޔާ ސަބްމެރިން އޮސްޓްރޭލިއާއަށް ފޯރުކޮށްދިނުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އަމަން އަމާންކަމާއި ހަމަޖެހުމަށް ކުރިމަތިވާ ބިރެއްގެ އިތުރުން އެއީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށްވެސް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ޗައިނާއިން ސިފަކޮށްފިއެވެ.

އެމެރިކާގައި އުފައްދާ ނިއުކްލިޔާ ސަބްމެރިން އޮސްޓްރޭލިއާއަށް ވިއްކުމަށް އެމެރިކާ ނިންމި ނިންމުމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ، އެމެރިކާގެ ނިއުކްލިޔާ ސަބްމެރިން އޮސްޓްރޭލިއާއަށް ދިނުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިތުރުން ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށްވެސް ނުރައްކާވާނެކަމެއް ކަމުގައެވެ.

އޮސްޓްރޭލިޔާއަށް ނިއުކްލިޔާ ސަބްމެރިން ވިއްކަން އެމެރިކާގެ ރައީސް ނިންމެވީ އެމެރިކާ އިސްވެ އޮވެގެން ޗައިނާއާ ދިމާކުރުމަށް އުފައްދާފައިވާ އައުކަސް ޖަމާއަތުގައި ހިމެނޭ ތިން ގައުމުގެ އިސްވެރިންގެ ސަމިޓްގައެވެ. އައުކަސް ޖަމާއަތުގައި ހިމެނޭ ތިން ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ އެވެ.

އޮސްޓްރޭލިއާއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ދޮރުމަތީގައިވާ ގައުމެކެވެ. އޮސްޓްރޭލިއާގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އަސްކަރީ ބޭސްތައް އެބަހުއްޓެވެ. އޮސްޓްރޭލިއާއަކީ ދާދި ފަހަކާޖެހެންދެން އަސްކަރީ ގޮތުން ދުނިޔޭގެ ފެންވަރުގައި މާބޮޑު ދައުރެއް އަދާކުރާ ގައުމަކަށް ނުވިނަމަވެސް އެމެރިކާ ގެންދަނީ ޗައިނާއާ ދިމާކުރުމަށް އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގައި އޮސްޓްރޭލިއާ ބައިވެރިކުރުވުމަށް އެގައުމަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން އޮސްޓްރޭލިއާއާއި ޗައިނާގެ ގުޅުންތައް ވަނީ ހީނަރުވެފައެވެ. އަދި ޗައިނާވަނީ އޮސްޓްރޭލިއާއަށް އަދަބު ދިނުމުގެ ގޮތުން އެގައުމުގެ ބައެއް އުފެއްދުންތައް ނުގަތުމަށް ނިންމައިފައެވެ. މިކަމުގެ ސަބަބުން އޮސްޓްރޭލިޔާއަށް އިގްތިސާދީގޮތުން އެތަށް މިލިޔަން ޑޮލަރެއްގެ ގެއްލުންތައް ލިބެމުންދެއެވެ.

އެމެރިކާ ޗައިނާއާ ދިމާކުރަނީ ޗައިނާއިން އެމެރިކާއާ އަސްކަރީގޮތުން ދިމާކުރާތީ ނުވަތަ ޗައިނާއިން އެމެރިކާ ކައިރިއަށްގޮސް އެމެރިކާއަށް އަސްކަރީގޮތުން ގޯނާ ކުރާތީއެއް ނޫނެވެ. އެމެރިކާ ޗައިނާއާ ދިމާކުރުމަށްޓަކައި ޗައިނާ ކައިިރިއަށް ހަނގުރާމައިގެ މަނަވަރުތައް ފޮނުވަނީއެވެ.

އެމެރިކާ މިގޮތަށް ކަންތަައްކުރަނީ ޗައިނާގެ އިގްތިސާދު ވަރުގަދަވެ ފުޅާވަމުން ދިޔުމާއި ކައިރި މުސްތަގްބަލެއްގައި އެމެރިކާގެ މައްޗަށް އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ޗައިނާ ކުރިހޯދާނެކަން ކަށަވަރުވާތީއެވެ. މިއާއެކު އެމެރިކާ ދުނިޔޭގެ ގައުމުތަކަށް ހިންގަމުންގެންދާ ބާރާއި ނުފޫޒަށް، ޗައިނާގެ މި ކުރިއެރުންތަކުގެ ސަބަބުން ލޮޅުން އަރާނެކަމުގެ ބިރު އިހްސާސްވާތީއެވެ.

އެމެރިކާ ގެންގުޅެނީ އެހެން އެއްވެސް ގައުމަކަށް ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރުސަތު ނުދީ ހަމައެކަނި އެމެރިކާގެ ބާރާއި ނުފޫޒު ހިނގާ ތަނަކަށް ދުނިޔެ ހެދުމުގެ ވިސްނުމެވެ. ދުނިޔޭގެ އެހެން ގައުމުތަކާއެކު ބާރު ހިއްސާކޮށްގެން ދުނިޔެއާބެހޭ ކަންކަމުގައި އެގައުމުތަކާ މަޝްވަރާކޮށްގެން އެންމެންގެ ބައިވެރިވުން ހިމެނޭ ބައިނަލްއަގްވާމީ ނިޒާމެއް އެމެރިކާ ބޭނުމެއް ނުވެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިގޮތުގައި އެމެރިކާ ގެންގުޅޭތަން ފެންނަނީ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުންއަރާނެ ކޮންމެކަމަކާ އަސްކަރީގޮތުން ކުރިމަތިލުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އެމެރިކާއާއެކު އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިނގަމުންދަނީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި މަގަކުން ކަމަށްވެސް ޗައިނާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ އިސްވެރިންގެ ސަމިޓްގައި އެމެރިކާގެ ރައީސް ބައިޑެންވަނީ އެމެރިކާގައި އުފައްދާ "ވާރޖިނިޔާ" މަރުކާގެ ފަސް ސަބްމެރިން އޮސްޓްރޭލިއާއަށް ވިއްކަން ނިންމާފައެވެ. މިއީ ކުރިންވެސް އެމެރިކާ ނިންމާފައިވާ ނިންމުކެވެ. މި ސަމިޓްގައި މިކަން އިތުރަށް ކަށަވަރުކުރީއެވެ.

މިސަމިޓްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ފަންނީ އެހީތެރިކަމާއެކު އެއު ވައްތަރެއްގެ ސަބްމެރިންއެއް އުފެއްދުމަށް ނިންމިކަންވެސް އިއުލާނުކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. އެމެރިކާގެ ސަބްމެރިން އޮސްޓްރޭލިޔާއަށް ލިބުމުން އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއަށް ނިއުކްލިއާ ސަބްމެރިން (ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ސަބްމެރިން) ވިއްކުމަށް އެމެރިކާ ނިންމި ނަމަވެސް އެގައުމަށް ނިއުކްލިޔާ ހަތިޔާރު ވިއްކަން ގަސްދު ނުކުރައްވާކަން އެމެރިކާގެ ރައީސް ބައިޑަން ހާމަކުރެއްވިއެވެ. އެމެރިކާ އޮސްޓްރޭލިއާއަށް ވިއްކާ ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ސަބްމެރިންތަކަކީ ނިއުކްލިޔާ ހަތިޔާރު ހަރުކުރެވޭގޮތަށް ހުންނަ ސަބްމެރިން ތަކެއްކަމަށް ޚަބަރު ލިބެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް