ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިިޔާވެއްޖެ

އެކްސިޑެންޓު ހިނގި ތަން -- ސަން ފޮޓޯ

ކުޅުދުއްފުށީ ސިޓީގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ހަތަރު މީހަކަށް ކަމަށެވެ. އެ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން އެކްސިޑެންޓު ހިނގި މަންޒަރާއި އެކްސިޑެންޓުވީ މީހުންނަށް ލިބުނު އަނިޔާތައް ފެނި ހޭނެތުނު އިތުރު މީހަކަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް މޫސާ ވިދާޅުވިއެވެ.

އެ އެންމެން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 11:10 ހާއިރެވެ.

އެކްސިޑެންޓު ހިނގި ތަން -- ސަން ފޮޓޯ

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 29 އަހަރާއި 19 އަހަރުގެ ދެ ފިރިހެނަކަށާއި 66 އަހަރުގެ ފިރިހެނެއްގެ އިތުރުން 66 އަހަރުގެ އަންހެނަކަށެވެ. މަންޒަރު ފެނި ހޭނެތުނީ 30 އަހަރުގެ އަންހެނެކެވެ.

އެކްސިޑެންޓު ހިނގި ތަނުގައި ތިން ސައިކަލެއް ދުރަށް ވިއްސައިގެން ގޮސްފައި އޮތް މަންޒަރު ފެނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އަންނަނީ އެކްސިޑެންޓު ހިނގި ތަނުގައި ހަރަކާތްތެރިވަމުންނެވެ. އަދި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިިރު މާލޭގައި ވެސް ފާއިތުވި މަސްދުވަހާއި މި މަހު ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ.

comment ކޮމެންޓް