ރޯދަ އިނާޔަތް ބޮޑުކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

ރަމަޟާން މަހު ދޭ އިނާޔަތް ބޮޑު ކޮށްދިނުމަށާއި، ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނަށް އެ އިނާޔަތް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތް ނުފޯރާ ފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާން މަހުގެ އިނާޔަތް، 3،000 ރުފިޔާއަށް ވުރެ ބޮޑުކޮށްދިނުމަށް، ޝިޔާމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ އެ އިނާޔަތް ދިނުމަށް އެކުލަވާލާފައިވާ ވަޒީފާއާ ބެހޭ ގާނޫނު ވެސް އަލުން މުރާޖާ ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް، އެހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ޝިޔާމް ގޮވާލެއްވިއެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 27 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިން ހާސް ރުފިޔާ ދޭންވާނެ ކަމަށެވެ.

comment ކޮމެންޓް