ފިކުރެއްގެ ދިރުމާއި ޖޭޕީގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް އެކުލަވާލަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މުހައްމަދު ޒައިން އިބްރާހިމް - އަވަސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ކަމަށްވާ ފިކުރެއްގެ ދިރުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަޖިލިސް މެމްބަރުންނާ ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

ފިކުރެއްގެ ދިރުމުން އެ ގޮފީގެ ޕީޖީ މެމްބަރުންގެ ބައްދަލުވުމެއް މިރޭ ބޭއްވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކީން ވާދަކުރަން ނިންމި ނިންމުމާއެކުގައެވެ.

މި ބައްދަލުވުމަށްފަހު "ސަން"އާ ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ފަރާތުން ސަރުކާރާ ޚިޔާލު ތަފާތު، ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތްކުރާ މެމްބަރުންނަށް ގިނަ ހުރަސްތަކެއްް ކުރިމަތިކުރުވާ ކަމަށެވެ.

ފިކުރެއްގެ ދިރުމުގައި ހިމެނޭ މަޖިލިސް މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޓްވީޓާ

އެގޮތުން އެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ގަރާރުތަކާއި އިސްލާހުތައް ވެސް މަޖިލީހުން ބޭރުކުރަމުން އަންނަކަމަށް ވައްޑެ ވިދާޅުވިއެވެ.

"އަަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން އެ އޮންނަ ޖާގަ ހަނިކުރަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކަށް ވާނީ މަޖިލިސް ތެރެއިން އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާނެ ވިސްނުމަކަށް، މަސައްކަތްކުރާނެ ބަޔަކު ހޯދުން. ޖުމްހޫރީ ޕާޓީގައި ވެސް އެބަތިބި އެކަން ކުރަން މެމްބަރުން،" ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރުމުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ފިކުރެއްގެ ދިރުން ނުވަތަ ރައީސް ނަޝީދަށް ތާއީދުކުރައްވާ އަޣުލަބިއްޔަތަކަށް "ފުރޮޅުމުގެ" ފުރުސަތު އޮތްކަމަށެވެ.

ފިކުރެއްގެ ދިރުމާއި ޖޭޕީ އެކުގައި އިންތިޚާބަށް ނިކުތުމަށް މަޝްވަރާ

އިތުރަށް ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާ ކުރަމުން އަންނަތާ ދުވަސްތަކެއްް ވެއްްޖެކަމަށެވެ.

އެގޮތުން ގާސިމްގެ ފަރާތުންނާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން މަންދޫބުން މަޝްވަރާކުރައްވަމުން އަންނަކަމަށް ވައްޑެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެސް އަދި ރައީސް ޞާލިހު ވެސް ވިދާޅުވާ ގޮތަށް އެމްޑީޕީ އެކަނި އޮވެ ވެރިކަން ހޯދޭނެ ގޮތެއް ނެތްއިރު ރައީސް ޞާލިހު މާނަކުރައްވާ ކޯލިޝަނުގައި އެމްޑީޕީ ފިޔަަވައި ދެން އޮތް ބޮޑު ޕާޓީއަކީ ޖޭޕީކަމަށެވެ.

އެހެންނަމަވެސް މިހާރު ޖޭޕީން ވެސް އޮތީ ރިޔާސީ އިންތިޚާބަށް ވަކިން ނިކުމެކަމަށް ވައްޑެ ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުގައި ހިމެނޭ މަޖިލިސް މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޓްވީޓާ

"އަދި އެހެން އޮއްވައި އެމްޑީޕީ ތެރޭ އެއޮތީ ބައިބައިވެފައި. އެހެންވީމާ ސާފުކޮށް އަޅުގަނޑުމެންނަށް އެނގޭ އެބަ އަދި ވަރަށް ކުޑަކުޑަ، މިސާލަކަށް އަދާލަތު ޕާޓީއާއި އެމްޑީއޭއާއި ތިއްބެއްކަމަކު، ޚުދު އެ މަނިކުފާނުގެ ވާހަކަފުޅުން ވެސް އެނގޭ އެބަ އެމަނިކުފާނު އެ ހުންނެވީ މިހާރު އިންތިޚާބު ނެންގެވޭ ވަރުގެ ތާއީދަކާ އެކީގައި ނޫންކަން،" ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ވިސްނުމަކީ ދެން އުފެދޭ ސަރުކާރެއްގައި ބާކީނުވެ، އެ ފިކުރުގެ މެމްބަރުންގެ ހިއްސާ އޮތުންކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ދެން އުފެދޭ ސަރުކާރެއްގައި އަޅުގަނޑުމެންގެ އެއްވެސް ހިއްސާއެއް ނެތި، ކަނޑައެެޅިގެން އަޅުގަނޑުމެން ބަލިވެގެން މަގުމަތިވެގެން ދިއުމުގެ ބަދަލުގައި ދެން އުފެދޭ ސަރުކާރެއްގައި އަޅުގަނޑުމެންނަށް ހިއްސާވެވޭނެ މަގަށް މަސައްކަތް ކުރުން،"

އެގޮތުގެ މަތިން ޖޭޕީއާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވައްޑެ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންނާއެކު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ޖުމްހޫރީ ޕާޓީން ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު މަސައްކަތްކުރުމުގެ ބަދަލުގައި، އެ ޕާޓީން ސީދާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް