ޓްވިޓާއާ ވާދަކުރަން މެޓާއިން މުޅިން އާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދަނީ

މެޓާއިން ދަނީ ޓްވިޓާއާ ވާދަކުރަން އާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފެއްފުމުގެ މަސައްކަތް ކުރަމުން --

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އަންނަނީ ޓްވިޓާއާ ވާދަކުރެވޭ ފެންވަރުގެ އާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްލެޓްފޯމަކީ ޓެކްސްޓް ހިއްސާކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމަކަށްވާއިރު، ކްރިއޭޓަރުންނާއި އާންމު ފަރާތްތަކަށް އެމީހުންގެ ޝައުގުވެރިކަމާ ބެހޭ އަޕްޑޭޓްތައް މި ޕްލެޓްފޯމްގައި ވަގުތުން ހިއްސާކުރެވޭނެއެވެ. މިއީ އިޝްތިހާރަށް ބަރޯސާވެފައިވާ ޓްވިޓާއަށް އެ ވިޔަފާރި ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، އީލޯން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން އެތައް ފަހަރަކު މީޑިއާގައި ގަދައަށް ދެކެވިފައިވާ ވާހަކައެކެވެ.

ޓެކްގެ މަޝްހޫރު ބޮޑެތި ނޫސްތަކުން މެޓާއާ ހަވާލާދީ ކަށަވަރުކޮށްދިން ގޮތުގައި، އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ މި މަޝްރޫއަށް ދީފައިވާ ކޯޑް ނަމަކީ ޕީ92އެވެ.

އެ މަސައްކަތް އަދިވެސް އޮތީ ފުރަތަމަ މަރުހަލާގައި ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ޕްލެޓްފޯމަށް، މެޓާއިން ބޭރުގެ ޑިވެލޮޕަރުންނަށް ވެސް ފީޗާތައް އިތުރު ކުރެވޭނެ ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ. މިކަމުގެ ސަބަބުން މަސްޓޮޑަން ފަދަ އެހެން ޕްލެޓްފޯމްތަކާއެކު ވެސް އެ އެޕުގައި މަސައްކަތްކުރެވޭނެއެވެ. މި ޕްލެޓްފޯމް ބޭނުން ކުރާ މީހުންނަށް ރެޑިޓް އާއި ޑިސްކޯޑާ އެއްގޮތަށް، އަމިއްލަ ސާވާތަކާއި ކޮމިއުނިޓީތައް އުފެއްދުމަށް ފުރުސަތު ދޭނެއެވެ.

އެއީ، ހަމައެކަނި މައި ކުންފުނީގެ ސާވާތަކުން އޮޕަރޭޓް ކުރެވޭ އިންސްޓަގްރާމް އާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކާ މި އާ ޕްލެޓްފޯމް ތަފާތު ވާނެ ގޮތެކެވެ.

ޓްވިޓާއިން ވެސް ވަނީ ފޭސްބުކް، އިންސްޓަގްރާމް، އަދި މަސްޓޮޑަން ފަދަ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ލިންކް ފޯރުކޮށްދޭ އެކައުންޓްތައް ކުރު މުއްދަތަކަށް މަނާކޮށް، ޕްލެޓްފޯމްގެ ކޮންޓްރޯލް ބެހެއްޓުމަށް މިފަދަ ގޮތެއް ގެންގުޅެފައެވެ.

މަސްކް ޓްވިޓާ ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އޭނާ ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އުވާލައި، ކޮންޓެންޓް މޮޑެރޭޝަން ޕޮލިސީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ގާތްގަޑަކަށް 7،500 އެއްހާ މަސައްކަތްތެރިންގެ އިތުރުން ކޮންޓްރެކްޓަރުންތަކެއް ވެސް ވަކިކޮށްފައެވެ.

މެޓާގެ އާ ޕްލެޓްފޯމްގެ ސަބަބުން ކްރިއޭޓަރުންނާއި އާންމު ފަރާތްތަކަށް އެމީހުންގެ ކޮންޓެންޓާއި އަޕްޑޭޓްތައް ހިއްސާކުރުމަށް ވަކި ޖާގައެއް ލިބިގެންދާއިރު، މިއީ ގިނަބަޔަކު ޓްވިޓާ ދޫކޮށްލާނެ ސަބަބަކަށް ވެދާނެއެވެ. އަދި މި ޕްލެޓްފޯމްގެ ލާމަރުކަޒީ ނިޒާމުގެ ސަބަބުން ޔޫޒަރުންނަށް އެމީހުންގެ ކޮމިއުނިޓީތަކާއި ކޮންޓެންޓްގެ މައްޗަށް އިތުރު ކޮންޓްރޯލެއް ލިބިގެންދާއިރު، މިއީ ސޯޝަލް މީޑިއާގެ ދުނިޔޭގައި ތަފާތު ޕްލެޓްފޯމަކަށް ވާނެއެވެ. މި މަސައްކަތް އަދިވެސް ފުރަތަމަ މަރުހަލާގައި އޮތުމުން، އާންމުންނާ ހިސާބަށް މި ޕްލެޓްފޯމް އަންނަން ނަގާނީ ކިހާ މުއްދަތެއްކަމެއް އަދި ލަފާކޮށްލަން ވެސް ނޭނގެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު