މިއަދު ދިވެހީންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވާހަކަ ލިޔެވިފައި އޮތީ ހަމައެކަނި ކަރުދާހުގައި ކަމަށާއި އެ ހިމާޔަތްކުރަން މަސައްކަތްކުރާ ބަޔަކު މަދު ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ ސިވިލް ސާވިސަސް ކޮމިޝަންގެ ޕަބްލިކް ލެކްޗާ ސީރީޒްގެ ތެރެއިން ދެއްވި ދަރެސްގައެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް ދެއްވި ޚާއްސަ ދަރެސްގައި އޭނާވަނީ ދިވެހިބަހަށް އިސްކަން ދިނުމުގެ ގާނޫނެއް އޮންނަ ކަމަށާއި ނަމަވެސް އެ ގާނޫނުގައިވާ އެއްވެސް ކަމެއް ތަންފީޒުނުކުރާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަން ބޯޑުތަކާއި އެ ނޫން ވެސް ރަސްމީ މުއާމަލާތްތަކުގައި ދިވެހި ބަހަށް އިސްކަން ނުދޭކަމަށް އަޝްރަފް ވިދާޅުވިއެވެ.
"އެހެންވީމާ ގައުމިއްޔަތަކީ ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއް މިހާރު. ގާނޫނު އަސާސީގައި ވެސް އޮވޭ ގައުމިއްޔަތެއްގެ ވާހަކަ. އެކަމު ގައުމިއްޔަތު އޮތް ހާލަތު. ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި ވެސް އޮވޭ 'މިހެންނޭ އެހެންނޭ މިހެންނޭ' މަތީ ތައުލީމުގައި މިހެންނޭ އެހެންނޭ، ދިވެހި ކިޔަވައިދޭ މާއްދާއެއް އޮންނަންޖެހޭނޭ. ލިޔެފަ އޮތަސް އަމަލުކުރާނެ މީހަކު ނުވޭ. އަޅުގަނޑު ވަރަށް ލަދުވެތިކަމާއެކު ހުރެ މި ދަންނަވަނީ ގާނޫނު ތަންފީޒުކޮށްދޭން ހުޅުވި އިދާރާގެ މަތީ އޮތީ ދިވެހިރާއްޖޭގެ ގާނޫނާ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ޚިލާފަށް ނަންބޯޑު ހަރުކޮށްފައި،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ޑރ. އަޝްރަފް ވަނީ ދިވެހި ބަހާއި ދިވެހިންނާ ހުރި ގުޅުމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލި އަޅުއްވައިލައްވައިފައެވެ. އަދި ތަފާތު އެކި މިސާލުތައް ނަންގަވައި އެ މައުޟޫއުގެ މައްޗަށް ވާހަކަދައްކަވައިފައެވެ.
އެގޮތުން ދިވެހިބަސް ދިވެހީންނަށް ދިން މުހިންމު ކަންތައްތަކުގެ ތެރޭގައި އަޑާއި މަޚްރަޖާއި ރާގު ހިމެނޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ދިވެހީން ވާހަކަދައްކާ ގޮތަށް އެހެން އެއްވެސް ބަޔަކަށް ދިވެހިބަހުގެ އަކުރު ނުކިޔޭނެ ކަމަށާއި އެ ރާގާ އެއްގޮތް ކުރުމަށް ކިތަންމެ މަސައްކަތެއް ކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަމުގައި އުނިކަމެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކައަށް މިސާލު ޖެއްސެވުމުގެ ގޮތުން ބޭރު މީހަކު ދިވެހި ލަވައެއް ކިޔާ އަޑު މާލަމުގައި އިއްވިއެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ޑރ. އަޝްރަފް ވިދާޅުވީ ދިވެހީންގެ ހެދުން އެޅުމުގެ ވައްޓަފާޅިން އެއީ ދިވެހީންކަން ވަކިނުވާނެ ކަމަށެވެ. ސަބަބަކީ އެއީ ބޭރުފުށުން ފެންނަ މާނަވީ ސިފައަކަށްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ، ދިވެހީން ވާހަކަދައްކާ ބަހުރުވަ ނުވަތަ ވާހަކަދައްކާ ބަހުގެ އަޑު އިވުމުން އެއީ އެއްގޮތް ހެދުން އަޅައިގެން ހުރި ނަމަވެސް ދިވެއްސެއްކަން ކަށަވަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަޝްރަފް ވަނީ ދިވެހިބަހުން ދިވެހީންނަށް މުއްސަނދި އަދަބިއްޔާތެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މާދަރީ ބަސް މޮޅަށް އެނގުމަކީ އެ މީހެއްގެ ވިސްނުން ތަނަވަސްވެ ތަރައްގީވާނެ ކަމެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެކި ބަސްތަކާއި ބަހުރުވަތަކުން، އެކި މީހުންގެ ވިސްނުމުގައި ހުރި ތަފާތުކަން ހާމަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
"މި ވިސްނުން ތިމާގެ ސިކުނޑިއަށް ގޮޅިގޮޅިއަށް އަޅައިގެން ގެންގުޅެން އެބަ ދަސްކޮށްދޭ. މި ހުރިހާ ކަމެއް ކޮށްދެނީ މާދަރީ ބަހުން. މާދަރީ ބަހަކީ ދިވެހިބަސް. އެހެންވީމާ އަޅުގަނޑުމެން މުއްސަނދިވުމުގެ، ވިސްނުން މުއްސަނދި ވުމުގެ ވަރަށް ބޮޑު އަލާމާތެއް. އެކަމަކު މިއަދު ސްކޫލުތަކުގައި ވަރަށް ގިނަ ކުދިން ބުނެލާނެ
'ސާރ. އަޅުގަނޑު އިނގިރޭސިން އޭ ސްޓާ، ދިވެހިން ބީ މައިނަސްއޭ. ނޫން އެ ވާ ގޮތަކީ އޭނަ ޝައުގުވެރިކަން ނުހުންނަނީ. ސިކުނޑީގައި މައްސަލައެއް އުޅެނީއެއް ނޫނޭ. އިނގިރޭސިން އޭނާއަށް އެނގެންޏާ ދިވެހިން ވެސް އޭނާއަށް އެނގެންޖެހޭނެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ނަމަވެސް ދިވެހިބަހަށް ދަށްވުމަކީ އަމިއްލަ މާދަރީ ބަހަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުގައި ޑރ. އަޝްރަފް ސިފަކުރެއްވިއެވެ. އޭގެ ބަދަލުގައި ބަހަށް އިޙްތިރާމްކުރުމުގެ ގޮތުން ވެސް ދިވެހިބަހަށް އިސްކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާދަރީ ބަހުގެ ރީތިކަން ދެނެގަނެވޭނީ އަމިއްލަ ގައުމު ނޫން އެހެން ގައުމެއްގައި އުޅުނީމާ،" އޭނާ ވިދާޅުވިއެވެ.
"ދިވެހި ބަސް ދިވެހީންނަށް ދިނީ ކޯއްޗެއް،" މި މައުޟޫއަށް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްވި ޚާއްސަ ދަރެސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
އޭނާ ވިދާޅުވީ ބޭރު ބަސްބަހުން އާ ލަފްޒު ދިވެހީންގެ ތެރެއަށް ތައާރަފްވުމާއެކު އެއަށް ދިވެހި ލަފުޒެއް ނެތުމަކީ ބަހުގެ ފަގީރުކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އެކަން ކުރަން ތިބޭ މީހުންގެ ވިސްނުންތެރިކަން އިތުރުކޮށް ސަމާލުކަން ދީގެން ކުރަން ޖެހޭ ކަންކަން ކަމަށް އަޝްރަފް ވިދާޅުވިއެވެ.
ހަމައެއާއެކު ޒަމާނަށް އައި ބަދަލާއެކު ދިވެހިބަހުގެ ތެރެއަށް މީގެ ކުރިން ވަދެ މިހާރު "ދިވެހިވެފައި" ހުރި ބަސްތަކެއްވާކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ. އެގޮތުން "ޓީވީ"، "ފޯނު"، ފަދަ ލަފްޒުތަކަކީ ދިވެހީންގެ ތެރޭ އެ ގޮތަށް ކިޔަން ހަރުލައި ދިވެހިވެފައި ހުރި ބަސްތަކެއް ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި މިއަދު އޮތް މި ދަރެސް އަޑު އެހުމުގައި މާލޭ ސްކޫލުތަކުގެ ދަރިވަރުންނާއި، މުދައްރިސުންގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.