ބީއެމްއެލް އިން އިނގުރައިދޫގައި ސެލްފް ސަރވިސް އޭޓީއެމްއެއް ބަހައްޓައިފި

ބީއެމްއެލުން އިނގުރައިދޫގައި ބެހެއްޓި އޭޓީއެމް. މި އޭޓީއެމްގެ ޚިދުމަތްދޭން މިއަދު ވަނީ ފަށާފައި--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރ. އިނގުރައިދޫގައި ބެހެއްޓި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިއީ އަތޮޅުތަކަށް ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބެހެއްޓުނު އޭޓީއެމްއެއް ކަމަށެވެ.

އިނގުރައިދޫގައި ބެހެއްޓި އޭޓީއެމުން ވެސް 24 ގަޑިއިރު، ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެން ދާނެއެވެ. މީގެ އިތުރުން ބިލްތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ވެސް މި އޭޓީއެމުން ލިބޭނެއެވެ.

ބީއެމްއެލުން އިނގުރައިދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އިނގުރައިދޫއަކީ ރ އަތޮޅުގެ ނިސްބަތުން އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

އިނގުރައިދޫގައި އޭޓީއެމެއް ބެހެއްޓުމުން އެރަށުގެ ރައްޔިތުންގެ އިތުރުން، ކައިރި ރަށްތަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުނަށް ވަރަށްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭކަމަށް ބީއެމްއެލްއިން ދެކެއެވެ.

އިނގުރައިދޫގައި ބެހެއްޓި އޭޓީއެމާއެކު ބީއެމްއެލުން މިހާތަނަށް ވަނީ ރ އަތޮޅުގެ ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށާފައެވެ. އެ ރަށް ތަކަކީ، އުނގޫފާރު، މީދޫ، ދަރަވަންދޫ އަދި އަލިފުއްޓެވެ.

މި އޭޓީއެމްއާ އެކު މުޅި ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗު، 85 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 141 އޭޓީއެމް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފައެވެ.

ބީއެމްއެލްގެ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުންނާއި އެންމެ ޒަމާނީ އޮންލައިން އަދި މޯބައިލް ބޭންކިންގެ ސަބަބުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް އޭގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް