ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، އެ ޕާޓީގެ ކޮންގްރެސްއިން އައި މި ހުށަހެޅުން ފާސްކުރަން ކައުންސިލުގެ ދެ މެމްބަރަކު ފިޔަވައި ބާކީ ތިބި އެއްމެން ވޯޓު ދިން ކަމަށެވެ.

ނަމަވެސް އެ ޕާޓީގެ ސެކެރެޓޭރިއަޓްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެން ފާސްކުރީ ކައުންސިލުގެ އިއްތިފާގުން ކަމަށެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ އެކަމަށް ކުރިމަތިލާ މީހުންގެ ވޯޓެއް ނަގައިގެންނެވެ.

ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެން ޖޭޕީން ނިންމާފައި މިވަނީ އެމްޑީޕީއާ ކޯލިޝަން ހަދަން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ދައުވަތުދެއްވާފައި ވަނިކޮށެވެ. އެ ދައުވަތު ދިން ފަހުން ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސްއާ ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކުރަން އެއްވެސް ފަރާތަކުން އޭރު ދެކޮޅުހެދިއެވެ.

އެމްޑީޕީއެކޭ އެއް ފަދައިން ޖޭޕީން ވެސް މަސައްކަތްކުރަމުން ދަނީ އެ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކާ އެކީ ވެރިކަމަށް ކުރިމަތިލާށެވެ.

comment ކޮމެންޓް