ސިއްހީ ދާއިރާއަކީ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ދާއިރާއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދޭ މަރުކަޒުތައް ގާއިމްކޮށް އެ ތަންތަނުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް މި މަރުކަޒުތައް ހިންގާ ފަރާތްތަކުން ކުރާ އެންމެ ބޮޑު ޝަކުވާއަށް އޮތީ ފަރުވާއެއް ނުދީ ދޫކޮށްލައިފައެވެ. އެ ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ގަބޫލު ވެސް ނުކުރެއެވެ.
ރަށްރަށުގައި ހުރި ސިއްޚީ ހިދުމަތްދޭ މަރުކަޒުތައް ހިންގުމަށް އަދިވެސް ގޮންޖެހުންތައް ބޮޑެވެ. އެ ތަންތަނަށް ލިބެންޖެހޭ ބަޖެޓުގެ މިނިވަންކަން ހިފަހައްޓާފައިވާތީއެވެ.
މާލީ މިނިވަންކަމެއް ނެތް، ބޮޑު ގޮންޖެހުމެއް!
މި މައްސަލައާ ގުޅިގެން އެކި އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ވެރިން ވަނީ "ސަން"އާ ވާހަކަދައްކައިފައެވެ. މިހާރު ސިއްހީ މަރުކަޒުތަކަށް ފައިސާ ލިބެނީ އަތޮޅު ހޮސްޕިޓަލުގައި ދަންނަވައިގެންނެވެ. ސިއްހީ މަރުކަޒުތަކުގެ ބައެއް ވެރިން ސިފަކުރި ގޮތުގައި މިއީ ލަސް، 'އުނދަގޫ' ނިޒާމެކެވެ.
އެގޮތުން ކޮންމެހެން ބޭނުންވާ މުހިންމު ކަންކަމުގައި ޕްރޮޕޯސަލް ހަދައި، އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުމުން ވެސް ބައެއް ހާލަތްތަކުގައި ޕްރޮޕޯސަލް ރިޖެކްޓުކޮށްލުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމަކީ އާދައެއްކަމަށް ށ. އަތޮޅު ރަށެއްގެ ސިއްހީ މަރުކަޒު ހިންގެވުމުގައި އުޅުއްވާ މެނޭޖަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ފަހަރު ހޮސްޕިޓަލުން އެ ކަމެއް ކޮށްދޭން ބޭނުން ނުވީމާ، ފައިސާއަށް އެދި ހުށަހަޅާ ހުށަހެޅުން ރިޖެކްޓުކުރާ ފަހަރު ވެސް އަންނަ ކަމަށެވެ.

ނ، ވެލިދޫގައި ހުންނަ ސިއްހީ މަރުކަޒު-- ފޮޓޯ: ނޫނުޑެއިލީ
"އެހެންވެގެން ހުރިހާ އޭރިއާތަކަކަށް ވެސް އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް ބޮޑަށް ދަތިވޭ. އެއީ މިސާލަކަށް މި ދަންނަވާހެން ކެޕިޓަލް އެއްޗެހި ހޯދުމަށް ވެސް. ތަން މެއިންޓެނެންސް ކުރުމަށް ވެސް. ހަމައެކަނި މިސާލަކަށް ލެބޯޓްރީއަށް ހޯދާ އެއްޗެހި، އެމަޖެންސީވުމުން ދެން އެ ބޭނުންވާ އެއްޗެހި ފިޔަވައި ދެން ހުންނަ އެއްޗިއްސަކީ ހަމަ ހޮސްޕިޓަލަށް ދޭ ބަޖެޓު ތެރެއިން ހޯދާ އެއްޗެހި. އެއީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް ބޮޑަށް ދަތި، ވަރަށް އުނދަގޫ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލަކަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް، އެ ތަންތަނުގެ ބަޖެޓު ވަކިކޮށް ހަވާލުކުރާއިރު ރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ވެސް ހަމަ އެގޮތަށް ބަޖެޓު ހަވާލުނުކުރެވެންވީ ކީއްވެތޯ ސުވާލު އުފެދެއެވެ.
ކިތަންމެ ކުޑަ އެއްޗެއް ހޯދުމަށް ވެސް އަތޮޅު ހޮސްޕިޓަލުގައި ފައިސާއަށް އެދެންޖެހި އެ ލިބުން ލަސްވާތީ މުވައްޒަފުންގެ އަތުން ހޭދަ ކުރަން ޖެހޭ ފަހަރު މަދު ނޫން ކަމަށް، ސިއްހީ މަރުކަޒެއްގެ މެނޭޖަރަކު ވިދާޅުވިއެވެ.
"މި މައްސަލަ ވެސް އަސްލު ހަގީގަތުގައި ދިމާވޭ. މާލެއިން އެއްޗެހި ހޯދަން އުޅުނަސް އަޅުގަނޑުމެންނަށް ކްރެޑިޓަކަށް މި ތަންތަނަކުން ނުދޭނެ. އެއީ ބަޖެޓު ވަކިނުކޮށް އޮންނަ ތަނަކަށްވީމާ، ޓްރަސްޓެއް [އިތުބާރެއް] ނޯވޭ އެ ފައިސާ ކިހާ ދުވަހަކުން ކަމެއް ލިބޭނީ. އެހެންވީމާ އެމަޖެންސީ ހާލަތްތަކުގައި ވެސް ފައިސާ ލިބޭނެ މުއްދަތެއް ނޭނގޭތީ އޮފާއެއް ނުކުރާނެ. ވަރަށް ބައިވަރު ދަތިތައް ކުރިމަތިވޭ. އަނެއްހެން ބުނަންޏާ ކޮންޓްރޯލެއް ނެތިފައި ދޯ މި އޮތީ،" ބ. އަތޮޅުގެ ރަށަކުން "ސަން"އާ ވާހަކަދެއްކި ސިއްހީ މަރުކަޒެއްގެ އިސްވެރިއަކު ވިދާޅުވިއެވެ.
ބަޖެޓު ލިބުމުގައި ވެސް ލަސްތަކެއް
ސިއްހީ މަރުކަޒުތަކަށް ބަޖެޓު ފޯރުކޮށްދިނުމުގައި މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުން އެ އަތޮޅެއްގެ ހުރިހާ ސިއްހީ މަރުކަޒެއްގެ ބަޖެޓު ވެސް ލިބޭނީ އަތޮޅު ހޮސްޕިޓަލަށެވެ.
ސިއްހީ މަރުކަޒަށް ބޭނުންވާ ބަޖެޓު ދޫކުރާނީ އަތޮޅު ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އެ ކަމަކަށް ބޭނުންވާ ފައިސާގެ އަދަދު ފޮނުވުމުން ސީދާ އެ މިންވަރަކަށެވެ. އެ މަރުކަޒަކަށް ޚާއްސަކޮށްފައިވާ ބަޖެޓުގެ އަދަދު ވެސް އެނގެން އޮންނައިރު އޭގެން އެހެން ކަމަކަށް ފައިސާ ޚަރަދުކުރުމަކީ މަނާކަމެކެވެ.
މިއީ ދިގު ދެމިގެންދާ، ގިނަ ވަގުތު ހޭދަވާ ކަމެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ބައެއް ފަހަރު ފަހަރު މިނިސްޓްރީ ތެރެއިން ބަޖެޓު ލިބުން ލަސްވުމާއި، އަތޮޅު ހޮސްޕިޓަލުގައި އެދިގެން އެ ކަމަކަށް ބޭނުންވާ ފައިސާ ލިބުމުގައި ލަސްވެ ގިނަ ވަގުތު ނަގާކަމުގެ ޝަކުވާއަކީ ރަށްރަށުގެ ސިއްހީ މަރުކަޒު ވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އަދި މިއީ އަތޮޅު ހޮސްޕިޓަލްތަކަށް ވެސް ދަތިތަކާ ކުރިމަތިވާ ނިޒާމެކެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ކިތަންމެ އަވަހަށް ފައިސާގެ ކަންކަން ހަމަޖައްސަން މަސައްކަތްކުރި ނަމަވެސް އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތުން ދަތިތައް ކުރިމަތިވާކަމަށެވެ.
"މަރުކަޒުތަކަށް ޚަރަދުކުރަން ހުއްދަ ދިނުމުން ބުރަ ބޮޑު"
އަތޮޅު ހޮސްޕިޓަލްތަކަށް ބަޖެޓު ދޫކުރުމުގެ ސަބަބުން ސިއްހީ މަރުކަޒުތައް އެންމެ ރަނގަޅު ގޮތުގައި ހިންގުމަށް ހުރަސް އެޅޭކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެއީ ކުއްލި ހާލަތްތަކުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމައި އެ ތަންފީޒުކުރުން ލަސްވާ ސަބަބެކެވެ.
ނަމަވެސް ހެލްތް މިނިސްޓްރީގެ ވެރިންނާ ވާހަކަ ދައްކާލުމުން އެނގުނީ މިކަން ބަދަލު ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް --
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް ވެސް ވިދާޅުވިގޮތުގައި މި ފަދަ ގޮތަކަށް ސިއްހީ މަރުކަޒުތަކަށް އެއްވެސް ބާރެއް ނެތި ހިންގަން ޖެހުމަކީ ދަތިކަމެކެވެ.
"އަދި ރަށުގެ ލެވެލްގައި ޚަރަދުކުރުމުގެ ހުއްދަ ފިނޭންސުން [ފިނޭންސް މިނިސްޓްރީ] ނުއެއް ދެއްވާ. އެ ކަމަކީ އެކަމު ދަތިކަމެއް. ރަށު ފެންވަރުގައި އެ ހުއްދަ ނެތީމާ ހެލްތު ސެންޓަރުތަކަށް ވަރަށް ދަތި ވަރަށް ގިނަ ކަންކަމުގައި. ދެން އަޅުގަނޑުމެން ވެސް އޮންނާނެ ފިނޭންސްގައި ވެސް ދަންނަވައިފައި. އެ ކަން ދެން އަދި ފިނޭންސްގައި ވެސް އިދާރީ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއެކު، ކޮންމެ ރަށެއްގައި ވެސް ހަމަ ފައިސާއާ ބެހޭ މީހުން ތިބެންވާނެ. ހަމަ ވަޒީފާތަކެއް އިތުރުކުރަންޖެހޭނެ. އެހެންވީމާ މި ހުރިހާ ކަމަކަށް ޓަކައި އަތޮޅު ހޮސްޕިޓަލުގެ ބެލުމުގެ ދަށުން މި ކަންކަން ކުރިއަށްދާނީ،" ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދިވެސް ބައެއް ތަކެތި ހޯދުމުގައި ނަގަންޖެހޭ ހުއްދަތައް ހުންނާނެ ކަަމަށެވެ.
"އެންމެ ރަނގަޅު ގޮތަކީ ހެލްތު ސެންޓަރުތަކަށް ހެލްތު ސެންޓަރުތަކުގެ ބަޖެޓު ދޫކޮށްލުން. ދޫކޮށްލައިގެން ހެލްތު ސެންޓަރުން، އެ ހެލްތު ސެންޓަރު ހިންގަން ބޭނުންވާ ގޮތަށް އުސޫލު ތެރެއިން ހިންގުން. އޭރުން ހަގީގީ ލާމަރުކަޒު ކުރެވިގެން ފަސޭހަކަމާއި، ލުއިފަސޭހަކަމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދޭން ފަސޭހަވާނެ،" އާދިލް ވިދާޅުވިއެވެ.
ނަމަވެސް އެ ކަމަށް އޮތް ހުރަހަކީ އެ ކަމަށް ބޭނުންވާ އިދާރީ މުވައްޒަފުންތަކެއް ނަގަން ޖެހުމުގެ ބުރައެވެ. އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ނެގުމަކީ ސަރުކާރަށް އިދާރީ ގޮތުންނާއި މާލީ ގޮތުން ބުރަބޮޑު ވާނެ ކަމެއްކަމަށް އާދިލް ފާހަގަކުރެއްވިއެވެ.
މުސްތަގުބަލުގައި އެފަދަ ފެންވަރަކަށް ރާއްޖެ ކުރިއަރައިދާނެކަމަށް ވެސް އާދިލް ވިދާޅުވިއެވެ.
ކޮންމެ އަކަސް އެއްވެސް މިނިވަންކަމެއް ނުވަތަ އެއްވެސް ބާރެއް ނެތި ރަށްތަކުގައި ހިންގަމުން އަންނަ ސިއްހީ މަރުކަޒުތަކަށް މާލީ ބާރުވެރިކަން ލިބޭނެ ފަހިގޮތެއް ވީހާ ވެސް އަވަހަށް ހަމަޖެހިގެން އައުމަކީ ރަށްރަށުގައި ސިއްހީ މަރުކަޒުތައް ހިންގުމުގައި އުޅުއްވާ އިސްވެރިންގެ އެންމެ ބޮޑު އެދުމެވެ. މި ވާހަކަ ދެކެވެމުން އަންނަތާ ވެސް އަހަރު ތަކެއްވެއްޖެއެވެ.
އެ މީހުން އެދެނީ މި ނިޒާމު ހަރުދަނާކޮށް މާލީ ކަންކަމުގައި އުފުލަން ޖެހޭ ބުރަ ކުޑަކޮށްދިނުމަށެވެ. ލަސްވާ ލަސްވުންތަކުގެ ސަބަބުން ކުއްލި ހާލަތުގައި ނިންމަން ޖެހޭ ނިންމުންތަކަށް އެޅޭ ހުރަސް އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށެވެ.