ބ. އަތޮޅު ހޮސްޕިޓަލަށް ބަޖެޓް ނުލިބި، އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދަތިވެއްޖެ

ބ. އަތޮޅު ހޮސްޕިޓަލް --

ބ. އަތޮޅު ހޮސްޕިޓަލަށް ލިބެންޖެހޭ ބަޖެޓު، އިދާރީ މައްސަލައެއްގެ ސަބަބުން ނުލިބި ލަސްވުމުން އެއަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

މިފަހުން ބ. އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒަށް ބަޖެޓް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެއާއެކު އެ މަރުކަޒުތައް ހިންގުމަށް މުވައްޒަފުންގެ ޖީބުން ހަރަދު ކުރަން ޖެހުނު ކަމަށް ބައެއް މުވައްޒަފުން މައުލޫމާތު ދެއެވެ. ސިއްހީ މަރުކަޒުތަކަށް ބަޖެޓް ދެނީ އެއަތޮޅު ހޮސްޕިޓަލް މެދުވެރިކޮށެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް ބަޖެޓް ނުލިބުނީ ހެލްތް މިނިސްޓްރީއާއި އެ ހޮސްޕިޓަލާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ތެރެއިން ދިމާވި އިދާރީ މައްސަލައެއްގެ ސަބަބުންނެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލް މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މި ފަހުން އަތޮޅު ހޮސްޕިޓަލަށް ބަޖެޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންނަމަވެސް މިހާރު އަތޮޅު ހޮސްޕިޓަލަށް ބަޖެޓު ލިބި، ކުރިއަށް ދަނީ ރަށްރަށަށް ޕެޓީ ކޭޝް ފޮނުވުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ރަށްރަށުން ވެސް ލިބެންޖެހޭ މައުލޫމާތުތައް ލިބުނީމާ ބަނޑޭރި ޕޯޓަލަށް މި އެޅޭނީ. ޕޯޓަލަށް އަޅާތާ ދެ ދުވަސް ނުވަތަ ތިން ދުވަސް ތެރޭގައި ހެލްތު މިނިސްޓްރީން އެބަ ހުއްދަ ދެއްވާ. ދެން މި ދޭތެރެއިން އައި ތާށިކަމެއް ދަތިކަމެއް،" އޭނާ ވިދާޅުވިއެވެ.

މި ހަފުތާގެ ތެރޭގައި ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކުރާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިތަންމެ އަވަހަށް ފައިސާގެ ކަންކަން ހަމަޖައްސަން މަސައްކަތްކުރި ނަމަވެސް އިންތިޒާމުތައް ހަަމަޖެހިފައި ހުންނަ ގޮތުން ދަތިތައް ކުރިމަތިވާކަމަށެވެ.

އަދި ފައިސާގެ ކަންކަން ފަސޭހަ ކުރުމަށް ޓަކައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް "ސަން"އަށް ވިދާޅުވީ އެ ފަދަ މައްސަލަތައް އާންމު ގޮތެއްގައި ނުހިނގާކަމަށެވެ. މިފަހަރު ދިމާވި މައްސަަލައަކީ ބައެއް މައުލޫމާތުތައް ލިބުން ލަސްވެ އިދާރީ ގޮތުން ކުރިމަތިވި ދަތިތަކުގެ ސަބަބުން ހިނގި ކަމެއް ކަމަށް އާދިލް ވިދާޅުވިއެވެ.

"މިހާރު ލިބެންޖެހޭ މައުލޫމާތުތައް އަޅުގަނޑުމެންނަށް ކޮންމެ މަހެއްގެ 16ގެ ކުރިން އެބަޖެހޭ ދޭން. އެކަމު ބައެއް ތަންތަނުން މައުލޫމާތު ލިބޭ އެބަ މަހުގެ 25ގައި ވެސް. އޭރުން ނުނިދާ ތިބެކަހަލަ ގޮތަކަށް މި ނިންމަން ޖެހެނީ،" އާދިލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މިހާރު ހަމަޖައްސައިފައިވާ ގޮތުން އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ބަޖެޓު ލިބެނީ އެ މަރުކަޒެއް ބަލަހައްޓައި އެ އަތޮޅެއްގެ، އަތޮޅު ހޮސްޕިޓަލަަށެވެ.

ކޮންމެ ސިއްހީ މަރުކަޒަކަށް ބޭނުންވާ ބަޖެޓު ދޫކުރާނީ އަތޮޅު ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ. އެ މަރުކަޒަކަށް ޚާއްސަކޮށްފައިވާ ބަޖެޓުގެ އަދަދު ވެސް އެނގެން އޮންނައިރު އޭގެން އެހެން ކަމަކަށް ފައިސާ ޚަރަދުކުރުމަކީ މަނާކަމެކެވެ.

comment ކޮމެންޓް