އަންދާޒާއަށް ވުރެ އާމްދަނީ 20.8 ޕަސެންޓް ދަށްވެއްޖެ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިމިދިޔަ ފެބްރުއަރީ މަހު ޓެކްސް އާމްދަނީގެ ގޮތުގައި މީރާއަށް ލިބޭނެ ކަމަށް، އަންދާޒާ ކުރި ވަރަށް ވުރެ ލިބުނު މިންވަރު، 20.8 ޕަސެންޓް ދަށްވެއްޖެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 1.72 ބިލިއަން ރުފިޔާއެވެ. އަދި ޑޮލަރުގެ ގޮތުގައި ދައުލަތަށް ލިބުނީ 73.60 މިލިއަން ޑޮލަރެވެ.

މި އާމްދަނީ އަކީ ސަރުކާރުން އަންދާޒާ ކުރިވަރަށް ވުރެ 20.8 ޕަސެންޓް މަދު އަދަދެއް ނަމަވެސް، މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 18.6 ޕަސެންޓް އިތުރު އަދަދެކެވެ.

އެގޮތުން ނިމިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާއަށެވެ. އެއީ މުޅި އާމްދަނީގެ 68.9 ޕަސެންޓެވެ.

އިތުރަށް ލިބުނު އާމްދަނީ ތަކުގެ ތެރޭގައި:

ގްރީން ޓެކްސް: 91.87 މިލިއަން ރުފިޔާ (އާމްދަނީގެ %5.4)

އިންކަމް ޓެކްސް: 182 މިލިއަން ރުފިޔާ (އާމްދަނީގެ %7.2)

އެއާޕޯޓް ޑެވެލޮޕްމެންޓް ފީ: 81.87 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.8)

ޑިޕާޗާ ޓެކްސް: 78.84 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

ބިޒްނަސް ޕްރޮފިޓް ޓެކްސް: 10.52 މިލިއަން ރުފިޔާ

ވިތްހޯލްޑިން ޓެކްސް: 432،081 ރުފިޔާ

މިއަހަރުގެ ފެބްރުއަރީ މަހު 1.72 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ބަލައިގަނެފައިވަނީ 1.44 ބިލިއަން ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު ބަލައިގަނެފައިވަނީ 1.057 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް