މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި، ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހެންވޭރު ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 12:20 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް، އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "ސަން"އަށް ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:22 ހާއިރު ކަމަށެވެ. އެ ކުއްޖާ ނިޔާވި ކަމަށް ކަނޑައެޅީ ރޭ 01:57 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއީ ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އަފްއާލް ވިދާޅުވީ އެއީ ދެ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ހޮސްޕިޓަލަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި އުސް އިމާރާތްތަކުން ވެއްޓި، ބޮޑެތި އަނިޔާތައް ލިބި، އެ އަނިޔާތަކުގެ ސަބަބުން މީހުން މަރުވުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. އެފަދަ ހާދިސާތަކުގައި އާންމުކޮށް ކުޑަކުދިންނާއި ބޮޑު މީހުން ވެސް ވެއްޓެނީ ބެލްކަނިންނާއި ވައި ގޮޅިންނެވެ.

comment ކޮމެންޓް