މައުސޫމްގެ ނުސީދާ ރައްދު: ހަނދާންކޮށްދިނީ ރާއްޖޭގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑުތައް މަތިން

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް -- ސަންފޮޓޯ/ ނާއިލް ހުސައިން

ލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު, ހަރިން ފެނާންޑޯ ރާއްޖޭގެ ފަތުރުވެރިކަމަށް ހަޖޫޖެއްސެވުމުން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް އެކަމަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާގައި ވާހަކަ ދައްކަވަމުން ފެނާންޑޯ ވަނީ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާތާ ފަސް ދުވަހުގެ ތެރޭގައި އެ ފަތުރުވެރިން ފޫހި ވާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ލަންކާ ޕްރޮމޯޓު ކުރަން ރާއްޖޭގެ ޓޫރިޒަމަށް ބަދުބަސް ބުނަން ނުޖެހޭނެ ކަމަށް މި މައްސަލައިގައި ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނެފައިވެއެވެ.

ލަންކާ ޓޫރިޒަމް މިނިސްޓަރުގެ ވާހަކަތަކަށް ރާއްޖޭގެ މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުނު ފަހުން މިނިސްޓަރު މައުސޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ފާއިތުވި ތިން އަހަރު ވެސް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހޯދާފައި ވަނީ ދިވެހިރާއްޖެއިން ކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ދެވަނަ ފަހަރަށް ވެސް އަންނަން މަޖުބޫރުވާފަދަ ފުރިހަމަ ތަނަކަށް ހެދުމަށް ރިސޯޓު ޑިވެލޮޕަރުނާއި ޚިދުމަތްދޭ މީހުން ކުރާ މަސައްކަތަށް މިނިސްޓަރު ޝުކުރުދެންނެވިއެވެ.

ޓްވީޓް ނިންމަވާލައްވަމުން މައުސޫމް ވަނީ މިކަންކަމާ ހަސަދަވެރިވާނަމަ ނުވަތަ ޝައްކު ކުރެވޭނަމަ ލޯގަނޑެއް ކުރިމަތީގައި އެ ސުވާލު ތަކުރާރުކުރަން ވިދާޅުވެފައެވެ.

ރާއްޖޭގެ ޓޫރިޒަމަށް ފާޑުކިޔަމުން ދެއްކި ވާހަކައިގައި ލަންކާގެ ވަޒީރު ވަނީ، ރާއްޖެއަށް މަތީ ފަންތީގެ އަގުބޮޑު ބްރޭންޑްތަކުން ވުނަ ކުރުމަކީ ވެސް މޮޔަ ކަމެއް ކަމަށް ވިދާޅުވެ ލަންކާގައި ވުނަ ކުރަން އެ ބްރޭންޑުތަކަށް ދައުވަތުއެރުއްވިއެވެ.

https://sun.mv/175015

comment ކޮމެންޓް