ޕޯސްޓުން ގެނައި ބައި ކިލޯއަށް ވުރެ ގިނަ ޑުރަގު އަތުލައިގެންފި

ކަސްޓަމުން މީގެ ކުރިން އަތުލާފައިވާ ޑުރަގްސް ----

ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އެ ޕާރުސަލް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

މިފަހަރު އަތުލައިގަތީ މަސްތުވާތަކެތީގެ ބާރު ގަދަ ބާވަތެއް ކަމުގައިވާ "މެފެޑްރޯން" އެވެ. މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 520 ގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު، ނުވަ ލައްކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ވަނީ އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ މިހާރު ހަވާލުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބާރު ގަދަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޕާޓީ ޑުރަގްސް، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ޕޯސްޓް މެދުވެރިކޮށެވެ.

comment ކޮމެންޓް