ހުރަވީ ބިލްޑިން ތަޅާލުމަށް ފަހު ހެދި ޕާކިން ސަރަހައްދުގެ ދެ ކާރު ޒޯނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޚާއްސަކޮށްފިއެވެ.
އެކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓުގައި ބުނީ، އަމީރު އަހުމަދު މަގު ހުރަވީ ބިލްޑިން ކުރިމަތި ޕާކިން ސަރަހައްދު މިހާރު ރައީސް އޮފީހަށް ޚާއްސަކޮށްފައިވާ ކަމަށާއި އެގޮތަށް ހަމަޖެއްސީ ރައީސް އޮފީހުގެ އެދުމުގެ މަތީން ކަމަށެވެ.
ހުރަވީ ބިލްޑިން މީގެކުރިން ބޭނުން ކުރަމުން އައީ ސަރުކާރުގެ އެކި އޮފީސްތައް ހިންގުމަށެވެ. އިމާރާތް ބޭނުންކުރާތާ 35 އަހަރަށް ފަހުން ވަރަށް ބޮޑަށް ބާވެފައި ހުރި ހުރަވީ ބިލްޑިންގ ތަޅާލުމަށްފަހު އެ ސަރަހައްދުގައި ޕާކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
އެތަނުގައި މިހާރު ހަދާފައި ހުރި ޕާކިން ސަރަހައްދުގައި ޖުމްލަ 226 ސައިކަލު ޕާކް ކުރެވޭ އިރު، ވަށައިގެން މީހުންނަށް އިށީނދެވޭނެ އިންތިޒާމްތައް ވެސް ހުރެއެވެ.