ބޯންމައުތު އަތްދަށުވެ ގަދަ ހަތަރަކަށް އަރަން ލިވަޕޫލަށް އިތުރު އިންތިޒާރެއް

ލިވަޕޫލާ ބޯންމައުތް ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/ ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ބޯންމައުތު އަތުން ބަލިވެ، ތާވަލްގެ ގަދަ ތިން ޓީމްތެރޭ ހިމެނުމަށް ލިވަޕޫލުން ކުރަމުން އައި މަސައްކަތް މަޑުޖެހިއްޖެއެވެ.

ބޯންމައުތާ ލިވަޕޫލް ބައްދަލުކުރި މެޗް ބޯންމައުތުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ބޯންމައުތުގެ ދަނޑުގައި ކުޅުނު މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބޯންމައުތަށް ކާމިޔާބުކޮށްދި ނީ، 28 ވަނަ މިނެޓް ތެރޭގައި ފިލިޕް ބިލިންއެވެ.

މެޗްގައި 69 ވަނަ މިނެޓް ތެރޭގައި ލިވަޕޫލަށް ވަނީ، ޕެނަލްޓީއަކުން ނަތީޖާ ބަދަލުކޮށްލާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސަލާހް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ލިވަޕޫލަށް ގޯލެއް ނުޖެހުނު ނަމަވެސް މެޗުގައި މޮޅަށް ކުޅެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައި ވަނީ ލިވަޕޫލުންނެވެ.

މެޗަށް ފަހު މީޑިއާތަކާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ، މެޗް ފަށައިގެން ކުޅުން ކުރިއަށްދިޔައީ ލިވަޕޫލުން ބޭނުންވިގޮތަށް ނޫންކަމަށާއި، ނަތީޖާއަކީ ބޯންމައުތުން ލީޑް ނެގުންކަމަށެވެ.

"މެޗްގައި ބޯންމައުތުން ބޭނުންވިގޮތަށް އެމީހުން ކުޅުނު. އަހަރެމެންނަށް މެޗްގައި މާބޮޑު ކަމެއް ނުކުރެވުނުތަން ފެނިގެން މިދިޔައީ" ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގްގައި ލިވަޕޫލް މިރޭ ބޯންމައުތާ ދެކޮޅަށް ނިކުތީ އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑް 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމުގެ ހިތްހަމަޖެހުމާއިއެކުގައެވެ.

ޕްރިމިއާ ލީގްގައި ލިވަޕޫލް މިހާރު އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. މިރޭ މެޗުން މޮޅުވި ބޯންމައުތު އުޅެނީ 24 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.

comment ކޮމެންޓް