އީރާނާއި ސައޫދީ ގާތްވާން ނިންމުމުން މުސްލިމުންގެ ދުޝްމަނުންނަށް ކަންބޮޑުވުމާއި ސިހުން

އިސްލާމީ ދުނިޔޭގެ ބާރާއި ނުފޫޒު ގަދަ ދެގައުމު ކަމަށްވާ އީރާނާއި ސައޫދީ އަރަބިއާއިން ސިޔާސީ ވާދަވެރިކަމާއި ދެބަސްވުންތައް އެއްފަރާތް ކުރުމަށްފަހު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރަން އެއްބަސްވުމުން މުސްލިމުންގެ އެންމެބޮޑު ދުޝްމަންކަމަށްވާ އިސްރާއީލަށް ހައިރާންކަމާއި ސިހުންލިބި ކަންބޮޑުވާކަން ހާމަކޮށްފިއެވެ.

އީރާނާއި ސައޫދީން މިކަމަށް އެއްބަސްވުމާ ގުޅިގެން ދެއްވި ފުރަތަމަ ބަޔާނުގައި އިސްރާއީލު ގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ އީރާނާއި ސައޫދީ ގާތްވުމަކީ ސައޫދީއާ ގުޅުންތައް އުފެއްދުމަށް އިސްރާއީލު ކުރަމުންއައި މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށާ މިއީ މެދުއިރުމަތީގައި އިސްރާއީލަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމުގައެވެ.

ފަލަސްތީނުގެ ހައްގުތައް ނުދީ އަދި ފަލަސްތީނުގެ ބިންތައް ފޭރިގެނެގެން އޮވެ އަދި ފަލަސްތީނު މީހުން މެރުމާއި އެމީހުންގެ ގެދޮރު ހަލާކުކުރުންފަދަ ޓެރަރިޒަމްގެ ޖަރީމާ ހުއްޓާނުލައި އެކަން ކުރިޔަށް ގެންދަމުން އަރަބި އަދި އިސްލާމީ ގައުމުތަކާ ގުޅުންތައް އުފެއްދުމަކީ އިސްރާއީލުގެ އެންމެ ބޮޑު މަގްސަދެވެ.

މިކަންވަނީ އެމެރިކާގެ އެހީގައި ކޮންމެވެސް ވަރަކަށް އިސްރާއީލުން ކާމިޔާބުވެސް ކޮށްފައެވެ. ނަމަވެސް އިސްރާއީލަށް ކާމިޔާބު ކުރެވިފައިވަނީ މި 6 ގައުމުގައި ވެރިކަންކުރާ އަރަބި ޑިކްޓޭޓަރުންގެ ސަރުކާރުތަކާ ގުޅުން އުފެއްދުން އެކަންޏެވެ. އެގައުމުތަކުގެ ރައްޔިތުން މިގުޅުންތަކާ އިންތިހާއަށް ދެކޮޅުކަމުން ރައްޔިތުންގެ ހިތްތައް ފަތަހަ ކުރުމުގައި އިސްރާއީލާއި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ޗައިނާއިން އީރާނާއި ސައޫދީ ސުލްހަ ކުރުވަނީ

އެއީ މިސްރާއި އުރުދުން، ޔޫއޭއީ އާއި ބަހްރައިން އަދޮ މަޣްރިބް އާއި ސޫދާން ހިމެނޭގޮތަށް އަރަބި 6 ގައުމަކާއެކު އިސްރާއީލުވަނީ ގުޅުންތައް އުފައްދާފައެވެ. އަދި އިސްރާއީލު ގެންދަނީ ސައޫދީއާ ގުޅުންތައް އުފެއްދުމަށްވެސް އެމެރިކާގެ އެހީ ހޯދައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސައޫދީ ދަށުދަރަޖައިގެ ބައެއް މަސްއޫލުވެރިން ސިއްރިޔާތުގައި އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވި ނަމަވެސް އިސްރާއީލާ ގުޅުންތައް އުފައްދައިފިނަމަ އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވެއްޓިދާނެކަމުގެ ބިރަށް ސައޫދީވަނީ މިކަންކުރުމަށް ފަސްޖެހިފައެވެ. އަނެއްކޮޅުން ޓްރަމްޕްގެ ވެރިކަން ނިމުމާއެކު ސައޫދީއާއި އެމެރިކާގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މިއާއެކު ސައޫދީވެސް ގެންދަނީ އިސްރާއީލާ ގުޅުންތައް އުފައްދަންއުޅޭކަމަށްބުނެ އިސްރާއީލުގެ މަސްއޫލޫވެރިން ދައްކަވާ ވާހަކަތައް ދޮގުކުރަމުންނެވެ. ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުޙާން ވަނީ އިސްރާއީލާ ގުޅުންތައް ގާއިމް ކުރެވޭނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަރަބި ސަމިޓްތަކުގައި އަރަބި ވެރިން ނިންމަވާފައިވަނީވެސް މިގޮތަށެވެ. އެއީ ފަލަސްތީނުގެ ބިމާއި ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމުން މިނިވަންވެ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމުންނޫނީ އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް ނުއުފެއްދުމަށެވެ.

އީރާނާއި ސައޫދީ އަރަބިއާއިން ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރަން އެއްބަސްވުމުން އިސްރާއީލުގެ މަސްއޫލުވެރިޔާ ވަނީ މިއީ އިސްރާއީލަށް ކުރިމަތިވި ބޮޑޫ މާޔޫސީ ކަމެއްކަމަށް ސިފަކުރައްވާފައެވެ. އަރަބި ގައުމުތަކާ ގުޅުން އުފެއްދުމަށް އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ކުރިޔަށްގެންދާ އަބްރަހަމް މަޝްރޫއަށްވެސް މިކަމުގެ ނެދެވޭ އަސަރު ކުރާނެކަމަށް ބެލެވޭކަމަށް ވިދާޅުވެ އިސްރާއީލުގެ މަސްއޫލުވެރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޔޫއޭއީ، ބަހްރައިން، ސޫދާން އަދި މަޣްރިބް އާ އިސްރާއީލުން ގުޅުންތައް ގާއިމްކޮށްފައިވަނީ މި މަޝްރޫއުގެ ދަށުންނެވެ.

އީރާނާއި ސައޫދީގެ ގުޅުންތަކާ ގުޅިގެން އިސްރާއީލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައީރު ލެބެޑް ވިދާޅުވީ މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމާއި ނަތަންޔާހޫގެ ސިޔާސަތު މުޅިން ފެއިލް ވެއްޖެކަން ހާމަވެގެން ދިޔަކަމެއް ކަމުގައެވެ.

މެދުއިރުމަތީގެ އެންމެ ނުފޫޒު ގަދަ އިސްލާމީ ދެގައުމު ކަމަށްވާ އީރާނާއި ސައޫދީ ޖައްސައި އެދެގައުމު ދެ ހަތުރުވެރިންގެ ގޮތުގައި އަރާރުމުގެ ހާލަތުގައި ބޭއްވުމަކީ އިސްރާއީލުގެ އިތުރުން އެމެރިކާވެސް ވަރަށް ބޮޑަށް ދުރާލައި ރާވައިގެން މަސައްކަތްކުރަމުން ގެންދާކަމެކެވެ. އީރާނާއި ސައޫދީ ޖައްސައި އެދެގައުމު އަރާރުމާއި ހަތުރުވެރިކަމުގެ ހާލަތުގައި ބޭއްވުމާ އަދި އީރާނަކީ ބިރެއްގެ ގޮތުގައި ސައޫދީ އަށާއި ގަލްފުގެ ގައުމުތަކަށް ދެއްކުމަކީ ސައޫދީއަށާއި ގަލްފުގެ ގައުމުތަކަށް ހަތިޔާރުވިއްކައިގެން ބޮޑު ފައިދާ ހޯދުމަށް އެމެރިކާއަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މިކަމުގެ ފައިދާ އެމެރިކާވަނީ އިންތިހާއަށް ނަގައިފައެވެ.

އީރާނާއި ސައޫދީ ގާތްވުމަކީ އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތިން ކުޑަވެގެންދާކަން ހާމަވާ ކަމެއްކަމަށް މިކަމާބެހޭގޮތުން އަލްޖަޒީރާގައި ވާހަކަދެއްކެވި މުހައްލިލުންވަނީ ސިފަކުރައްވާފައެވެ. އީރާނާއި ސައޫދީ ގާތްވުމުގެ ފަހަތުގައި އޮތީ މިހާރު ދުނިޔޭގައި އޮތް ބޮޑު ދެބާރުންކުރެ އެއްބާރުކަމަށްވާ ޗައިނާއެވެ.

ޗައިނާ ވަނީ އީރާނާއެކު ސްޓްރެޓީޖިކް ގުޅުންތަކެއް އުފައްދާފައެވެ. އަދި ޗައިނާ ގެންދަނީ ސައޫދީއާއި ގަލްފުގެ ގައުމުތަކާއެކުވެސް ވަރަށް ގާތްގުޅުންތަކެއް އުފައްދަމުންނެވެ. ސައޫދީވެސް މިހާރުވަނީ ކުރިން އެމެރިކާއާއެކު ބޭއްވި އެމެރިކާއަށް ބޯލެނބުމާއި އެމެރިކާއަށް ކިޔަމަންވުމުގެ ބޯދާ ސިޔާސަތު ދޫކޮށް އެމެރިކާގެ މަސްލަހަތުގެ ބަދަލުގައި ސައޫދީގެ ގައުމީ މަސްލަހަތާ އަދި މުޅި ސަރަހައްދުގެ މަސްލަހަތަށްވެސް ރިއާޔަތްކުރާ ހަރުދަނާ ޚާރިޖީ ސިޔާސަތެއް މިފަހަކަށް އައިސް ގެންގުޅެން ފަށާފައެވެ.

މިގޮތުން އެމެރިކާގެ ވަރަށް ގިނަ އެދުންތަކަށް މިފަހަކަށް އައިސް ސަޢޫދީވަނީ ނޫނެކޭ ބުނެފައެވެ. މިއީ ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެ ޗައިނާއާއި ރަޝިއާ ގެ ބާރާއި ނުފޫޒު ދުނިޔެއަށް އިތުރުވަމުންދާ އަދުގެ ދުނިޔެ އަށް އަމާޒުކޮށްގެން ސައޫދީ ގެންގުޅެންފެށި ވަރަށް ހަރުދަނާ އައު ޚާރިޖީ ސިޔާސަތެއް ކަމަށް މުހައްލިލުން ސިފަކުރެއެވެ.

އީރާނާއި ސަޢޫދީ ގާތްކުރުމަށް އިރާގާއި އޮމާން ފަދަ އަރަބި ގައުމުތަކުންވެސް ފާއިތުވި ދެއަހަރުތެރޭގައި ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އީރާނާއި ސަޢޫދީ ގުޅުންތައް ގާއިމްކޮށް ސުލްހަވާން ނިންމުމުން މުޅި އިސްލާމީ ދުނިޔެވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

ނަމަވެސް އެމެރިކާ މިކަމަށްދިނީ ވަރަށް ފިނި ތަރުހީބެކެވެ. ޚާއްސަކޮށް މިވަރުގެ ބޮޑުކަމެއް ޗައިނާ މެދުވެރިއަކަށްވެގެން ކާމިޔާބު ކުރުމުން އެމެރިކާއަށްވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އަދި ޒަމާނުއްސުރެ އެމެރިކާގެ ބާރާއި ނުފޫޒު އޮތް ގަލްފުގައިވެސް ޗައިނާގެ ބާރާއި ނުފޫޒު އަދި ޗައިނާގެ ސޮފްޓް ޕަވާ ގަދަވަމުންދާކަމުގެ އިހްސާސްވެސް އެމެރިކާއަށްވަނީ ކުރަންޖެހިފައެވެ. އީރާނާއި ސަޢޫދީ ގުޅުންތައް ބަލައި މޮނިޓާ ކުރަމުންދާނެކަމަށް ބުނެ އެމެރިކާ މިކަމަށް ދިނީ ވަރަށް ފިނި ތަރުހީބެކެވެ.

އީރާނަކީ އިސްރާއީލު ނައްތާލަން ފާޅުގައި ގޮވާލުމުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުފަދަ ޖަމާއަތްތަކަށް އެހީތެރިވާ ގައުމެކެވެ. އެމެރިކާގެ ބިރުދެއްކުންތަކުގެ ސަބަބުން މިއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރަންކެރޭކަމެއް ނޫނެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ދަށުގައި އީރާން އޮންނަތާ 40 އަށްވުރެ ގިނަ އަހަރު ވެއްޖެއެވެ.

އީރާން ގެންދަނީ އަމިއްލަ ނަފްސަށް ބަރޯސާވެ ނިއުކްލިޔާ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީފަދަ ޒަމާނުގެ ޓެކްނޮލޮޖީ ތަރައްގީކޮށް އެމެރިކާއާއި އިސްރާއީލުފަދަ އިސްތިއުމާރީ ބާރުތަކަށް ފާޅުގައި ގޮންޖަހަމުންނެވެ. އިސްރާއީލަކީ ކެންސަރު ސެލް އެއްކަމަށް ސިފަކޮށް އިސްރާއީލު ނައްތާލަން އީރާން ގޮވާލާ ގޮވާލުމުގެ އިތުރުން އީރާންދެކެ އެމެރިކާއާއި ޔޫރަޕް ރުޅިއަންނަ މައިގަނޑު އެއްސަބަބަކީ އަމިއްލަ ނަފްސަށް ބަރޯސާވެ ނިއުކްލިޔާ ޓެކްނޮލޮޖީއާއި އެނޫންވެސް ޓެކްނޮލޮޖީތައް ތަރައްގީކޮށް އަމިއްލައަށް ބާރުވެރިކަން ހޯދަން މަސައްކަތްކޮށް އެކަމުގައި ބޮޑެތި ކާމިޔާބީތައް އީރާނުން ހާސިލް ކޮށްފައިވުމެވެ. އީރާނަކީ މިއަދު ސަރަހައްދީ ބާރެކެވެ. ނިއުކްލިޔާ ހަތިޔާރުގެ އޮޅިގަނޑުގައި އޮތް ގައުމެކެވެ. ހަތިޔާރުގެ ޓެކްނޮލޮޖީގައި ދުނިޔޭގައި ނަންމަޝްހޫރު ގައުމެކެވެ.

ޗައިނާ ބޮޑު ބާރެއްގެ ގޮތުގައި ބައިނަލްއަގްވާމީ މަސްރަހަށް ފާޅުވުމާއި ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ޖިއޮޕޮލިޓިކްސް އަށް އަންނަމުންދާ ބޮޑެތި ބަދލުތަކާ ގުޅިގެން ސައޫދީވެސްވަނީ އެމެރިކާއަށް ޕަޕެޓް ހެދިގެން ކުރިން އުުޅުނު އުޅުން ދޫކޮށްލައި އެމެރިކާގެ މަސްލަހަތަށް ބެލުމުގެ ބަދަލުގައި ސައޫދީގެ އަމިއްލަ ގައުމީ މަސްލަހަތު އިސްކޮށް އުފެއްދުންތެރިކަމުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް