ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަވި އިބްރާހިމް ރިޒާގެ އެންމެ ފަހުގެ އެދިވަޑައިގަތުމަކީ ގުރުއާން މުބާރާތެއް ބާއްވައިދިނުން ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހު ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.
ރިޒާގެ ތައުބީން ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅުގައި އިހްލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވައިފައެވެ. އަދި، އެ މަނިކުފާނާއި ރިޒާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަދުރޭގެ ވާހަކަައިގައި ވަނީ އަލިއަޅުވާލައްވައިފައެވެ.
"ރިޒާއަކީ ހަމައެކަނި ގުރައިދޫ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ނޫން. މުލި، ގުރައީދޫ، މާފުއްޓަށް އެކަނި ޚިދުމަތް ކުރެއްވި ބޭފުޅެއް ނޫން، ރިޒާއަކީ ހަމައެކަނި ޕީޕީއެމަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ވެސް ނޫން. މި ދައުލަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް." އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޒާއަކީ ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެއް ކަމަށާއި އެ މަނިކުފާނުގެ އަމިއްލަފުޅު ބައެއް ކަންކަމުގައި ވެސް ވަރަށް ގިނަގުނަ އެހީތަކެއް ރިޒާ ފޯރުކޮށްދީފައިވާ ކަމަށެވެ.
މިގޮތުން، ޔާމީން އެންމެ ފަހުން ބައްލަވައިގެން ގެކޮޅުގެ ގާނޫނީ ކަންކަން ކުރެއްވުމާއި ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި ޕާޓީގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދި ޝަރީއަތަށް ދާން ޖެހުނު އިރުގައި ވެސް ރިޒާ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވިކަން އަދުރޭ ވަނީ ފާހަގަކުރައްވައިފައެވެ.
އޭނާގެ އިތުރުން އެ ޖަލްސާގައި ވާހަކަދައްވަމުން ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވަނީ ރިޒާގެ ހަޔާތުގެ މައްޗަށް އަލިއަޅުވައިލައްވާ ވަރަށް އަސަރާ އެކު ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ރިޒާއަކީ އަބަދު ވެސް ހިތްހެޔޮކަމާ އެކު އޭނާއަށް ބައްޕައެއްގެ ލޯބިދިން ބޭފުޅެއް ކަމަށާއި އޭނާ ނެތް ކަމުގެ އިހްސާސް އަބަދު ވެސް ކުރާނެ ކަމަށެވެ.
"އެންމެ ފަހުން، މެލޭޝިއާގައި ހުންނަވައި އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ ޔާމީނޭ ތިމަންނަ ބޭނުމޭ ޤުރުއާން މުބާރާތެއް ބާއްވަން، ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ކުރާނަމޭ، އެމްޕީ އެކަމާ ނުވިސްނަވާށޭ." ފުން އަސަރާ އެކު ޔާމީން ވިދާޅުވިއެވެ.
އޭނާ ސިފަކުރި ގޮތުގައި ރިޒާއަކީ ދުވަހަކު ވެސް އެއްވެސް މީހަކާ ދޭތެރޭ ބަދު ބަހެއް ވިދާޅުވި ބޭފުޅެއް ނޫނެވެ. އަދި، އެއްވެސް މީހަކާ ދޭތެރޭ ހިތްބުރަ ކަމެއް އަދި ރުޅިވެރިކަމެއް ނުގެންގުޅުއްވާ ކަމަށާއި އެއީ ހިތްހެޔޮކަމުގެ މިސާލެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދުވަހަކު ވެސް މީހަކަށް ހިތްބުރަ ކަމެއް ނުބާއްވައި، ދުވަހަކު ވެސް މީހަކަށް ނުނިޔަތެއް ނުލައި، ދުވަހަކު ވެސް މީހަކަށް ބަދު ބަހެއް ވިދާޅެއް ނުވޭ." އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަނީ ރިޒާގެ އެކުވެރިންނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ބައިވެރިވެފައެވެ. މިގޮތުން، ރިޒާއަށް ކިޔަވައިދެއްވި ބޭފުޅެއްގެ ހައިސިއްޔަތުންނާއި އަދި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ރިޒާއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
މިގޮތުން ޖަމީލު ސިފަކުރެއްވި ގޮތުގައި ރިޒާއަކީ އަބަދު ވެސް ހިނިތުންވުމާ އެކު ބައްދަލުކުރައްވައި ބޭފުޅެކެވެ. އެއީ، ރިޒާގެ ކިބައިން ފާހަގަވި ވަރަށް ރަނގަޅު ސިފައެއް ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.
"[ޔާމީން] އަވަސްވެ ވަޑައިގެން އެއްސެވީ ކިހިނެއްތޯއޭ އާއިލާގެ ބޭފުޅުން، ރިޒާގެ. އަބްދުއްރަހީމަށް ދެންނެވިންތޯ އޭ ސީދާ ވަޑައިގެން އާއިލާއާ ބައްދަލުކުރައްވާށޭ، އަދި ކައުންސިލްގެ ރައީސަށް ދަންނަވާށޭ ތިމަން މަނިކުފާނުގެ ނަމުގައި މުޅި ދާއިރާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާށޭ." ޖަމީލް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެ ވަގުތު ފެނުނު ރައީސްގެ [ޔާމީންގެ] ލޯފުޅުން ކަރުނަ ފޭބިތަން. އެހެން ނުވާންވީ ސަބަބެއް ވެސް ނެތް. ވަރަށް ޚިދުމަތްތެރި ބޭފުޅެއް ރިޒާއަކީ. ރައީސް ޔާމީންގެ އަރިހުގައި ތަރުބިއްޔަތު ވެވަޑައިގެންނެވި ބޭފުޅެއް."
އެ މަނިކުފާނު ސިފަ ކުރެއްވި ގޮތުގައި ރިޒާއަކީ ޕީޕީއެމުން ކުރަމުންދާ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. އަދި، ޔާމީނާ އެކު އިހްލާސްތެރިކަމާ އެކު ދެމިހުންނެވި މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި ޖަމީލް ވަނީ ރިޒާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.
ކުރީގެ މެންބަރު ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޒާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ އަކީ ގާނޫނީ ވަކީލެކެވެ. 2009ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ.