އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ފައިނޭންސިންއާ ބެހޭ އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެ ޔުނިވާސިޓީއިން މިއަދު ބުނެފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް، އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް (އެމްއައިބީ އައިފެމް)ގެ ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ މާދަމާ ހެނދުނު 10:00އިން ހަވީރު 06:00އަށް އައިޔޫއެމްގެ ހޯލްގައެވެ.
އައިޔޫއެމްއިން ބުނީ އެ އުމްރާ ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ޙައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ކަމަށެވެ.
މިއީ އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެ ރާއްޖޭގައި މިފަދަ އެގްޒިބިޝަނެއް ބާއްވާ ފުރަތަމަ ފަހަރުކަން އެ ޔުނިވާސިޓީއިން ފާހަގަކުރެއެވެ.
އިސްލާމިކް ޔުނިވާސިޓީއިން ބުނީ މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުން ކަމަށެވެ. މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ބައިވެރިވާ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ އެ އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކުން، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯކް އިން އިންޓަވިއު ކުރާގޮތަށް ވެސް ހަމަޖައްސާފައިވާކަން ޔުނިވާސިޓީއިން ފާހަގަކުރެއެވެ.
އައިޔޫއެމްއިން ބުނީ އެ އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާ ބެހޭ ދެ ކުއިޒެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކުއިޒުން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްތައް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ.
އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށް ޔުނިވާސިޓީއިން ބުނީ އެ އިނާމް ސްޕޮންސާ ކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުން ކަމަށެވެ. އަދި ކުއްލިއްޔާ އޮފް މެނޭޖްމެންޓް އެންޑް އިކޮނަމިކް ސްޓަޑީޒްގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް ކިންޑަލްއެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީއިން ބުންޏެވެ.