ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް އަލުން ފަށަނީ

މާލޭ މަގުމަތީގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މެދުކަނޑާލާފައިވާ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަ އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު އަލުން ފަށާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ، އެކްސްޕެޓް ސިސްޓަމުގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު އަލުން ފަށާއިރު، ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ މީހުނަށް ދައްކަންޖެހޭ ކޯޓާ ފީވެސް ދެއްކޭނޭ ކަމަށެވެ. ކޯޓާ ފީއަކީ ވަޒީފާ ދޭ ފަރާތުން އަހަރަކަށް ދައްކަންޖެހޭ 2000 ރުފިޔާގެ ފީއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވަޒީފާ ދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެހެން، ހަމަޖެހިފައިވާ އުސޫލުން ބަހާލައިގެން ކޯޓާ ފީ ދެއްކޭނޭ އިންތިޒާމް މިހާރު އެކްސްޕެޓް ސިސްޓަމުން ލިބިގެންދާނޭކަމަށެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަ އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެކްސްޕެޓް ސިސްޓަމުގެ ޚިދުމަތް މެދުކަނޑާލީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން އޭރު ބުންޏެވެ.

comment ކޮމެންޓް