ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގަތަކެއް

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގަތަކެއް ހުޅުވާލައިފި --

ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ 1444 ވަނަ އަހަރުގެ ޙައްޖަށް ގެންދަން އެ ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓް، ހާއްސަކުރާނީ ހައްޖަށް ދާން ފައިސާ ދައްކާ، ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، އަލަށް ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފަރާތްތަކުގެ ތެރެއިން، އެ އުސޫލުގެ މަތީން ޚާއްސަ ކުރެވޭ ޖާގައަށް އެދި އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި ހެލްތް ސާޓިފިކޭޝަން ފޯމާއެކު މި ހިނގާ މާރިޗު މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އަންގާފައެވެ.

ސަރުކާރުން އަންނަނީ ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާ އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެފައިވާ ގޮތުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ ރަސްމީ 1000 ޙައްޖު ކޯޓާގެ އިތުރަށް 1500 ކޯޓާ ހޯދަން ދަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް