މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން -- ފޮޓޯ/ ރޮއިޓާސް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާނެ ކަމަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެލޭޝިއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ ރައީސް އައްޒާމް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މުހްޔިއްދީންގެ މައްޗަށް ދައުވާ ކުރަން ނިންމާފައި މިވަނީ، މި އަހަރުގެ މެދުތެރޭގައި ހަ ސްޓޭޓެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ސަރަހައްދީ އިންތިހާބާ ދިމާކޮށް، ކުރީގެ ބޮޑުވަޒީރުގެ ކޯލިޝަނުން އަންވަރުގެ ސަރުކާރަށް ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.

މެލޭޝިޔާގައި 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު 17 މަސްދުވަހު ބޮޑުވަޒީރުކަން ކުރެއްވި މުހްޔިއްދީން މިއަދު ހެނދުނު ވަނީ އެމްއޭސީސީގެ އޮފީސްތަކަށް ވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ވާދަވެރި އިންތިހާބުގައި ބޮޑުވަޒީރު އަންވަރު އިބްރާހިމް އަތުން ބަލިވި ފަހުން މުހްޔިއްދީނާއި އޭނާގެ ޕާޓީއަށް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ކުރިމަތިވެފައެވެ.

އަންވަރު ވަނީ ކޮވިޑް-19 ރިލީފް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް މުހްޔިއްދީން ހުއްދަ ދެއްވި އެތައް ބިލިއަން ޑޮލަރެއްގެ ސަރުކާރުގެ މަޝްރޫއުތައް މުރާޖައާ ކުރަން މިދިޔަ އަހަރު އަންގަވައިފައެވެ.

މުހްޔިއްދީން ވަނީ މީގެ ކުރިން އެ ތުހުމަތުތައް ދޮގުކުރައްވައި އެއީ ސިޔާސީ ބަދަލު ހިފުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މިކަމާ ގުޅިގެން އަންވަރު ވިދާޅުވީ މުހްޔިއްދީންގެ ކޮރަޕްޝަންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.

މުހްޔިއްދީންގެ ޕާޓީއަށް ނިސްބަތްވާ ދެ ލީޑަރުންގެ މައްޗަށް އެމްއޭސީސީން ރިޝްވަތުގެ ދައުވާ އުފުލާފައިވަނީ އޭނާގެ ސަރުކާރުން ފަށާފައިވާ އިކޮނޮމިކް ރިކަވަރީ ޕްރޮޖެކްޓަކާ ގުޅިގެންނެވެ. އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްއޭސީސީން މިދިޔަ މަހު މުހްޔިއްދީނާ ސުވާލުކޮށްފައި ވާއިރު، މުހްޔިއްދީންގެ ޕާޓީގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް