ގާތުންދޭ މައިންނަށް އެމްއެމްއޭއިން ދެ ގަޑިއިރުގެ ހުސްވަގުތެއް ދެނީ

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން މުވައްޒަފުންނާއެކު ބޭއްވި ޚާއްސަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްއެމްއޭ

މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ)ގައި މަސައްކަތްކުރާ ގާތުންދޭ މައިންނަށް، މަސައްކަތުގެ ގަޑީގެ ތެރެއިން ދެގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރަން ދޭން އެމްއެމްއޭއިން ނިންމައިފިއެވެ.

އެ އިދާރާއިން މިބަދަލު ގެނެސްފައި ވަނީ، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންނާއެކު އިއްޔެ ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.

އެމްއެމްއޭގައި މަސައްކަތް ކުރާ ގާތުން ދެ މައިންނަށް މީގެ ކުރިން ދެމުން އައީ އެއް ގަޑިއިރުގެ ބްރޭކެކެވެ. ނަމަވެސް ދެން ގާތުންދޭ މައިންނަށް ދެ ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ.

މި ބައްދަލުވުމުގައި، އެމްއެމްއޭ އިން ވަނީ އެ އިދާރާއަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް އަންހެނުންނަށް ވަޒީފާއަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރާ އިދާރާއެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް ނަމޫނާ ދައްކަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ އެމްއެމްއޭއެވެ.

comment ކޮމެންޓް